މި އަހަރުގެ ފުރަތަމަ ތިން ދުވަހު 10،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމު ކޮށްފައި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހާއި ހަމައަށް ރާއްޖެ އައިސްފައިވަނީ 10،360 ފަތުރުވެރިންނެވެ. އޭގެ ތެރެއިން މި މަހުގެ ފުރަތަމަ ދުވަހު އައިސްފައިވަނީ 2،005 ފަތުރުވެރިން އައިސްފައިވާއިރު، ދެވަނަ ދުވަހު އައިސްފައިވަނީ 4،160 ފަތުރުވެރިންނެވެ. އަދި އިއްޔެ އައިސްފައިވަނީ 4،195 ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މިދިޔަ އަހަރުވެސް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ރަޝިއާއިންނެވެ. އެގޮތުން އެގައުމުން 3،226 ފަތުރުވެރިން އައިސްފައިވާއިރު، ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޔޫކްރޭނުންނެވެ. ދެން އެންމެ ގިނައިން އައިސްފައިވަނީ އިންޑިއާ އާއި ކަޒަކިސްތާނާއި އިނގިރޭސިވިލާތުންނެވެ.

އެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު ރާއްޖޭގެ، 12 އަތޮޅެއްގެ 40 ރަށެއްގައި 259 ގެސްޓް ހައުސްއެއް ހުޅުވައިގެން ހިދުމަތް ދެމުން ގެންދެއެވެ. އަދި ރާއްޖޭގެ 141 ރިސޯޓަކާއި މެރީނާއެއް ހުޅުވައިގެން ހިދުމަތް ދެމުންގެންދާއިރު، 11 ހޮޓަލަކާއި 130 ސަފާރީއެއް އޮޕަރޭޝަނަށް ގެނެސްފައި ވެއެވެ.

ރާއްޖެ އަންނަ ފަތުރުވެރިން އިތުރު ކުރުމަށް ސަރުކާރާއި ގުޅުން ހުރި އިދާރާތަކުން ދަނީ ގިނަ ގުނަ މަސައްކަތަކެއް ކުރަމުންނެވެ.

އެގޮތުން އަންނަ އަހަރުގެ އޮކްޓޫބަރުގައި ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭތީ އެކަމާއި ގުޅޭ ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމާފައެވެ.