(ފުވައްމުލައް ސިޓީ) އިންސާނުން ވެސް ބަލިވާހެން ގަސްގާހާއި ގެހި ވެސް ބަލިވެއެވެ. އަޅާލުމާއި ލޯބި ބޭނުން ވެއެވެ. އޯގާތެރިކަމުގެ އަތަކުން އެ ގަސްތަކަށް އެންމެ ބޭނުންވާ ކާނާ ލިބެން ބޭނުންވެއެވެ. ނަމަވެސް ބައެއް ގަސްތަކަށް ޖެހޭ ބައްޔަކީ ހޯދަން އުނދަގޫވެ، ފަރުވާ ކުރެވެން ނެތް ބައްޔަކަށް ވާ ހިސާބަށް ދެއެވެ. ގަސް ގަހަށް ޖެހޭ ބަލިތަކާ ހެދި ބައެއް މީހުން ވަރަށް ބޮޑަށް މާޔޫސް ވެއެވެ. ހައްލެއް ނުލިބޭތީއެވެ.

ހައްލު ހޯދަން ކަމާބެހޭ ދާއިރާތަކުގައި އުޅޭ ފަރާތްތަކުން މަސައްކަތް ކުރާ ތަން ނުފެންނާތީ ވަކިން ބޮޑަށް ވަނީ މާޔޫސްވެފައެވެ. މިފަދަ މައްސަލަތަކުގައި ހާއްސަކޮށް ދަނޑުވެރިންގެ މޫނު މަތިން ފެނިގެން ދަނީ ހިތާމަވެރި ކުލަވަރުތަކެވެ. އެތައް ހަރަދެއްކޮށްގެން ހައްދާ އެއްޗެހި ނެތި ގޮސްދާނެ ކަމުގެ ބިރުވެރިކަން އޮތަތީއެވެ. ފުވައްމުލަކުގެ ދަނޑުވެރިންގެ މޫނުތަކުން ވެސް ފެންނަނީ އުފާވެރި މަންޒަރެއް ނޫނެވެ.

ޏ. ފުވައްމުލަކުގެ ދަނޑުވެރިން އެންމެ ގިނަ އިން ހައްދާ އެއް ބާވަތަކީ އޮޅު އަލައެވެ.

މިހާރު މިރަށުގައި އޮޅުއަލަ ހައްދާ މީހުންނަށް ދިމާވެގެން އުޅެނީ މިފަދަ ފަރުވާއެއް ނުލިބިވާ މައްސަލައެކެވެ. މައްސަލަ ދިމާވެގެން އުޅޭތާ މިހާރު ފަސް އަހަރުވެއްޖެއެވެ. މިކަމުގައި އެކަށީގެންވާ ފަރުވާއެއް ނުލިބި ކުއްލިއަކަށް އޮޅުގައި ހުންނަ ގަސްތައް މަރުވަނީއެވެ.

މި ރަށުގައި ދަނޑުވެރިކަމުގައި ގިނަ ދުވަސްވީ އަދި އެ ދާއިރާއިން ތައުލީމް ވެސް ހާސިލްކޮށްފައިވާ އިބްރާހިމް ރަޝީދު އަހުމަދު، 63، ބުނާ ގޮތުގައި، އޭނާގެ ތަޖުރިބާއަށް ބަލާ އިރު، މިއި ފަންގަސްގެ ކަމެއް ކަމަށެވެ. އަދި މިކަމަށް ހައްލެއް ލިބޭނީ ފަންގިސައިޑެއް ލިބިގެން ކަމަށް ބުންޏެވެ.

ފުވައްމުލައް އަލަ ދަނޑުތައް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"އަޅުގަނޑުގެ ހައްލަކީ ރަނގަޅު ފަންގިސައިޑެއް ހޯދަންވީ، ނޫނީ އަލައިގެ އާއިލާގެ ހުރިހާ އެއްޗެއް މި ރަށުން ހުސް ކުރަންވީ، ހުސްކޮށްފައި އަހަރެއްހާ ދުވަސް ވާއިރު ބިންގަނޑުގައި ހުންނަ ފަންގަސްތައް ފިލާނެ، އަލުން ވެރައިޓީ ގެނެސް ހެއްދީމަ ހީވޭ ރަނގަޅުވާނެ ހެން،" އިބްރާހިމް ރަޝީދު ބުންޏެވެ.

މިރަށަކީ އަލަ ހެއްދުމުގައި މަޝްހޫރުކަން ލިބިފައިވާ ރަށަކަށްވާ އިރު، މިރަށުގައި އެތައް ވައްތަރެއްގެ އަލަ ހައްދާކަން ވެސް ފާހަގަކުރެވެއެވެ. މީގެތެރޭގައި ކެމްބޯޑިއާ އަލަ، މިސްރު އަލަ، ޔުގެންޑާ އަލަ ފަދަ އަލަ ގަސްތައް މިރަށުގައި ހައްދައެވެ. ނަމަވެސް މިއީ ސީދާ އެ ގައުމުތަކުން ގެނެސްގެން ހައްދާފައި ހުރި އެއްޗެހިކަން ސާފެއްނުވެއެވެ.

ފުވައްމުލައް އަލަ ދަނޑުތައް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މިގޮތަށް ނަން ދީފައި ހުންނަ ގަސްތަކުގެ ފަތްތައް ތަފާތުވުމާއި އަލަނާސިއިންނާއި ރަހައިން ވެސް ތަފާތު ފެނެއެވެ. އަދި މި ހުރިހާ އެއްޗެއްވެސް މީރުވެފައި ވިކެއެވެ. އަދި ޑިމާންޑްވެސް އެހާ ބޮޑެވެ.

މިރަށުގައި އާއްމުކޮށް އަލަ ކިލޯއެއްގެ އަގު އުޅެނީ 40ރ ގައެވެ.

އިބްރާހިމް ރަޝީދު ބުނީ، އަލަ ގަސްތަކަށް ދިމާވެފައިވާ މައްސަލައާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީއާ ވާހަކަ ދެކެވިގެން ދިޔަ ކަމަށެވެ. އަދި އެކަމާ ގުޅިގެން މިނިސްޓްރީން ކައުންސިލް އިދާރާއާ ގުޅިގެން ބައްދަލުވުމެއް ބޭއްވި ކަަމަށްވެއެވެ.

އަލަ ގަސްތަކަށް ދިމާވި މައްސަލައިގެ އިތުރު ތަަފްސީލު ދެމުން އޭނާ ބުނި ގޮތުގައި، ފުރަތަމަ އަލަ ގަސްތަކުގެ ފަތްތަކުގައި ޖަހަނީ ފޮޅެއް ކަހަލަ އެެއްޗެކެވެ. އޭގެ ފަހުން ފެންނަނީ ފަތްތައް އަނދަމުންދާ ތަނެވެ.

"އެ އެއްޗެހި ކޮށާފައި ނަގާފައި، އަލުން ޖެހިޔަސް ހައްލެއް ނުވާނެތާ، އޭގެ އަސްލު ނައްތާނުލެވޭ ކަމުގައިވާނަމަ" އިބްރާހިމް ރަޝީދު ކިޔައިދިނެވެ.

އިބްރާހިމް ރަޝީދު ފާހަގަކުރާ އެ ފަންގަސް ކިބައިން ސަލާމަތް ވުމަށް ގިނަބަޔަކު ބޭނުން ކުރަމުންދަނީ އަޅިއެވެ. އެކަމަކު މިއީ ދާއިމީ ހައްލެއް ނޫނެވެ. އެ މީހުން އެ ތިބެނީ ގަސްތައް މިއަދުވެސް މަރުވެދާނެ ކަމުގެ ބިރުވެރިކަމުގައެވެ.

"މިގޮތަށް އަޅި ޖެހީމަ ތަންކޮޅެއް ރަނގަޅުވޭ... އެކަމަކު މިއީ ދެން ދާއިމީ ހައްލަކަށް ނުވާނެ ދޯ".

"ވަގުތު" އިން ފުވައްމުލަކަށް ކުރާ "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.