ކޮވިޑް-19 އާ ގުޅިގެން އާންމު ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީ އާއި ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ތައާރަފްކޮށްފައިވާ ރިކަވަރީ ލޯން ސްކީމްގެ ދަށުން 585 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ބޮޑެތި ވިޔަފާރިތަކަށް ދޫކުރާ ލޯނުތައް ދޫކުރަނީ ބީއެމްއެލް މެދުވެރިކޮށް ނަމަވެސް ކުދި ވިޔަފާރިތަކަށް ލޯނު ދޫކުރަނީ އެސްޑީއެފް މެދުވެރިކޮށެވެ. ބީއެމްއެލް އިން މިހާތަނަށް "ރިކަވަރީ ލޯނު ސްކީމް"ގެ ދަށުން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް 441 ލޯނު ވަނީ ދޫކޮށްފައެވެ. މިއީ ޖުމްލަ 585.9 މިލިއަން ރުފިޔާއެވެ. ޑޮލަރުން ދޫކޮށްފައި ވަނީ އަށް މިލިއަން ޑޮލަރެވެ.

މިއީ އެއްވެސް ރަހުނަކާ ނުލައި، އަހަރަކު ހަ އިންސައްތަ އިންޓްރެސްޓްގައި ދޫކުރާ ފައިނޭންސިންގ އެކެވެ. މި ފައިނޭންސިންގ އަނބުރާ ދެއްކުމަށް ހަ މަހުގެ ގްރޭސް ޕީރިއަޑެއް ހިމެނިގެން ޖުމްލަ ތިން އަހަރުގެ މުއްދަތެއް ލިބޭނެއެވެ. މި ގްރޭސް ޕީރިއަޑްގައި އިންޓްރެސްޓް އަދި ޕްރިންސިޕަލް ޕޭމަންޓް ދައްކާކަށް ނުޖެހޭނެއެވެ.

ކޮވިޑް-19 ހާލަތުގައި ވެސް ބޭންކުން ދަނީ ކުރިއެކޭ އެއްގޮތަށް ލޯނާއި ފައިނޭންސިން ފެސިލިޓީތައް ދޫކުރަމުންނެވެ. އަދި ކަސްޓަމަރުންނަށް ބޭންކުން ދޫކުރާ ލޯނު އަދި ފައިނޭންސިން ފެސިލިޓީތަކުގެ އިތުރުން ރިކަވަރީ ސްކީމަށް އެދި ހުށަޅޭނެވެސްމެއެވެ.

ކޮވިޑް-19 އާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން ދަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދިމާވާ ދަތިތަކުން އަރައިގަތުމަށް އެހީވުމަށް ޚިދުމަތްތަކަށް ބަދަލުތައް ގެންނަމުންނެވެ.

މިގޮތުން، ބީއެމްއެލް މެދުވެރިކޮށް ނަގާފައިވާ ލޯނުތައް ހަ މަސް ދުވަހަށް ފަސްކޮށްދިނުމާއި، ރާއްޖެ އިން ބޭރުގައި ދަތިތަކާ ދިމާވެފައިވާ ދިވެހިންނަށް ފައިސާގެ މުއާމަލާތްކުރުމުގައި ލުއިތަކެއް ހޯދައި ދިނުމުގެ ގޮތުން އޭޓީއެމުން ފައިސާ ނެގޭ އަދަދު އިތުރުކޮށް، ދިވެހި ރުފިޔާ އެކައުންޓް މެދުވެރިކޮށް ފައިސާ ފޮނުވޭ ގޮތް ވެސް ވަނީ މަގުފަހިކޮށްދީފައެވެ. އަދި ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ޖަމާޖުކުރުމަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމުގެ ގޮތުން އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރެވޭ އަދަދުވެސް ބޭންކުން ވަނީ އިތުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އެކި ކަންކަމަށް ލޯނުތައް ނަގާފައިވާ ފަރާތްތަކަށް ދެއްވި ލުއިތަކަށް ސަރުކާރަށް ޝުކުރު އަދާކުރަމެވެ. އަދިވެސް ކޯވިޑް ގެ ޙާލަތު ރަނގަޅު ނުވާތީ ލޯނުތައް ދެއްކުމަށް ވަރަށް ދަތިތައް އެބަހުއްޓުެވެ. އެހެންކަމުން އަދިވެސް ލުއިތަކެއް ކޮންމެހެނ

  2. Anonymous

    އެކި ކަންކަމަށް ލޯނުތައް ނަގާފައިވާ ފަރާތްތަކަށް ދެއްވި ލުއިތަކަށް ސަރުކާރަށް ޝުކުރު އަދާކުރަމެވެ. އަދިވެސް ކޯވިޑް ގެ ޙާލަތު ރަނގަޅު ނުވާތީ ލޯނުތައް ދެއްކުމަށް ވަރަށް ދަތިތައް އެބަހުއްޓުެވެ. އެހެންކަމުން އަދިވެސް ލުއިތަކެއް ކޮންމެހެން ބޭނުމެވެ. އިބޫ މިކަން ކޮށްދެއްވާނެކަމަށް އުއްމީދު ކުރަމެވެ.