ކުލިން އާމްދަނީ ލިބޭ އާންމު ފަރުދުންނަށް ދޫކުރާ ލައިފްސްޓައިލް ފައިނޭންސިންގ އަށް ބީއެލްއެލް އިސްލާމިކް އިން ހޮޔެ ބަދަލުތަކެއް ގެނެސްފިއެެވެ.

މި ފެސިލިޓީ އަކީ ޝަރުޢީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިން މުރާބަހާ، މުޝާރަކާ، ވަކާލާ އަދި ޢިޖާރާ ގެ ދަށުން އެކުލަވާލެވިފައިވާ ފެސިލިޓީއެކެވެ.

ބީއެމްއެލް އިން ބުނީ މި ބަދަލާއެކު، ބީއެމްއެލް ލައިފްސްޓައިލް ފައިނޭންސިން އެއްވެސް ރަހުނަކާ ނުލާ %15 ގެ ރޭޓުގައި 25،000 ރުފިޔާ އިން ފެށިގެން 300،000 ރުފިޔާ އާ ހަމަޔަށް ދޫކުރެވޭނެ ކަމަށެވެ. އަދި 300،000 ރުފިޔާއިން ފެށިގެން 1.5 މިލިއަން ރުފިޔާއާ ހަމަޔަށް ފައިނޭންސިންގ ބޭނުންވާ ފަރާތްތަކަށް ރަހުނާއެކު %12 އަށް ކުޑަކުރެވިފައިވާ ރޭޓެއްގައި ފައިނޭންސް ލިބޭނެ ކަމަށް ވިދާޅުވިއެވެ.

ބީއެމްއެލްގެ ޑިރެކްޓަރ އޮފް އިސްލާމިކް ބޭންކިންގ ސުރީ ހާނިމް މުޙައްމަދު ވިދާޅުވީ ކުލީގެ ގޮތުގައި އާމްދަނީ ލިބޭ ފަރާތްތަކަށް ހާއްސަކޮށް ދޫކުރާ މި ފެސިލިޓީއަށް ހެޔޮ ބަދަލެއް ގެނެވުމަކީ އަޅުގަނޑުމެންނަށް ލިބުނު އުފަލެއް ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ ބީއެމްއެލް އިސްލާމިކްގެ ޕޯޓްފޯލިއޯ ރަނގަޅުކޮށް އަދި ޝަރުޢީ ހަމަތަކާ އެއްގޮތްވާ ފެސިލިޓީ ބޭނުންވާ ކަސްޓަމަރުން އިތުުރުވަމުންދިޔުމާއެކު، އެންމެ ރަނގަޅު ގޮތްތައް ކަސްޓަމަރުންނަށް ހޯދައިދިނުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން."އޭނާ ވިދާޅުވިއެވެ.

ބީއެމްއެލް އިސްލާމިކް ޚިދުމަތްތައް ފަރުމާ ކުރެވިފައިވަނީ އިސްލާމިކް ބޭންކިންގ އާ ގުޅޭ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުޢީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިންނެވެ. ލައިފްސްޓައިލް ފައިނޭންސިންގ އަށް އެދި ހ. ޒޮނޭރިއާ ގައި ހުންނަ ބީއެމްއެލްގެ އިސްލާމިކް މާލެ ބްރާންޗަށް ހުށަހެޅޭނެއެވެ. އަދި އަތޮޅު ތެރެއިންނަމަ ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށްވެސް އެދި ހުށަހެޅޭނެއެވެ.

ބީއެމްއެލް އިސްލާމިކް ލައިފްސްޓައިލް ފައިނޭންސިންގ އާ ގުޅޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓް އިން ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޒާ

    ލޯނު ދޫކުރެވޭތީ ބީއެމްއެލް އިން ކިތަންމެ އުފާކުރިޔަސް. ތިބޭންކުން ލޯނެއްނަގައިފިމީހަކު ކަރުމަޅިއެ އެޅުނީ. މީހާހަފުސްވާނެ.

  2. މިސޮރު

    ކުލި ނުވަތަ މުސާރަ ލިބޭ މީހާއަށް ސަރުކާރުން އެހީމިވަނީ...އެއްޗެއް ނުލިބޭ ނިކަމެތި މީހާ އެއީ ބޭކާރު މީހެއްގެ ގޮތުގައި އިތުރަށް ނިކަމެތި ކޮށްލަނީ...ހާދަ ދެރަ ކަންކަމޭ މިހުންނަނީ...

  3. ޢަގު ބޮޑޭ

    15% ބޮޑޫ

    • ....

      15% ގެ އިންޓްރެސްޓްގައި 800000 ނަގައިފި ނަމަ ދައްކާ ނިމޭއިރު އިންނާނީ 1600000 ދެއްކިފަ...މާނައަކީ ހަގީގަތުގައި %100 އިންޓްރެސްޓް ގައޭ ލޯނު އެދޫކުރަނީ...