މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވަން ފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ގެސްޓްހައުސްތައް ވަކި އުސޫލެއްގެ ދަށުން ހުޅުވުމުގެ ހުއްދަދީފައެވެ. މި އުސޫލުތަކާ އެކީގައި 15 ގެސްޓްހައުސްއެއް ހުޅުވާފައިވާ ކަމަށްވެއެވެ. އަދި މި މަސް ނިމުމުގެ ކުރިން ގިނަ ގެސްޓްހައުސްތަކެއް ހުޅުވަން ވަނީ ހަމަޖެހިފައެވެ.

ގްރޭޓަ މާލެެ ސަރަހައްދުގައި ހިމެނޭ ހުޅުމާލެ، މާލެެ އަދި ވިލިމާލޭގެ ގެސްޓު ހައުސްތައް ހުޅުވުމަށް ހުއްދަ ދީފައި ވަނީ މިހާރު ފެތުރެމުން އަންނަ ނުރައްކާތެެރި ކޮވިޑް-19 އާއި ގުޅިގެން އެެތަންތަން ބަންދުކޮށްފައި ހުންނަތާ ނުވަ މަސް ފަހުންނެެވެ.

ކޮވިޑާއި ގުޅިގެން ބަންދުކުރުމާއު ހަމަޔަށް މާލެެ ސަރަހައްދުގައި 80 އަށްވުރެ ގިނަ ގެސްޓު ހައުސް ހިންގިއެެވެ. އޭރު ގެސްޓުހައުސް ހިންގި އަދަދާއި އަޅައި ބަލާއިރު މިހާތަނަށް ހުޅުވާފައި ވަނީ މަދު ތަނެކެވެ.

މާލެ ސަރަހައްދުގައި ގެސްޓުހައުއްތައް ހުޅުވާއިރު އަމަލުކުރަން ޖެހޭ އުސޫލުތައް ޓޫރިޒަމް މިނިސްޓްރީ އިން އާންމުކުރީ އިިއްޔެއެވެެ.

އެއުސޫލުތަކުގައި ބުނެފައި ވަނީ ގްރޭޓާ މާލޭ އޭރިޔާގެ ގެސްޓްހައުސްތަކާއި ހޮޓާތަކުން ކޮވިޑް-19 ފެތުރުމުގެ ހިރާސް (ރިސްކު) ބޮޑު ކަމަށެވެ. އެހެންކަމުން ގެސްޓްހައުސްތަކާއި ހޮޓާތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ކޮންމެ މަހަކު ކޮވިޑް-19 ޕީސީއާރް ޓެސްޓެއް ކުރަން ޖެހޭނެ ކަމަށް ގައިޑްލައިންގައި ބުނެފައި ވެއެވެ.

ގައިޑްލައިންގައި ހުރި އެހެން ކަންކަންތައްތަކަކީ މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގެ ގެސްޓްހައުސްތަކުގައި ވެސް އަމަލު ކުރަން އެޗްޕީއޭ އިން ކަނޑައަޅާފައިވާ ކަންކަމެވެ. އޭގެތެރޭގައި ފަތުރުވެރިން ރާއްޖެ އަންނައިރު 72 ގަޑިއިރު ހަމަނުވާ ކޮވިޑް-19 އަށް ޓެސްޓް ކޮށްފައި އޮންނަ ލިޔުމެއް ހުށަހަޅަން ޖެހުމާއި ރާއްޖެ އިން ފުރުމުގެ 48 ގަޑިއިރުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓް ކުރުން ހިމެނެއެވެ. ރާއްޖެ އިން އެއްވެސް ފަތުރުވެރިޔަކަށް ފުރޭނީ ކޮވިޑް-19 އަށް ޓެސްޓްކޮށް ނަތީޖާ ނައްސިވުމުންނެވެ.

ގެސްޓްހައުސްތަކާއި ހޮޓާތަކުގައި ވެސް ފަތުރުވެރިޔަކުގެ ކިބައިން ކޮވިޑް-19 އަލާމާތެއް ފެނިއްޖެނަމަ އެމީހަކު އެކަހެރި ކުރެވޭނެ ކޮޓަރިއެއް ހުންނަން ޖެހޭނެ ކަމަށް ގައިޑްލައިން ބުނެއެވެ. ފަތުރުވެރިޔާ ކޮވިޑް-19 އަށް ޓެސްޓްކޮށް ނަތީޖާ ލިބެންދެން ހުންނަން ޖެހޭނީ އެތަނުގައެވެ.

އަދި މުވައްޒަފެއްގެ ކިބައިން އަލާމާތެއް ފެނިއްޖެނަމަ އޭނާ ވެސް ކޮވިޑް-19 އަށް ޓެސްޓް ކުރަން ޖެހޭނެއެވެ. މުވައްޒަފުގެ ނަތީޖާ ކޮވިޑް-19 އަށް ނައްސިވި ނަމަވެސް ވަޒީފާ އަށް ނުނިކުމެ 48 ގަޑިއިރު މަޑުކުރަން ޖެހޭނެއެވެ.