މީރާގެ "ޓެކްސް ދައްކާ ފަރާތްތަކުގެ ޗާޓަރ" އިތުރު ބަދަލުތަކަކާއެކު އަލުން ޝާޢިއު ކޮށްފިއެވެ.

މީރާއިން ބުނީ "ޓެކްސް ދައްކާ ފަރާތްތަކުގެ ޗާޓަރ" އަކީ މީރާއިން ފޯރުވައިދޭ ޚިދުމަތްތަކުގެ ފެންވަރާއި، މީރާގެ ކިބައިން ޓެކްސް ދައްކާ ފަރާތްތަކާއި އަދި އެހެނިހެން ފަރާތްތަކުން އުންމީދުކުރެވިދާނެ ކަންތައްތައް ހިމަނައިގެން މީރާއިން ތައާރަފުކޮށްފައިވާ ޗާޓަރއެއް ކަމަށެވެ.

މި ޗާޓަރގައި ޓެކްސް ދައްކާ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތައްވެސް ބަޔާންކޮށްފައިވެއެވެ.

މި ޗާޓަރގެ ބޭނުމަކީ މީރާއިން ޚިދުމަތް ހޯދާ ފަރާތްތަކަށް އެހީތެރިވެދިނުމުގެ އިތުރުން، ޚިދުމަތް ހޯދާ ފަރާތްތަކުންވެސް މީރާއަށް އެހީތެރިވެދިނުން ކަމަށް މީރާއިން ބުނެއެވެ.

"ޓެކްސް ދައްކާ ފަރާތްތަކުގެ ޗާޓަރ" އަށް ގެނެވިފައިވާ ބަދަލުތަކަށް ބަލާއިރު، މީރާގެ ޚިދުމަތުގެ ފެންވަރުގެ މިންގަޑުތަކަށް ވަނީ ބަދަލުގެނެސްފައެވެ.

މީގެ އިތުރުން، ޓެކުހާ ގުޅޭ ޒިންމާތައް އަދާކުރުމުގައި މީރާގެ އޮންލައިން ޚިދުމަތްތައް ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކޮށް، މި ވަސީލަތްތައް ބޭނުންކުރުމަށް އިސްކަންދިނުމަށް ބާރުއަޅައިފައިވެއެވެ.

މި ޗާޓަރުގައި ކަނޑައަޅައިފައިވާ ޚިދުމަތުގެ ފެންވަރުތަކާއި އެއްހަމައަށް މީރާގެ ޚިދުމަތްތައް ދިނުމަށް މީރާއިން ބޮޑު އިސްކަމެއް ދޭނެއެވެ. އަދި މީރާގެ އަމާޒަކީ ޓެކްސް ދައްކާ ފަރާތްތަކަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުވައިދޭ ޕްރޮފެޝަނަލް މުއައްސަސާއެއްގެ ގޮތުގައި އަބަދުވެސް އޮތުންކަމަށް އެ އޮތޯރިޓީން ބުނެއެވެ.