މިދިޔަ އަހަރު ނިމުނުއިރު ދައުލަތުން 27 ބިލިއަން ރުފިޔާ ޚަރަދު ކުރި ކަމަށާއި ނަމަވެސް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 14 ބިލިއަން ރުފިޔާކަމުން ލިބުނު އާމްދަނީއަށްވުރެ އިތުރަށް 13 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން އާއްމުކުރި މާލީ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާލާއިރު، މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 14.5 ބިލިއަން ރުފިޔާއެވެ. މިއީ 2019 ވަނަ އަހަރު ދައުލަތަށް ލިބުނު 24.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 9.6 ބިލިއަން ރުފިޔާ މަދު އަދަދެކެވެ.

ދައުލަތަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނު 14.5 ބިލިއަން ރުފިޔާގެ ތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ލިބުނު 10.6 ބިލިއަން ރުފިޔާއާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު 3.1 ބިލިއަން ރުފިޔާއެވެ. ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 853 މިލިއަން ރުފިޔާ މިދިޔަ އަހަރު ލިބުނެވެ.

ޓެކްސްގެ ގޮތުގައި ދައުލަތަށް މިދިޔަ އަހަރު ލިބުނީ 2.05 ބިލިއަން ރުފިޔާއެވެ. ގުޑްސް އެންޑް ސަރވިސަސް ޓެކްސް، ޖީއެސްޓީގެ ގޮތުގައި މިދިޔަ އަހަރު ލިބިފައިވަނީ 4.2 ބިލިއަން ރުފިޔާއެވެ.

2019 ވަނަ އަހަރާއި ބަލާއިރު 2020 ވަނަ އަހަރު ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވިނަމަވެސް، ބީޕީޓީ ނުވަތަ ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި މިދިޔަ އަހަރު ލިބުނު އާމްދަނީ ވަނީ އެގޭ ކުރީ އަހަރާއި އަޅާބަލާއިރު އިތުރުވެފައެވެ. އެގޮތުން 2019 ވަނަ އަހަރު ބީޕީޓީގެ ގޮތުގައި ދައުލަތަށް 3.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރު އެއަދަދު އުޅުނީ 3.6 ބިލިއަން ރުފިޔާގައެވެ. ގްރީން ޓެކްސްއަށް ބަލާލާއިރު، 2019 ވަނަ އަހަރު 850 މިލިއަން ރުފިޔާ ލިބުނުއިރު، މިދިޔަ އަހަރު ލިބިފައިވަނީ 349 މިލިއަން ރުފިޔާއެވެ. އަދި އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 731 މިލިއަން ރުފިޔާ 2019 ވަނަ އަހަރު ލިބިފައިވާއިރު، މިދިޔަ އަހަރު އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ލިބިފައިވަނީ 279 މިލިއަން ރުފިޔާއެވެ.

ޓެކްސް ނޫން އާމްދަނީއަށް ބަލާލާއިރު، އެކިއެކި ފީއާއި ޗާޖާރސްގެ ގޮތުގައި 2019 ވަނަ އަހަރު 1.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރު ލިބިފައިވަނީ 917 މިލިއަން ރުފިޔާއެވެ. ޕްރޮޕަޓީ އިންކަމްގެ ގޮތުގައި 2019 ވަނަ އަހަރު 1.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރު ލިބިފައިވަނީ 753 މިލިއަން ރުފިޔާއެވެ. އިންޓްރެސްޓް، ޕްރޮފިޓް އަދި ޑިވިޑެންޑްގެ ގޮތުގައި 2019 ވަނަ އަހަރު 1.8 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މިދިޔަ އަހަރު މިއަދަދު އުޅުނީ 700 މިލިއަން ރުފިޔާގައެވެ.

2019 ވަނަ އަހަރާއި އަޅާބަލާއިރު ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރު ދަށްވިނަމަވެސް، ދައުލަތުގެ ޚަރަދުތަކަށް މާބޮޑު ބަދަލެއް ނާދެއެވެ. 2019 ވަނަ އަހަރު ދައުލަތުގެ ރިކަރަންޓް އަދި ކެޕިޓަލް ޚަރަދު 28.9 ބިލިއަން ރުފިޔާގައި ހުރިއިރު މިދިޔަ އަހަރު 27.3 ބިލިއަން ރުފިޔާގައެވެ.

ރިކަރަންޓް ޚަރަދަށް ބަލާލާއިރު، މުސާރައާއި އިނާޔަތްތަކާއި ޕެންޝަން ފައިސާއަށް 2019 ވަނަ އަހަރު ދައުލަތުން 9.8 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުވެސް އެ އަދަދު އުޅުނީ 9.8 ބިލިއަން ރުފިޔާގައެވެ. ދައުލަތް ހިންގުމުގެ ޚަރަދަށް 2019 ވަނަ އަހަރު 10 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިދިޔަ އަހަރު އެ އަދަދު އުޅުނީ 9.3 ބިލިއަން ރުފިޔާގައެވެ.

ރާއްޖޭގެ އިޤުތިޞާދު މިދިޔަ އަހަރު ދަށްވެ، އާމްދަނީ އަށް އަސަރުކުރި އެންމެ ބޮޑު އެއްސަބަބަކީ ކޮވިޑް-19 އާއި ގުޅިގެން ފަތުރުވެރިކަން ހުއްޓުމަކަށް އައުމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކާފަބޭ2020

    މައްސަލަނެތީ! ޚަރަދުކުރީހެޔޮހިތުން ލިބިގަތްމީހުންލިބިގަތީ ހެޔޮހިތުން! ކޭބަޔަކުވާނަމަކެއީ ހެޔޮހިތުން! ލިބޭ އާމްދަނީގެ ބޮޑުބައި މުސާރަދޭންޚަރަދުކުރަނީ ޑޮލަރުން އެވެސްހެޔޮހިތުން ދެން ކޮބާމަ އްސަލަޖެހެންވާސަބަބަކީ؟؟؟؟؟؟.