ކޮވިޑް-19ގެ ސަބަބުން ކަސްޓަމަރިންނަށް ލުއި ފަސޭހަކަމާއެކު ހިދުމަތް ހޯދުމަށް މަގުފަހި ކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ގިނަ ހިދުމަތްތައް އޮންލައިން ކޮށް އެދި ހުށަހެޅޭ ގޮތަށް ހަމަޖެއްސުމުން ނުވަމަސް ތެރޭގައި 80،000 އަށްވުރެ ގިނަ ހުށަހެޅުން ލިބިފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލް އިން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ފޯރުކޮށްދޭ އިތުރު އެކައުންޓް ހުޅުވުމާއި، ކްރެޑިޓް އަދި ޑެބިޓް ކާޑަށް އެދި ހުށަޅުމާއި، ލުއި ލޯނަށް އެދި ހުށަހެޅުމުގެ އިތުރުން މަލުލޫމާތު ފޯމު އަޕްޑޭޓް ކުރުން ފަދަ ކަންކަން ކުރެވޭ ގޮތް ވަނީ ހަދާފައެވެ.

ބީއެމްއެލް އިން ބުނީ، ހިދުމަތްތަކަށް އެދި 80،000 އަށް ވުރެ ގިނަ އެޕްލިކޭޝަން ހުށަހެޅިފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ މާރިޗު މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ހުށަހެޅުނު އަދަދެވެ. މިއީ 2019 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %33 އަށް ވުރެ އިތުރު އަދަދެކެވެ.

ބީއެމްއެލް އިން ވަނީ ކޮވިޑް-19 ގެ ސަބަބުން ކަސްޓަމަރުންގެ ރައްކާތެރިކަމަށް އިސްކަން ދިނުމުގެ ގޮތުން ގިނަ ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް ވަނީ ބާރުއަޅާފައެވެ. މި ގޮތުން އިންޓަރނެޓް ބޭންކިންގ ގެ އިތުރުން ހިދުމަތް ހޯދުމަށް ކަސްޓަމަރުން ބޭންކަށް އަންނަންޖެހޭ ގޮތަށް ހުރި ގިނަ ޚިދުމަތްތައް އޮންލައިންކޮށް ލިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މީގެ ތެރޭަގައި އިންޓަރނެޓް ބޭންކިންގ އަށް އޮންލައިންކޮށް ރަޖިސްޓްރީ ކުރުމާއި، ޑިޖިޓަލް ޕިންގެ ޚިދުމަތުގެ އިތުރުން ޓީޓީ އަށް އެދި ހުށަހެޅުމާއި، ޕޭރޯލްގެ ހިދުމަތް ހޯދުމަށް އީމެއިލް ކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅުއްވާފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުސޫލޫތަކާ އެއްގޮތްވާ ގޮތުގެ މަތިން ބްރާންޗް ތަކުން ކިއުބީއެޕް ނަންބަރުތަކަށް ޚިދުމަތް ދެމުންދާއިރު ސަރވިސް ސެންޓަރ ތަކުން ހިދުމަތް ދެމުންދާނީ އެޕޮއިންޓްމަންޓަށެވެ.
ކޮވިޑް-19 ފެތުރެން ފެށި ފަހުން، އޮންލައިން ހިދުމަތްތައް ބޭނުންކުރާވަރު އިތުރުވެ، މިހާރު ބޭންކުގެ 90 ޕަސެންޓް އަށް ވުރެ ގިނަ ކަސްޓަމަރުން އިންޓަނެޓް ބޭންކިންގެ ހިދުމަތްތައް ބޭނުންކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު