މިއަހަރު މިހާތަނަށް ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 13.6 ބިލިއަން ރުފިޔާ ކަމަށާއި ނަމަވެސް މިއަހަރުގެ މިހާތަނަށް 25.4 ބިލިއަން ރުފިޔާ ސަރުކާރުން އެކިކަންކަމަށް ޚަރަދު ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރު އާމްދަނީގެ ގޮތުގައި 29 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ނަމަވެސް އާމްދަނީ ގާތްގަނޑަކަށް %50 ދަށަށް ގޮސްފައި މިވަނީ ކޮވިޑް-19 އާއި ގުޅިގެން ފަތުރުވެރިން އައުން ހުއްޓި، އަދި އިޤުތިޞާދީ އެހެން މަސައްކަތްތަކަށް ވެސް ބުރޫއެރުމުންނެވެ. މިދިޔަ އަހަރު މިހައިތަނަށް 22.8 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބުނެވެ.
މިއަހަރު 25.4 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައި ވާއިރު މިއީ މިދިޔަ އަހަރާއި ދާދިއެއްވަރުގެ އަދަދެކެވެ. މިދިޔަ އަހަރު މިހައިތަނަށް ޚަރަދުވީ 25.8 ބިލިއަން ރުފިޔާއެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު ކޮވިޑް-19 އާއި ގުޅިގެން ޚަރަދު ކުޑަކުރުމުގެ ބައެއް ފިޔަވަޅުތައް އަޅައި އަދި އޮފީސްތައް ގިނަ ދުވަސްތަކަކަށް ބަންދުކުރި ނަމަވެސް ދައުލަތުގެ ޚަރަދު ކުޑަކުރެވުނު ކަމަކަށް ނުދައްކައެވެ.
ދައުލަތުގެ ޚަރަދުތަކަށް ބަލާއިރު މިއަހަރު އެންމެ ބޮޑު ޚަރަދެއް ކޮށްފައި ވަނީ ޕްލޭނިން މިނިސްޓްރީންނެވެ. އެމިނިސްޓްރީން ކުރި ޚަރަދު 2.38 ބިލިއަން ރުފިޔާއަށް އަރައެވެ. އެޑިއުކޭޝަން މިނިސްޓްރީން ވެސް ވަނީ 2.3 ބިލިއަން ރުފިޔާ މިއަހަރު މިހާތަނަށް ޚަރަދު ކޮށްފައެވެ. ދެން އެންމެ ބޮޑު ޚަރަދެއް ކޮށްފައި ވަނީ ހެލްތު މިނިސްޓްރީންނެވެ. އެމިނިސްޓްރީން ވެސް ވަނީ ދެބިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ.
މިއަހަރު އާމްދަނީން މަދުވިބައި ހަމަޖައްސާފައި ވަނީ ލޯނު ނަގައިގެންނާއި ޓީބިލް ވިއްކައިގެންނެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤުތިޞާދަށް ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް ދައުލަތުގެ ޚަރަދުތައް ކުޑަނުކުރާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
އަދިވެސް ޕޮލިޓިކަލް މަޤާމުތަކަށް މާމީހުންމަދު
ތީއޮޅުމެއް ސަރުކާރައް ލިބުނީ 25.4 ބިލިޔަން ހަރަދުވީ އެއްމެ 13 ބިލިޔަން...☺
ދަރަނި މެނޭޖް ކުރެވޭނީ ލާރިއެއްލިބިގެން ނުން މިކަންވެސް ރައީސް ޔާމީ އިސްތަށިފުޅުގައި އަޅުވާފައި ބޯދަމާގަނޭ
ނޭގެނީ ގައުމު ހިންގަން ކޮވިޑް އެންމެެ ގިނައީ ވެސް އެމެރިކާގާއި މިއީކީ ރާއްޖެއަށް އެކަނި އައި އެއްޗެއްނޫން އަދި ލިބުނުހައި ހިލޭ އެހީކޮބާ!!!!1
ލިބުނުހާ އެހީތައް އެއީ ބޮޑުންނަށް ދިން ސަޔަކީތޯ