އެމިރޭޓްސް އިން ރާއްޖެ އަށް ކުރާ ދަތުރުތައް އަނެއްކާ ވެސް އިތުރުކޮށްފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވިދާޅުވީ މިއަދުން ފެށިގެން އެމިރޭޓްސް އިން ރާއްޖެ އާއި ދުބާއީ އާ ދެމެދު ދުވާލަކު ހަތަރު ފްލައިޓެއް ބާއްވާނެ ކަމަށެވެ. މީގެކުރިން ދުވާލަކު ތިން ދަތުރު ރާއްޖެ އާއި ދުބާއީއާ ދެމެދު ކުރެއެވެ.

މި ބަދަލާ އެކު، އެމިރޭޓްސް އިން ދުވާލަކު 1،400 ފަސެންޖަރުން އުފުލުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމްއޭސީއެލް އިން ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު، ހުޅުވާލި ފަހުން އެންމެ ގިނަ ފަތުރުވެރިން އުފުލާފައި ވަނީ އެމެރިޓޭސް އިންނެވެ. ބޯޑަރު ހުޅުވާލުމަށްފަހު ރާއްޖެ އަށް ދަތުރުފެށި ދެ ވަނަ އެއާލައިނަކީ އެމިރޭޓްސްއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖުލައި 15 ގައި ބޯޑަރު ހުޅުވާލި ފަހުން، މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް އެމިރޭޓްސް އިން 33،769 ފަސިންޖަރުން ރާއްޖެ އަށް އައިސްފައިވެއެވެ. އެއީ 352 ފްލައިޓު މޫވްމަންޓެވެ. ދެ ވަނަ އަށް އެންމެ ގިނަ މީހުން އުފުލީ ގަތަރު އެއާވޭސް އިންނެވެ. އަދި ތިން ވަނަ ލިބެނީ އެއިރޯފްލޮޓްއަށެވެ.