ރާއްޖޭގައި ކޮވިޑް-19ގެ ވޭދަނަތައް އިތުރުވަމުންދާ މިދަނޑިވަޅުގައި ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރަމުންދަނީ ގޭގައި ތިބެގެންނާއި ޝިފްޓް ޑިއުޓީގައި އުސޫލުން ކަމަށާއި، މިއާއެކު ބައެއް ހިދުމަތް ދިނުމުގައި ލަސްކަމެއް ކުރިމަތިވެފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބުނެފިއެވެ.

ބީއެމްއެލް އިން ބުނީ، ރާއްޖޭގެ އެކިކަންކޮޅުތަކަށް ބޭންކިންގ ހިދުމަތް ފޯރުކޮށް ދެމުންދާއިރު، އެ ބޭންކުން އެންމެ އިސްކަމެއްދެނީ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް ކަމަށެވެ.

އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކަނޑައަޅާފައިވާ މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ބޭންކުގެ މުވައްޒަފުން ޝިފްޓް ޑިއުޓީ އާއި ވަކިވަކި ޓީމް ތަކަށް ބަހާލައި އަދި ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.

އަދި މިކަމުގެ ސަބަބުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުގެ އެކައުންޓް ހުޅުވުމާއި، ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމާއި، ލޯކަލް ބޭންކް ޓްރާންސްފަރ (އޭ.ސީ.އެޗް، އާރް.ޓީ.ޖީ.އެސް، އަދި އެމް.އާރް.ޓީ.ޖީ.އެސް) އާއި ކާޑު ޕްރޮސެސް ކުރުމާއި، ޗެކް ޕްރޮސެސް ކުރުމާއި،
އަދި ޕޭ ރޯލް ހިދުމަތް (މުވައްޒަފުންގެ މުސާރަޖަމާކޮށްދިނުން) ފަދަ ހިދުމަތްތައް ދިނުމުގައި ލަސްކަމެއް އައިސްފައިވާ ކަމަށް އެ ބޭންކުން ބުނެފައި ވެއެވެ.

އަދި މީގެ އިތުރުން ރަށްރަށުގައި ބެހެއްޓިފައިވާ އޭޓީއެމް ސަރވިސް ކުރުމުގެ މަސައްކަތް ކުރުމާއި، ކަސްޓަމަރުންނަށް މައުލޫމާތު ދިނުމާއި ޖަވާބު ދިނުން ފަަދަ ކަންކަމުގައިވެސް ލަސްތަކެއް ދިމާވެފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.

އެ ބޭންކުން ބުނީ، އެ ބޭންކުން ދެމުންދާ ހިދުމަތްތައް މެދުނުކެނޑި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ބިޒްނަސް ކޮންޓިނިއުޓީ ޕްލޭން އާއެއްގޮތަށް މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި ކަސްޓަމަރުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

އެ ބޭންކުން ވަނީ، ކަސްޓަމަރުން ގޭގައި ތިބެގެން ޑިޖިޓަލް ބޭންކިންގ އަދި ސެލްފް ސަރވިސް ޗެނަލްތައް މެދުވެރިކޮށް ހިދުމަތް
ބޭނުންކޮސށް، އޮންލައިންކޮށް ލިބެން ހުންނަ ހިދުމަތްތައް ބޭނުން ކުރުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހުމަދު

    ގޭގަތިބެގެން ރާއްޖޭންބޭރުން އެއްޗެއް ނުގަނެވިގެން މިއުޅެނި ކާރޑްލިމިޓް ކުރިކުރީނުން. އަހަރަކު 50 ޑޮލަރު ދައްކާ ކުރެޑިޓް ކާރޑުވެސް ލިމިޓްކޮއްލާފަ މިހާރު ގޯލްޑެއް ކުލެސިކެއް ސިލްވަރ އެއް ނޯވެ ލިމިޓް އެއްވަރެއް.

  2. ހުސެން ރަޝީދު

    ރާއްޖޭގެ ކޯވިޑް އެންމެ ބޮޑު ކްލަސްޓަރ އޮތީ ބޭންކުގަ. ގިނަ ޑިޕާރޓްމަންޓް ތަކުގެ ވަރަށް ގިނަ ސްޓާފުންވަނީ ޕޮޒިޓިވްވެވަ. އެޗް އާރުން ދަނީ ޕޮޒިޓިވްވާ ސްޓާފުން ކޮންޓެކްޓުންގެ މަޢުލޫމާތު އެޗ.ޕީ.އޭ އާ ހިއްސާ ނުކުރުމަށް ބުނެ ސްޓާފުންނަށް ބިރުދައްކަމުން. މުޅި ބޭންކުގަ ކޯވިޑް. ސްޓާފުން ތިބީ ބިރުވެރިކަމެއްގަ.

  3. މުހައްމަދު ހަސަން

    ބޭންކްގެ ލަސް ޚިދުމަތަށް އެދެނީ އަވަސް ހެޕީއެންޑިންގއަކަށް