ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓުން މި މަހު ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ބައިލައްކަ އަށް ވުރެ ގިނަ ރުފިޔާ ދީފިއެވެ.

ރާއްޖޭގެ އެންމެ އަގުބޮޑު ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ އިތާފުށިން މިމަހުގެ ސާވިސް ޗާޖުގެ ގޮތުގައި ދީފައިވަނީ 3،340 ޑޮލަރު (51،502 ރުފިޔާ)އެވެ. އިތާފުށި ހުޅުވީއްސުރެ، އެ ރިސޯޓަކީ އަބަދުވެސް އެންމެ ބޮޑު އަދަދެއް ސާވިސް ޗާޖްގެ ގޮތުގައި މުވައްޒަފުންނަށް ދޭ އެއް ރިސޯޓެވެ.

މާލެ އިން ފުރައިގެން 40 މިނެޓްގެ ލޯންޗް ދަތުރެއް ކޮށްފައި ދެވޭ ހިސާބުގައި އޮންނަ ރިސޯޓަކީ ލަގްޒަރީ ކޯޓަރިތައް ހިމެނޭ ރިސޯޓެކެވެ. މިރިސޯޓްގެ އެންމެ ހާއްސަ އަނެއް ކަމަކީ 10 ވައްތަރެއްގެ ތަފާތު ރެސްޓޯރަންޓްތަކުން ކެއުމުގެ ފުރުސަތު ފަތުރުވެރިންނަށް ލިބިގެން ދާނެތީއެވެ. އިތާފުށިން ދާދި ފަހުން ވަނީ ޕްރައިވެޓް އައިލެންޑެއް ވެސް ހުޅުވައިފައެވެ. ޕްރައިވެޓް އައިލެންޑުގައި ރެއަކަށް 80،000 ޑޮލަރު (1.2 މިލިއަން ރުފިޔާ) ހަރަދުކުރަން ޖެހެއެވެ. މިއީ ރާއްޖޭގެ އެހެން ރިސޯޓުތަކާ ތަފާތު މާހައުލެއް ކަން ގިނަ ބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ.

ހިލްޓަން އޭޝިއާ ޕެސިފިކް އިން ހިންގަން ފެށީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިންނެވެ.

އިތާފުށީގެ އިތުރުން މި މަހު ދެ ވަނަ އަށް އެންމެ ގިނައިން ސާވިސް ޗާޖް މުވައްޒަފުންނަށް ދިނީ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުންނެވެ. އެ ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް މިމަހު 3،007 ޑޮލަރު (46،367 ރުފިޔާ) ދީފައިވެއެވެ. ސާވިސް ޗާޖް ލިސްޓްގެ ތިން ވަނައިގައި އޮތް އަނަންތަރާ ކިހަވައް މޯލްޑިވްސް އިން ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ދީފައިވަނީ 2،097 ޑޮލަރު (32،335 ރުފިޔާ) އެވެ.

ކޮންމެ އަހަރެއްގެ މި ދުވަސްކޮޅަކީ ރިސޯޓުތަކަށް ޗުއްޓީ ހޭދަ ކުރަން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާ ދުވަސްކޮޅެކެވެ.

ސާވިސް ޗާޖްގެ ގޮތުގައި މުވައްޒަފުންނަށް ބޮޑު އަދަދެއް ދޭ ރިސޯޓުތަކުގެ ތެރޭގައި އިތާފުއްޓާއި ވަން އެންޑް އޮންލީ ރީތި ރަށާއި އަނަންތަރާ ކިހަވައް މޯލްޑިވްސް އާއި ވެލާ ޕްރައިވެޓް އައިލެންޑާއި ރަންދެލި ރިސޯޓާއި ފޯސީޒަނާއި ވޮއްމުލި ފަދަ ރިސޯޓުތައް ހިމެނެއެވެ.

ބައެއް ރިސޯޓްތަކުން ބޮޑެތި އަދަދުތަކުގެ ސާވިސް ޗާޖް މުވައްޒަފުންނަށް ދިން ނަމަވެސް އަދިވެސް ރާއްޖޭގައި ގިނައީ ވަރަށް ކުޑައަދަދެއްގެ ސާވިސް ޗާޖް ދޭ ރިސޯޓްތަކާއި އެއްވެސް މިންވަރެއްގެ ސާވިސް ޗާޖެއް ނުދޭ ރިސޯޓްތަކެވެ.

ކޮވިޑް-19 އާ ގުޅިގެން ބަންދު ކުރި ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލި ފަހުން، ރާއްޖެ އަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވާން ފަށައިފައެވެ. އެގޮތުން ބޯޑަރު ހުޅުވާލި ފަހުން އެއް ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އަދި މިއަހަރުގެ މިހާތަނަށް ބައިލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ނެއް

    ތީގެން ބޮޑު އަދަދެއް ދާނީ ރާއޖެއން ބޭރަށް...ދިވެހިން ވ މަދު

    20
    1
  2. ނns

    ތިޔަތަ ދިވެހިނަށް ވުރެ ގިނަވަނި ބެރުމިހުން ބޮޑުބައި ބެރަށް ދެން ؟؟؟؟

  3. ގަާސިމް

    ކޮބާތަ ގައުމުދެކެ ލޯބިވާ ދިވެހިން ހިނގާ ރިސޯޓް ތަކުން މި ލިބެނީ ކޯންޗެއްބާ

    17
  4. އޖއ

    ޝުކުރިއްރާ ރައީސް..

    3
    8
  5. ސަމާ

    ދިވެހިންނަށް ވުރެ ގިނައީ އިންޑިޔާ މުވައްޒަފުން. ސަބަބެއް ނެތި އެންނޫން. މުޅި ރާއްޖޭގެ އިގްތިސާދު ޓުއަރިޒަމަށް ބިނާވެފަ އޮންނައިރުވެސް ސަރުކާރުން ކުރަންޖެހޭ މިންވަރާ ގާތައްވެސް ދިވެހިން ތަމްރީންއެއްނުކުރޭ. ދިވެހިން ކުރިއަރަނީ ގިނައިން މަސައްކަތުގެ ތެރެއިން. އެކަމު އަސްލު ކަމުގެ ފުރިހަމަ އިލްމު ލިބިގެން ކުރަާ ދިވެހިން މަދު. ދެރަ ދޯ.

  6. ޑެރަ

    ތިޔަކަމުން ދިވެހިންނަށް ލިބެނީ ނިކަމެތިކަމާ ހިތްދަތިކަން. ތިޔަހުރިހާ ފައިސާއެއް ބިދޭސީންނަށް. ދިވެހިންނަށްއޮތީ މާޔޫސްކަން.

  7. މޫސަ

    ދިވެހި މެނޭޖްމަންޓެއްވިއްޔާ ލިބޭނީ 50- 150 ޑޮލަރާ ދެމެދުގެ މިންވަރަކަށް. އެތަންތަނަށް ފަތުރުވެރިން ނާންނަނީބާ؟

  8. ކޮންރަޑް

    ކޮންރަޑް މޯލްޑިވްސް އިން 31 ދުވަހު މަސައްކައް ކުރުވާފަ 11 ދުވަހުގެ ސާވިސްޗާޖް ދިނީމަ ތިބީ ވަރަށް އުފަލުން