ސްރީ ލަންކަން އެއާލައިންސް އިން ރާއްޖެ އާއި އިނގިރޭސި ވިލާތުގެ ލަންޑަންއާ ދެމެދު ސީދާ ދަތުރުތައް އަލުން ފެށުމަށް ނިންމައިފިއެވެ.

ސްރީ ލަންކަން އެއާލައިންސް އިން ބުނީ މި ދަތުރުތައް އަންނަ މަހުގެ 13 ވަނަ ދުވަހު ފަށާނެ ކަމަށެވެ. ލަންޑަނާއި ރާއްޖެއާ ދެމެދު ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ ކޮންމެ ހަފްތާއެއްގެވެސް އަންގާރަ އަދި ހޮނިހިރު ދުވަހުއެވެ.

ސްރީލަންކަންއިން ރާއްޖެއާއި ލަންޑަނާއި ދެމެދު ފަށާ ދަތުރުތަކުގެ އެއްކޮޅު ޓިކެޓުގެ އަގަކީ 1120 ޑޮލަރެވެ.

ސްރީލަންކަން އެއާލައިންސް އިން ރާއްޖެ އާއި ސްރީލަންކާ އާ ދެމެދު ކުރިން ދަތުރުތައް ބޭއްވިއެވެ. އެކަމަކު، ރާއްޖެ އާއި ލަންކާގައި ކޮވިޑް-19 ފެތުރެން ފެށުމާ އެކު، އެއާލައިންގެ ދަތުރުތައް ކުރުން ވަގުތީ ގޮތުން ހުއްޓާލިއެވެ.

އެކަމަކު، ލަންކާގެ ބޯޑަރު ހުޅުވާލުމާއެކު ދެ ގައުމުގެ ދެމެދުގައި ދަތުުރު ކުރާ މީހުންގެ އަދަދު ގިނަވާނެ ކަމަށް ބެލެވެއެވެ.

ފަތުރުވެރިން އައުމުގެ ހުއްދަ ދިނުމަށް ލަންކާ ސަރުކާރުން ނިންމާފައިވާއިރު، ލަންކާ ސަރުކާރުން ވަނީ ހާއްސަ ގައިޑްލައިންތަކެއް ކަނޑައަޅާފައެވެ. އެގޮތުން 96 ގަޑިއިރުނުވާ ޕީސީއާރު ޓެސްޓުގެ ނަތީޖާ ނައްސިވާން ޖެހޭ އިރު، ކޯވިޑް އިންޝުއަރެންސެއް ހެދުން ހިމެނެއެވެ. ގައިޑްލައިންގައިވާ ގޮތުން ލަންކާއަށް އަންނަ ފަތުރުވެރިން ބުކިން ހައްދަންޖެހޭނީ، ލަންކާ ސަރުކާރުން ރައްކާތެރިކަމަށް ކަނޑައަޅާފައިވާ ހޮޓާތަކުންނެވެ.