ރަޝިއާ، އިންޑިއާ، މެދުއިރުމަތި އަދި ޗައިނާގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން ރާއްޖެ އިޝްރިހާރު ކުރުމުގެ މަސައްކަތް އެކްސްޕީޑިއާއި ގުޅިގެން ވިޒިޓް މޯލްޑިވްސް އިން ފަށައިފިއެވެ.

ހަތަރު މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖހެިފައިވާ މި ކެމްޕެއިންގައި ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ރާއްޖޭގެ ކަނޑުއަޑީގެ ހިތްގައިމުކަން ބޭރު ދުނިޔެއަށް އިޝްތިިހާރު ކުރާނެއެވެ.

އެކްސްޕީޑިއާއެކު ކުރިއަށްގެންދާ މި ކެމްޕެއިން 23 މިލިއަނެއްހާ މީހުންނަށް ފޯރާނެ ކަމަށް ލަފާކުރެވެއެވެ. ޗުއްޓީ ހޭދަކުރުމަށް ދަތުރުކުރަން މަންޒިލްތައް ހޯދަމުން އަންނަ މީހުންނަށް އަމާޒުކުރެވިގެންދާ މި ކެމްޕެއިންގައި ދިވެހިރާއްޖެއަކީ ޗުއްޓީ ހޭދަކުރަން ހިތްގައިމު މަންޒިލެއް ކަމުގައި ހާމަކޮށްދޭނެއެވެ. މީގެއިތުރުން މި ކެމްޕެއިންގެ ތެރެއިން މިފަހުން ދިވެހިރާއްޖެއަށް ލިބިފައިވާ ކާމިޔާބީތަކުގެ ވާހަކަތައްވެސް ހިއްސާކުރެވޭނެއެވެ.

ރައްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ޗައިނާގައި ދެ ކެމްޕެއިނެއްވެސް މިދިޔަ އަހަރު ވަނީ ކުރިއަށް ގެންގޮސްފައެވެ. ޗައިނާ އަކީ ފާއިތުވި 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގައި އެންމެ މުހިއްމު އެއް މަންޒިލެވެ. މިދިޔަ 2019 ވަނަ އަހަރު ޗައިނާ އިން 284,029 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އަދި ކޮވިޑް19 ގެ ބަކިމަޑުކަމާ ގުޅިގެން މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޗައިނާ ފަތުރުވެރިން އައުން ހުއްޓާލުމާ ހަމައަށް އެ ގައުމުން 31,744 ފަތުރުވެރިން ރާއްޖެ އައިސްފައެވެ.

ކޮވިޑް-19 ގެ ވެކްސިނާ އެކު ފަތުރުވެރިކަން އަލުން ހިނގައިގަންނާނެ ކަމަށް ލަފާ ކުރެއްވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމުވެސް ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާ (ޔޫއެންޑަބްލިއުޓީއޯ) ގެ ފަރާތުން އިންތިޒާމު ކުރި "ގްލޯބަލް ޓޫރިޒަމް ކްރައިސިސް" ކޮމިޓީގެ ހަތް ވަނަ ބައްދަލުވުމުގައި މައުސޫމް ވިދާޅުވީ ކޮވިޑް-19 އަށް ތައާރަފް ކުރަމުންދާ ވެކްސިންތައް ކައިރި މުސްތަގުބަލެއްގައި ބޭނުން ކުރަން ފެށި މިހާރު ހަދަމުންދާ ޕީސީއާރު ޓެސްޓުތައް ހެދުމުގައި ދިމާވަމުންދާ ދަތިތަކުން މިންޖުވެ ފަތުރުވެރިންނަށް ދަތުރުފަތުރަށް ފަހިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.