ކޮވިޑް-19 އާ ގުޅިގެން މާލީ ގޮތުން ދަތިތަކާ ކުރިމަތިވެފައިވާ އާންމު ފަރުދުންނާއި، ވިޔަފާރިތަކަށް އަމާޒުކޮށްގެން ސަރުކާރުން ގާއިމްކޮށްފައިވާ ރިކަވަރީ ސްކީމްގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިހާތަނަށް 578 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ވިޔަފާރިތަކަށް ފައިސާ ދޫކުރަމުން އަންނަނީ ހަމައެކަނި ދިވެހި ރުފިޔާގެ ގޮތުގައެެއް ނޫނެވެ. މިހާތަނަށް އެ ބޭންކުން ވަނީ 8 މިލިއަން އެމެރިކާ ޑޮލަރުވެސް ވިޔަފާރިތަކަށް ދޫކޮށްފައެވެ.

ބީއެމްއެލް އިން ހާމަކޮށްފައިވާ ގޮތުގައި އެ ބޭންކުން މިދިޔަ އަހަރުގެ ނިޔަަލަށް 437 ފޯމެއް ވަނީ ބަލައިގެންފައެެވެ. މިހާތަނަށް 602 ފަރާތަކުން ވަނީ މި ލޯނަށް އެދި ހުށަހަޅާފައެވެ. އޭގެ ތެރެއިން 165 ފޯމެއް މިހާތަނަށް ވަނީ ރިޖެކްޓުކޮށްފައެވެެ.

މިއީ އެއްވެސް ރަހުނަކާ ނުލައި، އަހަރަކު %6 އިންޓްރެސްޓްގައި ދޫކުރާ ފައިނޭންސިންގ އެކެވެ. މި ފައިނޭންސިންގ އަނބުރާ ދެއްކުމަށް 6 މަހުގެ ގްރޭސް ޕީރިއަޑެއް ހިމެނިގެން ޖުމްލަ 3 އަހަރުގެ މުއްދަތެއް ލިބޭނެއެވެ. މި ގްރޭސް ޕީރިއަޑްގައި އިންޓްރެސްޓް އަދި ޕްރިންސިޕަލް ޕޭމަންޓް ދައްކާކަށް ނުޖެހޭނެއެވެ.

ކޮވިޑް-19 ހާލަތުގައި ވެސް ބޭންކުން ދަނީ ކުރިއެކޭ އެއްގޮތަށް ލޯނާއި ފައިނޭންސިންގ ފެސިލިޓީތައް ދޫކުރަމުންނެވެ. އަދި ކަސްޓަމަރުންނަށް ބޭންކުން ދޫކުރާ ލޯނު އަދި ފައިނޭންސިންގ ފެސިލިޓީތަކުގެ އިތުރުން ރިކަވަރީ ސްކީމަށް އެދި ހުށަޅޭނެވެސްމެއެވެ.

ކޮވިޑް-19 އާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން ދަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދިމާވާ ދަތިތަކުން އަރައިގަތުމަށް އެހީވުމަށް ޚިދުމަތްތަކަށް ބަދަލުތައް ގެންނަމުންނެވެ.

މިގޮތުން، ބީއެމްއެލް މެދުވެރިކޮށް ނަގާފައިވާ ލޯނުތައް 6 މަސް ދުވަހަށް ފަސްކޮށްދިނުމާއި، ރާއްޖޭ އިން ބޭރުގައި ދަތިތަކާ ދިމާވެފައިވާ ދިވެހިންނަށް ފައިސާގެ މުއާމަލާތްކުރުމުގައި ލުއިތަކެއް ހޯދައި ދިނުމުގެ ގޮތުން އޭޓީއެމުން ފައިސާ ނެގޭ އަދަދު އިތުރުކޮށް، ދިވެހި ރުފިޔާ އެކައުންޓް މެދުވެރިކޮށް ފައިސާ ފޮނުވޭ ގޮތްވެސް ވަނީ މަގުފަހިކޮށްދީފައެވެ. އަދި ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ޖަމާޖުކުރުމަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމުގެ ގޮތުން އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރެވޭ އަދަދުވެސް ބޭންކުން ވަނީ އިތުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު