މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފަސް ލައްކަ ވަނަ ފަތުރުވެރިޔާއަށް ރާއްޖެ އިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މިއަހަރު ރާއްޖެ އައި ފަސްލައްކަވަނަ ފަތުރުވެރިޔާ އަކީ ޖަރުމަނަ ވިލާތުގެ ކްރިސްޓީން ނަމަކަށް ކިޔާ އަންހެނެކެވެ. އޭނާ ރާއްޖެ އައިސްފައިވަނީ އެމިރޭޓްސްގެ ފްލައިޓެއްގައި މިއަދު ހެނދުނު 11:05 ހާއިރުއެވެ.

ރާއްޖެ އަށް މިއަހަރު އައި ފަސްލައްކަ ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އައިއިރު އެމްއެމްޕީއާރުސީން ވަނީ އެ ފަތުރުވެރިޔާއަށް ހޫނު މަރުޚަބާއެއް ކިޔުމަށް ހާއްސަ ކަންތައްތަކެއް އެއާޕޯޓުގައި ކުރިއަށްގެންގޮސްފައެވެ. އެއާޕޯޓްގައި ސަގާފީ ހަރަކާތްތަކަކާއެކު ފަތުރުވެރިޔާއަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި ޓުއަރިޒަމް މިނިސްޓްރީ، އެމްއެމްޕީއާރުސީ، އެމްއޭސީއެލް އަދި މޯލްޑިވްސް އިމިގްރޭޝަނުން ވަނީ އޭނާއަށް ޚާއްސަ ހަދިޔާތަކެއްވެސް ދީފައެވެ.

މިއަހަރުގެ ފަސްލައްކަވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އައިއިރު ކުރިން ލަފާކޮށްފައި އޮތީ ފަސް ލައްކަވަނަ ފަތުުރުވެރިޔާ އަންނާނީ މިމަހުގެ 19 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ފަސްލައްކަ ފަތުރުވެރިންގެ އަމާޒަށް އޭގެކުރިން ވާސިލުވެވުނީއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، މިއަހަރު 525000 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެކަމަށް މިހާރު ލަފާކުރެވޭ ކަމަށެވެ. އަދި އަންނަ އަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެކަމަށް މިހާރު އެ މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.