މިހާރު އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް)ގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި މުޙައްމަދު ރިޒްވީ ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް ބަދަލުކޮށް، އައިއޭއެސް ހިންގުމަށް މުހައްމަދު މިހާދު އައްޔަން ކުރަން ރައީސް ނިންމަވައިފިއެވެ.

މިހާދު މީގެ ކުރިން ހުންނެވީ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ބޯޑު މެންބަރެއްގެ ގޮތުގައެވެ.

މި ދެ ބޭފުޅުން އާ މަގާމުތައް އައްޔަން ކުރަން ނިންމާފައި ވަނީ މާދަމާ އެވެ.

މިހާދަކީ އިންޓަނޭޝަނަލް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އޮސްޓްރޭލިއާއިން މާސްޓާޒް ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ ފިނޭންސްގައި 15 އަހަރު ހިދުމަތް ކުރައްވާފައެވެ.

ރީޖަނަލް އެއަރޕޯޓްސްގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފައްދަވާފައި ވަނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.

އެ ކުންފުންޏަކީ ސަރުކާރުން ހިންގަމުން ގެންދަވާ ސަރަޙައްދީ އެއަރޕޯޓްތައް ވިޔަފާރީގެ އުޞޫލުން ހިންގުމަށް އުފެއްދެވި ކުންފުންޏެކެވެ.

ރައީސް އޮފީހުން ވިދާޅުވީ، އެ ކުންފުނިން އުފެއްދެވީ ސަރުކާރުން ރީޖަނަލް އެއަރޕޯޓްސް މެދުވެރިކޮށް ހިންގަމުން ގެންދަވާ ވައިގެ ބަނދަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ހިންގުމަށް ކަަމަށެވެ.