ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ސްޕެޝަލް ކްލާސްގެ ދަރިވަރުންނަށް ކިޔަވައިދިނުމަށް ބޭނުންވާ ތަކެތި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފޯރުކޮށްދީފިއެވެ.

މި ތަކެތި އެ ސްކޫލާ ހަވާލުކޮށްފައި ވަނީ ބީއެމްއެލް އިން މިހާރު ކުރިއަށްގެންދާ "އަހަރެންގެ ބޭންކް" ކެމްޕޭންގެ ދަށުންނެވެ. މި ތަކެތި ހަވާލު ކުރުމަށް އިއްޔެ ހާއްސަ ރަސްމިއްޔާތެއްވެސް ވަނީ ބާއްވާފައެވެ.

ދިވެހި މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން މިހާރު ކުރިޔަށްގެންދާ "އަހަރެންގެ ބޭންކް" ކެމްޕޭންގެ ދަށުން މި މަސް ތެރޭގައި އިތުރު ކަންތައްތަކެއް ކުރިއަށްގެންދިޔުމަށް ނިންމާފައިވާއިރު، މިދިޔަ ދުވަސްތަކުގައިވެސް ބައެއް ސްކޫލްތަކާއި، ޖަމިއްޔާ ޖަމާއަތްތަކަށް ވަނީ ބީއެމްއެލްގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.

ބީއެމްއެލް އިން ބުނީ "އަހަރެންގެ ބޭންކް" ކެމްޕޭންގެ ދަށުން މުޅި އަހަރު ދުވަހަށް ބަހާލައިގެން 300 މިލިއަން ރުފިޔާ ހޭދަކުރަން ނިންމާފައިވާ ކަމަށެވެ.