ރާއްޖޭގައި -/500 (ފަސްސަތޭކަ ރުފިޔާ) ގެ ވަގު ނޫޓު ދައުރުވާ ކަމަށް އަޑުތައް ފެތުރިފައި އޮތް ނަމަވެސް މި ދުވަސްވަރު ވަގު ނޫޓެއް ދައުރުވަމުން ނުދާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޔަގީންކޮށްދީފި އެވެ.

އެމްއެމްއޭގެ މީޑިއާ އޮފިޝަލް މުހައްމަދު ނާސިހު ވިދާޅުވީ، މީސް މީޑިއާގައި ދައުރުވަމުންދާ ފޮޓޯގައި ފެންނަ -/500 ރުފިޔާގެ ނޫޓު އެމްއެމްއޭގެ އިދާރާ އަށް ގެންގޮސް ބެލި ބެލުމުން އެ ނޫޓަކީ ސައްހަ ނޫޓެއްކަން ޔަގީން ކޮށްފައިވާ ކަމަށެވެ. ނާސިހު ވިދާޅުވީ އެ ނޫޓުގައި ކޮންމެވެސް ވަރަކަށް ކުލައެއް ޖެހިފައި ހުރިކަން މަރުކަޒީ ބޭންކަށް ވެސް ވަނީ ފާހަގަވެފަ އެވެ.

"އެ ނޫޓުގައި ޖެހިފައި ހުރި ކުލަ ފިލުވަން ކެމިކަލެއް ބޭނުން ކުރުމުގެ ސަބަބުން ނޫޓުގެ ކުލަ ފަނޑުވެފައިވާ ކަން ފާހަގަކުރެވުނު. ނަމަވެސް އެ ނޫޓަކީ ސައްހަ ނޫޓެއް،" އޭނާ ވިދާޅުވި އެވެ.

ނަގުދު ފައިސާގެ ނޫޓަކާ މެދު އެއްވެސް ކަހަލަ ޝައްކެއް އުފެދިއްޖެ ނަމަ ވީ އެންމެ އަވަހަކަށް އެމްއެމްއޭއަށް އެކަން އެންގުމަށް އެމްއެމްއޭ އިން އެދެއެވެ.

މިހާރު ރާއްޖޭގައި ބޭނުން ކުރާ ފައިސާ އަކީ ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް "ރަންދިހަ ފަހެއް"ގެ ނަމުގައި 2015 ވަނަ އަހަރު ބޭނުންކުރަން ފެށި އާނޫޓް ތަކެކެވެ. ފޮލިމާ ކަރުދާހުގައި ހަދާފައިވާ އާ ނޫޓް ސީރީޒް ގައި ހިމެނެނީ 10، 20، 50، 100، 500 އަދި 1000ރ. ގެ ނޫޓެވެ.