ޖެނުއަރި ދެވަނަ ދުވަހު ރާއްޖެއަށް 4000 އަށްވުރެ ގިނަ ފަތުރުވެރިން އަތުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ތިން މަހަށް ވުރެ ގިނަ ދުވަހަށް ބަންދު ކުރިއެވެ. އޭގެ ފަހުން ރާއްޖޭގެ ބޯޑަރު ހުޅުވާލީ ޖުލައި 15 ވަނަ ދުވަހުއެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލި މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މަދުވި ނަމަވެސް، ޖެހިގެން އައި މަހު އެ އަދަދު އިތުރުވިއެވެ. އަދި ޑިސެެންބަރު މަސް ނިންމާލީ ރާއްޖެއަށް 95،000 އަށްވުރެ ގިނަ ފަތުރުވެރިން ގެނެސްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ 2020 ވަނަ އަހަރު ނިމުނުއިރު، 555،213 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމު ކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެ ރާއްޖެއަށް 4160 ފަތުރުވެރިން އައިސްފައި ވެއެވެ. މިއާއެކު ދެ ދުވަސް ތެރޭގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އަަރަނީ 6165 އަށެވެ.

އެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު ރާއްޖޭގެ، 12 އަތޮޅަކުން، 39 ރަށެއްގެ 257 ގެސްޓް ހައުސްއެއް ހުޅުވައިގެން ހިދުމަތް ދެމުން ގެންދެއެވެ. އަދި ރާއްޖޭޑގެ 142 ރިސޯޓަކާއި މެރީނާއެއް ހުޅުވައިގެން ހިދުމަތް ދެމުންގެންދާއިރު، 11 ހޮޓަލެއް ވަނީ ހުޅުވާފައެވެ. އަދި 133 ސަފާރީއެއް އޮޕަރޭޝަނަށް ގެނެސްފައި ވެއެވެ.

ރާއްޖެ އަންނަ ފަތުރުވެރިން އިތުރު ކުރުމަށް ސަރުކާރާއި ގުޅުން ހުރި އިދާރާތަކުން ދަނީ ގިނަ ގުނަ މަސައްކަތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒާރާ

    ތިކަމުގެ ރީތިނަމާ ޝަރަފް އޮތީ ، ވިއްކާލަފައޮތް އެޔަރޕޯޓް އަނބުރާ ހޯދަދީ އައު އެޔަރޕޯޓުތައް އުފަންކުރުވާ 75 ރިސޯޓް އަލަށް އުފެއްދި މޭސްތިރިޔާއަށެވެ. މިއަދުގެ ސަރުކާރުން ފަތުރުވެރިކަން ކުރިއެރުވުމަސް ކުރި އެއްވެސްކަމެއް ނޯންނާނެއެވެ. މި ސަރުކާރަށްއޮތީ ޔާމީންގެ މަސައްކަތުގެ ފޮނިމީރުކަން ލިބިގަތުން އެކަންޏެވެ.