މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި \ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އަށް ސާފު ފައިދާގެ ގޮތުގައި 91 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެސްޓީއޯގެ 2020 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރގެ ހިސާބުތައް މިއަދު ވަނީ އާއްމުކޮށްފައެވެ.

އެގޮތުން އެ ހިސާބުތައް ދައްކާގޮތުން، އެސްޓީއޯގެ ހަތަރި ވަނަ ކުއާޓަރގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 9.1 ބިލިއަން ރުފިޔާ ލިބިފައެވެ. އަދި ޖުމްލަ ފައިދާގެ ގޮތުގައި 378 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. އެސްޓީއޯއިން ބުނީ، މިއީ އޭގެ ކުރީ އަހަރުގެ ހަތަރުވަނަ ކުއާޓަރއާއި އަޅާބަލާއިރު 15 އިންސައްތައިގެ ކުރިއެރުމެއް ކަމަށެވެ.

އަދި ކުންފުނީގެ ހިންގުމުގެ ހަރަދު، 2020 ވަނަ އަހަރު ގެ ހަތަރު ވަނަ ކުއާޓަރގައި ވަނީ އޭގެ ކުރީ އަހަރުގެ ހަތަރުވަނަ ކުއާޓަރއާއި އަޅާބަލާއިރު ގާތްގަނޑަކަށް ހަތަރު އިންސައްތަ އިތުރުވެފައެވެ. މީގެ މައިގަނޑު ސަބަބަކީ، ކޮވިޑް-19 އަށް ރިޢާޔަތްކޮށްކޮށް ކަސްޓަމަރުންނަށް ދީފައިވާ ކްރެޑިޓް މުއްދަތު އިތުރުކުރުމާއި ޕްރޮވިޝަން ހިސާބު ކުރުމަށް ބޭނުންކުރާ މިންގަނޑުތަކަށް ގެނެވުނު ބަދަލާއިއެކު ޕްރޮވިޝަންސް އިތުރުވުމެވެ.

އެސްޓީއޯގެ 2020 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރގެ ސާފު ފައިދާއަކީ 91 މިލިއަން ރުފިޔާއެވެ. މިއީ 2019 ވަނަ އަހަރުގެ ހަތަރުވަނަ
ކުއާޓަރއާއި އަޅާބަލާއިރު 10 އިންސައްތައިގެ ކުރިއެރުމެއްް ކަަމަށް އެސްޓީއޯއީން ބުންޏެވެ.

އެ ކުންފުނީން ބުނީ، އެ ކުންފުނިންއަބަދުވެސް އެންމެ އިސްކަމެއް ދެނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް، މެދުކެނޑުމެއްނެތި ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަށެވެ. އެގޮތުން ކޮވިޑް-19 ގެ ހާލަތުގައިވެސް އެންމެ އިސްކަމެއް ދީފައިވަނީ ބޭހާއި ކާޑާއި، ރައްޔިތުންނަށް ބޭނުންވާ އެހެނިހެން ހިދުމަތްތައް ހުއްޓުމެއްނެތި ފޯރުކޮށްދިނުމަށް ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، އެސްޓީއޯއިން ވަނީ ކޮވިޑް-19 ގެ ސަބަބުން ސިއްހީ ދާއިރާއަށް ބޭނުންވި މެޑިކަލް ކޮންސިއުމަބަލްސްއާއި އިކުއިޕްމަންޓްގެ އިތުރުން ސަރުކާރުން ޓަރޝަރީ ފެންވަރަށް ގެންނަ، 4-ހޮސްޕިޓަލް ޕްރޮޖެކްޓަށް ބޭނުންވާ އިކުއިޕްމަންޓް ވެސް ފޯރުކޮށްދީފައިވާނެ ކަަމަށް އެސްޓީއޯއިން ބުންޏެވެ.

އަދި ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މި ދާއިރާތަކަށް އިންވެސްޓްކުރުމަށާއި ހިއްސާ ދާރުންނަށް ދެމެހެއްޓެނިވި ފައިދާއެއް ނެރެދިނުމަށް ކަމަށް އެސްޓީއޯއިން ބުންޏެވެ.

ނިމިދިޔަ އަހަރު ކުންފުނީގެ ޖުމްލަ އާމްދަނީއަކީ 2.7 ބިލިއަން ރުފިޔާއެވެ. ކުންފުނީގެ ހިންގުމުގެ ހަރަދު ކުޑަކުރެވިފައި ވުމާއެކު ކުންފުނީގެ
ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާ ގެ ގޮތުގައި 500 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާ ގެގޮތުގައި 410 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 35 އިންސައްތައިގެ ކުރިއެރުމެކެވެ.