އުރީދޫއިން 4ޖީ ޕްލަސްގެ ހިދުމަތް 100 ރަށަކަށް ފޯރުކޮށްދީފިއެވެ. އެހެންކަމުން ރާއްޖޭގެ 75 ޕަސެންޓަށް އުރީދޫ 4ޖީ ޕްލަސްގެ ނެޓްވޯކް މިހާރު ވަނީ ފުޅާކޮށްފައެވެ.

މިކަން އުރީދޫއިން އިއުލާންކުރީ، އުރީދޫގެ 4ޖީ ޕްލަސް ނެޓްވޯކް ތައާރަފްކޮށްފައިވާ އެއް ރަށް ކަމަށްވާ، ލ.ފޮނަދޫގައި މިއަދު ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ.

"މުޅި ރާއްޖެއަށް އުރީދޫ 4G+ ނެޓްވަރކް ފުޅާކޮށް އެކުންފުނީގެ އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުމަށް ކުރަމުންދާ ކާމިޔާބު މަސައްކަތަށް، އުރީދޫގެ މެނޭޖްމަންޓާއި މުވައްޒަފުންނަށް މަރުޙަބާ ދަންނަވަން. އިންޓަނެޓަކީ ގައުމީ ތަރައްޤީ އަށް ވަރަށްވެސް މުހިންމު ވެފައިވާ ވަސީލަތެއް ކަމަށްވެފައި، އުރީދޫ އިން ހުރިހާ ރައްޔިތުންނަށް ވެސް ކުރިއެރުމުގެ މި ފުރުސަތު ފޯރުކޮށްދިނުމުގެ ގޮތުން ހަލުވި ސްޕީޑްގެ އިންޓަނެޓްގެ ޙިދުމަތް މުޅި ގައުމަށް ފުޅާކުރުމަށް ދޭ އަހަމިއްޔަތާއި މެދު އުފާކޮށް، ޝުކުރުއަދާކުރަން." ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫގެ ސީއީއޯ ވިކްރަމް ސިންހާ ވިދާޅުވީ، ބައިނަލްއަޤްވާމީ މުޖުތަމައު ތަކުގައި، ފެންވަރު ރަނގަޅު އިންޓަނެޓްގެ ސަބަބުން ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ކުރަމުން ދާކަމަށާއި ރާއްޖެގެ ހުރިހާ ކަންކޮޅުތަކުގައިވާ ރައްޔިތުންވެސް މިފަދަ ކުރިއެރުމުގެ ފުރުސަތުތަކާއި ގުޅުވާދިނުމުގައި އުރީދޫ އަށް ބައިވެރިވެވުމަކީ ލިބޭޝަރަފެއް ކަމަށެވެ.

އުރީދޫން ބުނީ މިހާރު ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، ތ، ލ، ގއ، ގދ، ޏ، އަދި ސ އަތޮޅުގައި އުރީދޫގެ 4ޖީ ޕްލަސްގެ ހިދުމަތް ލިބެމުންދާނެއެވެ. މި ޚިދުމަތް ލިބޭ ހުރިހާ ރަށަކާއި ރިސޯޓްތަކުގެ ލިސްޓެއް، އުރީދޫގެ ވެބްސައިޓްއިން (ore.do/4Gplus) ލިބެން ހުންނާނެއެވެ.

4ޖީ ޓެކްނޮލޮޖީ މެދުވެރިކޮށް، ކަސްޓަމަރުންނަށް ހަލުވި ދުވެލީގައި އިންޓަނެޓް ޚިދުމަތް ފޯރުކޮށްދެވި، އިތުރު ފުރިހަމަކަމާއި އެކު އިންޓަރނެޓް ތަޖުރިބާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫއިން ހާމަކުރެއެވެ.

މިގޮތުން، ޑޭޓާ އިންޓެންސިވް ވިޔަފާރީގެ އެޕްލިކޭޝަންތަކާއި، ރިއަލް ޓައިމް ވީޑިއޯ ކޮންފަރެންސިންގ، މަލްޓިމީޑިޔާ އެޕްލިކޭޝަންތަކާއި، ބޮޑެތި ފައިލްތައް އެއްފަހަރާއި ޑައުންލޯޑްކޮށް، ފަސޭހަކަމާއި އެކު އޮންލައިން ސްޓްރީމްކޮށް، އެންމެ ހައި ޑެފިނިޝަންގައި އޮންލައިން ގޭމް ކުޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް، އުރީދޫއިން މައުލޫމާތުދެއެވެ.

އުރީދޫއިން ބުނީ 4ޖީ ސިމްކާޑެއް ލައްވާފައިވާ 4ޖީ ޕްލަސް ފޯނެއް ބޭނުންކޮށްގެން، އިތުރު އަގަކާ ނުލައި 4ޖީ ޕްލަސް ނެޓްވޯކަށް ކަނެކްޓް ކުރެވޭނެ ކަމަށެވެ.

3 ކޮމެންޓް

  1. ސ،އަތޮޅޭ ކިޔާތަނެއް މިހާރަކުނެތް...ދެންއޮތީ ތިބުނާ ސ.އަތޮޅަށްވެސް 4ޖީ ރަނގަޅަކަށް ނުލިބޭ އަދިވެސް ކެނޑިކެނޑިގެން ލިބެނީ އެހާ ސްލޯ.....

  2. ރުއްކަންޑާ މީހާ

    އދ ގަ ބަންދަރައް ނިކުމެގެން ނޫނީ ރޭންޖު ނުލިބޭ ކިތައް ރައް އެބަ އޮތްތޯ؟؟؟

  3. ޑިސްޕްލޭއަށް 4 ޖީ އެރީމަ ނިމުނީ ދޯ. ހެހެހެ