ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން، ކާޑު ލިމިޓަށް އަނެއްކާ ވެސް ބަދަލު ގެނެސްފައިވާ ކަމަށް ބުނެ ނޫސް ބަޔާނެއް ނެރެފައި ނުވާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

އެ ބޭންކުން އެކަން ޕަބްލިކް ރިލޭޝަން މެނޭޖަރ އިބްރާހިމް ސައީދު ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭނެ އަދަދަށް ބަދަލު ގެނައުމާ ގުޅޭ ގޮތުން ބޭންކުން ރަސްމީކޮށް މައުލޫމާތު ހާމަކޮށްފައި ނުވާނެ ކަމަށެވެ.

އަދި ބޭންކުން ނިންމާ ނިންމުންތަކާ ގުޅޭ މައުލޫމާތު ކަސްޓަމަރުންނާ ހިއްސާކުރަމުންދާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

ބީއެމްއެލްގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ދިވެހި ރުފިޔާ އެކައުންޓުން ބޭރުގެ މުއާމަލާތްތައް ކުރުމަށް މަހެއްގެ މައްޗަށް ހޭދަ ކުރެވޭނީ 250 ޑޮލަރެވެ. ރާއްޖެ އިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް މަހެއްގެ މައްޗަށް ހޭދަކުރެވޭނީ 750 ޑޮލަރެވެ

މިހާރު ދައުރުވަމުންދާ ފޭކް ބަޔާނުގައި ބުނެފައި ވަނީ، ބީއެމްއެލްގެ ކާޑުތަކުން ޖެނުއަރީ 17 ވަނަ ދުވަހުން ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ދިވެހި ރުފިޔާ އެކައުންޓުން ބޭރުގެ މުއާމަލާތްތައް ކުރުމަށް މަހެއްގެ މައްޗަށް ހޭދަ ކުރެވޭނީ 150 ޑޮލަރު ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސް އިން އެ ބަދަލު ގެނެސްފައި ވަނީ ސެޕްޓެމްބަރު މަސް ތެރޭގައެވެ.

އެ ބޭންކުން ބަދަލު ގެނައީ ރާއްޖެ އިން ބޭރުވާ ޑޮލަރުގެ އަދަދު ހިފެހެއްޓުމަށާއި ޒަރޫރީ ބޭނުންތަކަށް މުދާ އެތެރެކުރުމަށާއި ބޭރުގައި ސިއްހީ ހިދުމަތާއި ތައުލީމު ހޯދުމަށް ދައްކަންޖެހޭ ފައިސާ އަށް އިސްކަންދިނުމުގެ ފިޔަވަޅު އަޅަން މަޖުބޫރުވުމުން ކަމަށް ބީއެމްއެލްގެ ބަޔާނުގައިވެއެވެ. މި ފިޔަވަޅު އަޅަން ޖެހުނީ ކޮވިޑް-19ގެ ސަބަބުން އިގްތިސާދަށް ދިމާވި ދަތިތަކާ ގުޅިގެން ރާއްޖެ އަށް ޑޮލަރު ލިބުން ދަތިވުމުގެ ސަބަބުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާައަހުމަދު

    ބަދަލު ކުރާނެ. އޮޅުވާނުލާ. ތީވެސް ކަލޭމެން އަޑީގަ ތިބެގެން ލީކު ކޮށްލާފައިވާ ލިއުމަކާ ވައްތަރީ. މީހުން ތިކަމަށް ކުރީބައިގަ ސަމާލުވެ ތިބުމަށް އިސާރާތެއް ދިނީހެން ހީވަނީ. ބޯހަލާކު

    19