ރާއްޖެ އާއި އިންޑިއާގެ ހައިދަރުއާބާދާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް އިންޑިއާގެ ގޯ އެއާ އިން ނިންމައިފިއެވެ.

ގޯ އެއާ އިން ބުނީ އިންޑިއާގެ ހައިދަރުއާބާދާއި ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ސީދާ ދަތުރުތައް ފަށާނީ އަންނަ މަހުގެ އަށް ވަނަ ދުވަހުން ފެށިގެން ކަމަށެވެ. މި ދަތުރުތައް ހަފްތާއަކު ހަތަރު ދުވަހު އޮންނާނެ ކަމަށް ގޯ އެއާ އިން ބުންޏެވެ.

އެއީ ހޯމަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ.

ގޯ އެއާ އިން މި ފްލައިޓްތަކުގެ ޖެނަރަލް ސޭލްސް އޭޖެންޓަކަށް ހަމަޖައްސާފައިވަނީ ވޮޔަޖަސް މޯލްޑިވްސްއެވެ.

ހައިދަރުއާބާދާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް އިންޑިއާގެ ގޯ އެއާ އިން ނިންމި އިރު، އެ އެއާލައިނުން މިހާރު ވެސް ދަނީ މުމްބާއީ، ނިއުދިއްލީ އަދި ބެންގަލޫރަށް ސީދާ ދަތުރުތައް ކުރަމުންނެވެ.

އިންޑިއާގެ އެކި ސިޓީތަކަށް ބައެއް އެއާލައިންތަކުން ދަތުރު ކުރާ އިރު، އިންޑިއާއަކީ މިދިޔަ އަހަރު ރާއްޖެއަށް ދެ ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރި ގައުމެވެ. އަދި މިއަހަރުގެ މިހާތަނަށް ރަޝިޔާ ފިޔަވައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ.

ކިޔުންތެރިންގެ ހިޔާލު