ނިމިދިޔަ 2020 އަހަރު ނިންމާލިއިރު، ރާއްޖެއަށް 554،800 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފިއެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވަނީ ހީވެސް ނުކުރާ ބޮޑު އަސަރެއް ކޮށްފައެވެ. ތިން މަހަށްވުރެ ގިނަ ދުވަސް ވަންދެން ބޯޑަރު ބަންދު ކޮށްފައި އޮތުމަށްފަހު ބޯޑަރު ހުޅުވާލާފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އޭގެ ފަހުން ދުވަހުން ދުވަހަށް ރާއްޖެ އަންނަ ފަތުރުވެރިން އަދަދު ވަނީ އިތުރުވާން ފަށާފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ 2020 ވަނަ އަހަރު ނިމުނުއިރު، 554،800 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެއެވެ. ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް އިން މިސާލު ދައްކާފައިވާ ކަމަށެވެ. މިއީ އިންޑަސްޓްރީ ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޓޫރިޒަމްގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާ އިންނެވެ. ގާތްގަނޑަކަށް 32،000 ފަތުރުވެރިން ބޯޑަރު ހުޅުވާލި ފަހުން ރަޝިއާ އިން އައިސްފައި ވެއެވެ.

އަދި މިދިޔަ މަހު އެކަނިވެސް 94،000 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ރަޝިއާ ފިޔަވައި ދެން އެންމެ ގިނަ ފަތުރުވެރިން މިދިޔަ އަހަރު އައިސްފައިވަނީ އިންޑިއާ، އިނގިރޭސިވިލާތް، އެމެރިކާ އަދި ޖަރުމަން ވިލާތުންނެވެ.

މިދިޔަ އަހަރު ނިމުނުއިރު، 254 ގެސްޓްހައުސް އެއް އަލުން ފެށުމަށް ހުއްދަ ދީފައި ވެއެވެ. އަދި 141 ރިސޯޓާއި 11 ހޮޓެލެއް ވަނީ ހުޅުވާފައެވެ.

މި އަހަރުގެ އަމާޒަކަށް ސަރުކާރުން ކަނޑައަޅާފައިވަނީ 1.5 މިލިއަން ޓޫރިސްޓުން ގެނައުމަށެވެ.