ޖެނުއަރީ މަހުގެ 13 ވަނަ ދުވަހާއި ހަމައަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 37،926 އަށް އަރަައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު ދުވާލަކަށް ގާތްގަނޑަކަށް 2917 ފަތުރުވެރިން އާދެއެވެ.

މި މަހު މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން، އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ރަޝިއާއިންނެވެ. ރަޝިއާއިން ރާއްޖެއަށް 10،002 ފަތުރުވެރިން މިހާތަަނަށް ފައިސްފައި ވެއެވެ. އެ ލިސްޓުގެ ދެވަނާގައި ވަނީ އިންޑިއާއެވެ. އެ ގައުމުން 5727 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ. އަދި އެ ލިސްޓުގެ ތިން ވަނާގައިވާ ޔޫކްރޭނުން 3،472 މީހުން ރާއްޖެ އައިސްފައި ވެއެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ 293 ގެސްޓް ހައުސްެއެއް ހުޅުވައިގެން ހިންގަމުން ދެއެވެ. އަދި 141 ރިސޯޓު ހުޅުވާފާއިވާއިރު، 11 ހޮޓަލެއް ހުޅުވާފައި ވެއެވެ. އަދި 133 ސަފާރީއެއް ހުޅުވައި ހިދުމަތް ދެމުން ގެންދެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިވަރުވަން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ކުރީ އަހަރުތަކާއި އަޅަބަލައި، ރާއްޖޭގެ ފަތުރުވެރިން އަންނަ ވަރު ވަނީ މަދުވެފައެވެ. މިކަން މިގޮތަށް މެދުވެރިވެެފައި ވަނީ ކޮވިޑް-19ގެ ސަބަބުންނެވެ.