އަމިއްލަ ފަރުދުންގެ 31 ވިޔަފާރިއެއް އުވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނުގެ ދަށުން އެ މިނިސްޓްރީގެ ދަށުގައި ރަޖިސްޓްރީކޮށްފައިވާ 31 ވިޔަފާރިއެއް އުވާލާފައިވާ ކަމަށެެވެ. އެ މިނިސްޓްރީ އިން ވިދާޅުވީ އެ ވިޔަފާރިތައް އުވާލާފައި ވަނީ މިދިިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ކަމަށެވެ.

މި ކުންފުނިތައް އުވާލާފައިވާ ވަކި ސަބަބެއް އަދި އެ މިނިސްޓްރީ އިން ހާމަކޮށްފައެއް ނުވެއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ވެސް ވަނީ މިފަދަ 51 ކުންފުންޏެއް އުވާލައިފައެވެ.

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު އެކުލަވާލާފައި ވަނީ 2014 ވަނަ އަހަރުގެ ތެރޭގައެވެ. އެ ގާނޫނު އެކުލަވާލާފައި ވަނީ އަމިއްލަ ފަރުދުން ވިޔަފާރީގެ ދާއިރާ އަށް ނެރެ އެމީހުންނަށް ކުރިއެރުން ހޯދައި ދިނުމުގެ ގޮތުންނެވެ.

އިކޮނޮމިކް މިނިސްޓްރީ އިން މިހާތަނަށް 4،924 ކުންފުންޏެއް ވަނީ އުވާލާފައެވެ. ކުންފުނިތައް އުވާލުމުގެ ކަންކަން ކުރިއަށް ދާނީ ކުންފުނި އުވާލުމަށް ރަޖިސްޓްރާ އޮފް ކޮމްޕެނީޒް ކަނޑައަޅައި، ކުންފުނިތައް އުވާލުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދުގެ ދަށުންނެވެ.

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ހުއްދަ ބާތިލު ކުރެވޭނެ ދެ ޚާލަތެއް: (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ)

1- އެ ވިޔަފާރި ގާނޫނާ ހިލާފު އަމަލެއް ނުވަތަ އަމަލުތަކެއް ހިންގުމަށް ބޭނުން ކުރާ ކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް، ރަޖިސްޓްރާއަށް ގަބޫލުކުރެވުން.

2- އެ ވިޔަފާރިއަކީ، އާއްމު މަސްލަހަތަށް ނުރައްކަލެއް ކުރިމަތިކުރުމުގެ ބޭނުމުގައި ހިންގާ ވިޔަފާރިއެއް ކަމުގައި އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް، ރަޖިސްޓްރާއަށް ގަބޫލުކުރެވުން.