އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ، އަބުހަރީ ގްރޭންޑްގައި ޒަމާނީ ފެންވަރަށް ތައްޔާރުކޮށްފައިވާ ސްވިމިން ޕޫލް ހުޅުވައިފިއެވެ.

މިއަދު އަބުހަރީ ގްރޭންޑްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕޫލް ހުޅުވާދެއްވީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އެއިމްސްގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ދީދީ (އައިބީ)އެވެ. އެ ޕޫލް ހުޅުވާދެއްވާ ވާހަކަދައްކަވަމުން އައިބީ ވަނީ އައްޑޫގައި ރަނގަޅު ފެންވަރުގެ ގެސްޓް ހައުސްއެއް ބިނާކުރައްވާ، އެތަން ހިންގެވުމުގައި އަބުހަރީ ގްރޭންޑުން ކުރާ މަސައްކަތް ފާހަގަކުރައްވާފައެވެ.

އަބުހަރީ ގްރޭންޑް ގެ ޕޫލްހުޅުވަން ބޭއްވި ރަސްމިއްޔާތު - ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އޭނާ ވިދާޅުވީ، އެތަނަކީ މުޅި އައްޑޫ އަށް ވެސް ލިބޭ ފަޚުރެއް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އަދި ކޮވިޑް-19 ފަދަ ބޮޑު ބަލިމަޑުކަމެއް ފެތުރެމުންދާ މި ދަނޑިވަޅުގައި ވެސް ބޮޑު ޚަރަދެއްކޮށްގެން އައްޑޫގައި އެފަދަ ތަނެއް ޤާއިމްކުރި ކަމަށްޓައި އޭނާ ވަނީ އަބުހަރީ ގްރޭންޑްގެ ޓީމަށް ޝުކުރު އަދާކުރައްވާފައެވެ.

"އައްޑޫގައި ގިނަ އަދަދެއްގެ ވިޔަފާރިވެރިންތަކެއް ތިބި ނަމަވެސް ޒުހައިރު މިފަދަ އިސްނެގުމެއް ނެންގެވީތީ ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަދި މިއީ އައްޑޫ ރައްޔިތެއްގެ ހައިސިއްޔަތުން ވަރަށް އުފާ ވެސް ކުރާ ކަމެއް. ވަރަށް ފަޚުރުވެރިވާ ކަމެއް. މިއީ ހަމައެކަނި ފަތުރުވެރިންނަށް އޮތް ކުރިއެރުމެއް ނޫން އައްޑޫ އަށް ވެސް އޮތް ކުރިއެރުމެއް." އޭނާ ވިދާޅުވިއެވެ.

އަބުހަރީ ގްރޭންޑްގެ އިސް ފަރާތްކަމަށްވާ އަބްދުﷲ ޒުހައިރު - ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އަބުހަރީ ގްރޭންޑްގެ އިސް ފަރާތްކަމަށްވާ އަބްދުﷲ ޒުހައިރު "ވަގުތު" އަށް ވިދާޅުވީ މިއަދު ހުޅުވި ސްވިމިން ޕޫލް ފުރިހަމަކުރީ 10 ވަރަކަށް މަސްދުވަހުގެ މަސައްކަތުން ކަމަށެވެ. އެ މަސައްކަތް އެންމެ ފުރަތަމަ ކުރަން ނިންމީ މާލޭން ފަންނީ ބަޔަކު ގެނެސްގެން ކަމަށް ވީނަމަވެސް ކޮވިޑް-19 އާއި ގުޅިގެން މާލޭން އަންނަން އޮތް ޓީމަށް ނާދެވުނު ކަމަށް އޭނާ ވިދާޅުވިއެެވެ.

އަބުހަރީ ގްރޭންޑްގެ އެތެރެ - ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އެހާހިސާބުން އެ މަސައްކަތް ހުއްޓާލުމުގެ ބަދަލުގައި އެ މީހުންގެ ލަފަޔާއި އިރުޝާދާއި އެކު ސްވިމިން ޕޫލްގެ މަސައްކަތް ކުރީ އައްޑޫގެ ޓީމަކުން ކަމަށް އޭނާ ވިދާޅުވިއެވެ.

ގާތްގަނޑަކަށް ނުވަ ލައްކަ ރުފިޔާ ހޭދަކޮށްގެން ހެދި މި ސްވިމިންޕޫލްގެ ޚިދުމަތް ފަތުރުވެރިންގެ އިތުރުން ދިވެހިންނަށް ވެސް ލިބޭނެ މަގު ވަނީ ހަމަޖައްސާފައެވެ.

" އަޅުގަނޑުމެންގެ ބޭނުމަކީ ހަމައެކަނި ފަތުރުވެރިންނަށް ޚިދުމަތްދިނުމެއް ނޫން. ދިވެހިންނަށް ވެސް އާދެވޭނެ އާއިލާތަކާއި އެކު ވަގުތު ހޭދަކޮށްލަން މިތަނަށް. އެއީ މީގެ ޚާއްސަ ކަމަކީ. ފުރަތަމަ މި ފަށަނީ ގަޑި އިރަކަށް 100 ރުފިޔާ އިން. ދެން އިތުރުވާ ގަޑިއަކަށް 50 ރުފިޔާ ނަގާގޮތަށް. އާއިލާ އަށް ޕްރައިވެސީ އޮންނާނެ. ފަހަރަކު އާއިލާ އެއް ބުކިން ހައްދައިގެން ލިބޭނީ. އެހެން ބަޔަކު ނާންނާނެ އެގަޑިއަކު." އޭނާ ވިދާޅުވިއެވެ.

އަބުހަރީ ގްރޭންޑްގައި ހުންނަ ކޮޓަރިއެއް - ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އައްޑޫސިޓީގެ ލިންކްރޯޑްގައި ހުންނަ އަބުހަރީ ގްރޭންޑް އަކީ ސިޓީ ހޮޓާ ފެންވަރަށް ތައްޔާރުކޮށްފައިވާ ތަނަކަށް ވާއިރު، މި ގެސްޓްހައުސްގައި ހިމެނެނީ ޖުމްލަ 15 ކޮޓަރިއެވެ. އަދި މި ކޮޓަރިތަކުގައި ފްރިޖާއި، ޓޮއިލެޓަރީސްވެސް ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމީ ތަނަށް ލިބޭ އިތުރު ފުރިހަމަކެމެކެވެ.

މުޅިއެކު 3 ފަންފިލާ އެކުލެވޭގޮތަށް އިމާރާތްކޮށްފައިވާ އަބުހަރީ ގްރޭންޑްގެ އެންމެ މަތީ ފަންގިފިލާ ޚާއްސަ ކޮށްފައި ވަނީ ރެސްޓޯރެންޓަށެެވެ.

އަބުހަރީ ގްރޭންޑްގެ އެތެރެ - ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މިވަގުތު އެ ރެސްޓޯރެންޓުން ޚިދުމަތްލިބެނީ ހަމައެކަނި ގެސްޓް ހައުސްގެ ޚިދުމަތް ހޯދާ މީހުންނަށް ކަމަށް ވީ ނަމަވެސް، ކުރިއަށް އޮތްތަނުގައި އެ ރެސްޓޯރެންޓްގެ ޚިދުމަތް އާއްމުންނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ވިސްނުން ހުރިކަން އެ ގެސްޓް ހައުސްގެ މެނޭޖްމެންޓުން ފާހަގަކުރައްވައެވެ.


އަބުހަރީ ގްރޭންޑް ހުޅުވާފައި ވަނީ މީގެ ދެ އަހަރު ކުރިންނެވެ. އެތަނުގެ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ފައްތާ، ކަސްޓަމަރުން ހިތްހަމަޖެހޭ ފަދަ ތަނަކަށް ހެދުމަށް އެ ގެސްޓް ހައުސްއިން ވަރަށް ޚާއްސަ އިސްކަމެއް ދޭކަން ފާހަގަކޮށްލަން ޖެހެއެވެ.