މިއަހަރުގެ ފުރަތަމަ ދުވަހު ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ 1،916 ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އިއްޔެ ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ 1،916 ފަތުރުވެރިންނެވެ. މިދިޔަ އަހަރު ނިމުނު އިރު ޖުމްލަ 555،213 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވާއިރު، މިއަހަރު ފަށާފައިވަނީ 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމުގެ އަމާޒުގައެވެ.

ކޮވިޑް-19 އާ ހެދި ރާއްޖޭގެެ ބޯޑަރު ބަންދުކުރުމާއި ގުޅިގެން އެއްވެސް ވަރަކަށް ރާއްޖެެއަށް ފަތުރުވެެރިން ޒިޔާރަތްނުކޮށް ތިން މަހަށްވުރެ ގިނަ ދުވަހު އޮތެެވެެ. އޭގެެ ފަހުން ރާއްޖެ އަލުން ފަތުރުވެެރިކަމަށް ހުޅުވާލާފައި ވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.

ބޯޑަރު ހުޅުވާލި ފަހުން، ރާއްޖެ އަށް އެންމެ ގިނަ އިން ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެގައުމުން 46،065 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ އިޓަލީއިންނެވެ. އެގައުމުން އައިސްފައިވަނީ 45،645 ފަތުރުވެރިންނެވެ.

މީގެއިތުރުން އިންޑިިއާއިން 44،268 ފަތުރުވެރިން ޒިޔާރަތް ކުރިއިރު، އިނގިރޭސިވިލާތުން އައިސްފައިވަނީ 38،285 ފަތުރުވެރިންނެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުުރުވަމުން އަންނައިރު، މިހާރު 142 ރިސޯޓާއި މެރީނާތައް އޮޕަރޭޝަނަށް ގެނެސްފައި ވެއެވެ. އަދި 11 ހޮޓަލާއި، 133 ސަފާރީ އާއި 257 ގެސްޓް ހައުސް އޮޕަރެޝަނަށް ގެނެެެސްފައި ވެއެވެ.

އަންނަ އަހަރުގެ އޮކްޓޫބަރުގައި ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭތީ އެކަމާއި ގުޅޭ ހާއްސަ ހަރަކާތްތައް ވެސް ބޭއްވުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު