ރާއްޖެއަށް ޗުއްޓީހޭދަކޮށްލުމަށް އަންނަ މި އަހަރުގެ ފަސް ލައްކަ ވަނަ ފަތުުރުވެރިޔާ މާދަމާ އަންނާތީ ހާއްސަ ހަރަކާތެއް ބާއްވަން އެމްއެމްޕީއާރްސީން ނިންމައިފިއެވެ.

މި ފަތުރުވެރިޔާ މާދަން އަންނާތީ މީޑިއާތަކަށް ވަނީ ދައުވަތު ދީފައެވެ.

އެ ދައުވަތުގައި ބުނެފައި ވަނީ، މި އަހަރުގެ ފަސް ލައްކަ ވަނަ ފަތުުރުވެރިޔާ މާދަމާ ރާއްޖެ އަންނާތީ ބާއްވާ ހާއްސަ އިވެންޓަށް ދައުވަތު އަރުވާ ކަމަށެވެ.

އާއްމުކޮށް މިގޮތަށް ކަނޑައަޅާފައިވާ ހާއްސަ ނަމްބަރުގެ ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް ކިޔައެވެ. އެ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައި، އޭނާ ދެވަނަ ފަހަރަށް ރާއްޖެ އަންނަ ވަރަށް ހިތްހަމަޖައްސައި ދެއެވެ. އެގޮތުން ބޮޑުބެރުގެ ހަރަކާތްތަކާއެކު، ފަތުރުވެރިޔާއަށް މަރުހަބާ ކިޔާއިރު، ބައެއް ފަހަރު ރިސޯޓްތަކުގައި ހިލޭ ހުރުމުގެ ފުރުސަތުވެސް ދެއެވެ.

މާދަމާ އަންނަ، ފަސް ލައްކަ ވަނަ މި ފަތުރުވެރިޔާ ރާއްޖެ އަންނާނެ ކަމަށް ބެލެވެނީ މެންދުރު އެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން، އައި އެއްލައްކަ ވަނަ ފަތުރުވެރިޔާއަށްވެސް ހޫނު މަރުހަބާއެއް ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހާއްސަ ހަރަކާތެއް ބާއްވާފައި ވެއެވެ.

މި އަހަރު މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މި ވަނީ 495718 އަށް އަރާފައެވެ.

ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ބަލާއިރު، ރާއްޖެއަށް 36730 ފަތުރުވެރިން އައިސްފައި ވެއެވެ.ޑިސެމްބަރު މަސް ފެށުނު ފަހުން ކޮންމެ ދުވަހަކު 2000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އާދެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ލޮޅުން އައިސްފައިވާއިރު، ފަތުރުވެރިކަން ކުރިއެރުވުމަށް ހާއްސަ ހަރަކާތްތަކެއް ވަނީ ފަށާފައެވެ.