ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގެ ހިދުމަތް ފެށިތާ 47 އަހަރު ފުރުން ފާހަގަ ކޮށްފިއެވެ.

އެސްބީއައި ބޭންކުގެ އޮޕަރޭޝަން ފަށާފައިވަނީ 1974 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ. މިއީ އެންމެ ފުރަތަމަ މާލޭގައި ކޮމާޝަލް ބޭންކިންގެ ހިދުމަތް ފަށާފައިވާ ބޭންކެވެ. އެސްބީއައި އިން ވަނީ 1982 ވަނަ އަހަރު ރާއްޖޭގެ ސެންޓްރަލް ބޭންކު ހުޅުވުމާއި ހަމައަށް ލަންޑަންގައި ހުންނަ އޮފީސްތައް މެދުވެރިކޮށް ރާއްޖޭގެ ސަރުކާރުގެ އެކި އެކި ޓްރޭޑްތައް ބަލަހައްޓަމުންނެވެ. މި ޓްރޭޑްތައް ބަލަހައްޓާފައިވަނީ ކްރެޑިޓްލައިން އެއްގެ ދަށުންނެވެ.

ހިދުމަތް ދެމުން އަންނަތާ ގާތްގަނޑަކަށް ފަސް ގަރުނު ވެފައިވާ އިރު، އެސްބީއައި އިން ވަނީ ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށް މުހިންމު ރޯލެއް އަދާ ކޮށްފައެވެ. އެހެން ކަމުން އެސްބީއައި ބޭންކު ވަނީ ދިވެހިންގެ މެދުގައިވެސް މަޝްހޫރުވެ، އިތުބާރު ހޯދާފައެވެ. މި ބޭންކަށް ދިވެހިންގެ ގިނަ ބަޔަކު ކިޔަމުން އަންނަނީ "އިންޑިއާ ބޭންކް" މިފަދައިންނެވެ.

އެސްބީއައި އިން ބުނީ، މިދިޔަ އަހަރު ކޮވިޑް-19 ގެ އިތުރުން މާލޭގައި ހުންނަ މައި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ބޭންކަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައި ކަމަށެވެ.

މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި މުވައްޒަފުން އަވަދިނެތި ދެއްވި ހިދުމަތައް ބޭންކުން ފަހުރުވެރިވާ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ. ހާއްސަކޮށް އަލިފާނުގެ ހާދިސާގައި މާލޭގެ އިމާރާތުގެ ހިދުމަތް ހުއްޓި ހުޅުމާލޭގައި ހިދުމަތް ދިން އިރު އެންމެ ދުވަހެއްވެސް ހިދުމަތް މެދު ނުކެނޑޭ ކަމަށްވެސް ވަނީ ބުނެފައެވެ.

ކޮވިޑް-19 ގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަ ކުރުމުގެ ގޮތުން އެސްބީއައި އިން ވަނީ އެބޭފުޅުންގެ މޯބައިލް ބޭންކިން އެޕްލިކޭޝަން "އެސްބީއައި ޔޯނޯ މޯލްޑިވްސް" މިދިޔަ އަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހު ތައާރަފް ކޮށްފައެވެ. މި އެޕްލިކޭޝަންގެ ސަބަބުން ކަސްޓަމަރުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ.

އެސްބީއައި އިން ވަނީ އެކުންފުނީގެ ސްޓޭކްހޯލްޑަރުންނާއި ކަސްޓަމަރުން ދެއްވި އެއްބާރުލުމުނަށް ޝުކުރު އަދާކޮށް، ކުރިއަށް އޮތް އަހަރުތަކުގައިވެސް އެބޭފުޅުންނަށް ދެވޭނެ އެންމެ ފުރިހަމަ ހިދުމަތް ދޭނެ ކަމަށް ބުނެފައެވެ.