(ފުވައްމުލައް ސިޓީ) ރާއްޖޭގައި ދަނޑުވެރިކަން ތަރައްގީ ކުރުމުގެ ވިސްނުން ހުންނަ އެތައް ދިވެހިންނެއް އެބަތިބިއެވެ. ދާއިރާ އިން ކިޔަވައިގެން އައިސް ތިބި މީހުން ވެސް ވަކި މަދެއް ނޫނެވެ. މިކަމުގައި އުޅޭ މީހުން ވެސް ގިނައެވެ. ޝައުގުވެރިކަމާއެކު މިކަން ކުރާ ކިތަންމެ ބަޔަކު އެބަތިބިއެވެ. އެ ރަށްތަކުގެ ތެރެއިން ފުވައްމުލައް ސިޓީއަކީ ތަފާތު ރަށެކެވެ. އެހެން ރަށްތަކުގެ މީހުން ދަނޑުވެރިކަމަށް އުފައްދާ ތަކެތި ރާއްޖޭގެ އެކިކަންކޮޅުތަަކަށް ވިއްކައިގެން ބޮޑު އާމްދަނީއެއް ހޯދި ނަމަވެސް މި ރަށުގެ ގިނަ ދަނޑުވެރިން ހައްދާ ތަކެތި ވިއްކަނީ އަމިއްލަ ރަށަށެވެ.

ފުވައްމުލަކުގައި ދިރިއުޅޭ މީހުންނަށް މި ތަކެތި ވިއްކައިގެން ދަނޑުވެރިން ރަނގަޅު އާމްދަނީއެއް ވެސް ހޯދާތާ ދުވަސްތަކެއްވެއްޖެއެވެ.

ފުވައްމުލަކުގައި ދަނޑުވެރިކަމުގެ ދާއިރާގައި އެންމެ ތަޖުރިބާކާރު އެކަކު ކަމަށްވާ އިބްރާހިމް ރަޝީދު އަހުމަދު 63، ބުނި ގޮތުގައި ރަށުގައި ދަނޑުވެރިކަން ވަނީ ވަރަށް ބޮޑަށް ކުރިއަރައިފައެވެ. އެތައް ދަނޑުވެރިން އެ މަސައްކަތް ކުރަނީ ފައިދާއާ އެކުގައި ކަމަށް ވެސް އޭނާ ބުންޏެވެ. އިބްރާހިމް ރަޝީދުގެ ދެ ދަނޑެއް އޮންނަ އިރު، އެ ދެ ދަނޑުގައި ހައްދާ ތަކެތި ވިއްކަނީ ވެސް ހަމައެކަނި ރަށުގެ ރައްޔިތުންނަށެވެ.

މާލެ ގެންދިއުމަށް ކިތަންމެ ބޭނުންވިޔަސް އެ މަގު ތަނަވަސްވެފައެއް ނެތެވެ.

އިބްރާހިމް ރަޝީދު އަހްމަދުގެ ދަނޑުގައި ހައްދާފައިވާ ބައެއް ބާވަތްތައް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ރަށުގެ ދަނޑުވެރިން އެއްޗެހި ހައްދަނީ ރަށުގެ ޑިމާންޑަށް ބަލައިފައެވެ. ރަށުގެ ދަނޑުވެރިން ފާހަގަކުރާ ގޮތުގައި، ރަށުގެ މާރުކޭޓު ފިޔަވައި މި ތަކެތި ވިއްކާނެ އިތުރު މާރުކޭޓެއް ނޯވެއެވެ. އެކަށީގެންވާ ދަތުރުފަތުރުގެ ނިޒާމެއް ނެތީއެވެ. ދަތުރުފަތުރުގެ ނިޒާމެއް ނެެތުމަކީ މާލެ އަށް ތަކެތި ނުފޮނުވޭ އެއް ސަބަބެވެ. އެހެންވެ މިރަށުގައި ގިނަ މީހުން ހައްދާ ތަކެތި ދޭން ޖެހިފައި ވަނީ ރަށުގެ ރައްޔިތުންނަށެވެ.

ދަނޑުވެރިކަން ކުރަމުން އަންނަތާ 20 އަހަރުވެފައިވާ އިބްރާހިމް ރަޝީދަކީ ހަމައެކަނި ކަރާ ހައްދަމުން އަންނަ ދަނޑުވެރިއެކެވެ. މީގެކުރިން ކަރާ ހައްދައިގެން އައްޑޫ އަށް ގެންދިޔައެވެ. ނަމަވެސް ފަހުން އެކަން ހުއްޓި ހައްދާ ކަރާތައް ވިއްކަމުން ދިޔައީ ރަށަށެވެ.

ފުވައްމުލައް ދަނޑުވެރިއެއްކަމަށްވާ ރަޝީދު ވަގުތު އަށް މައުލޫމާތު ދެއްވަނީ- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ދަނޑުވެރިކަމަށް ފުރުސަތު އެބަ އޮތް، ވިސްނުން ބަދަލު ކުރަން ޖެހޭ!

ރާއްޖޭގައި ބައެއް ދާއިރާތަކުން ކުރިއަށް ދާން ފުރުސަތު ނެތް ކަމުގެ ވާހަކަތައް އަބަދުވެސް އަޑު އިވެއެވެ. ބައެއް ދާއިރާތަަކަކަކީ ބިދޭސީންގެ އަތް މަތީގައި އޮންނަ އެއްޗެއް ކަމަށް ބުނާ މީހުން މަދެއް ނޫނެވެ.

އިބްރާހިމް ރަޝީދު އަހުމަދު ގަބޫލު ކުރާ ގޮތުގައި، ރާއްޖޭގައި ދަނޑުވެރިކަމުގައި ދާއިރާއިން ކުރިއަށްދާން ފުރުސަތު އެބަ އޮތެވެ. އަދި އޭނާ ވަނީ ވަރަށް ބޮޑު މިސާލެއްވެސް އެކަމާއި ގުޅޭ ގޮތުން ދައްކައިފައެވެ.

"އަޅުގަނޑު އެންމެ ބަޓާނާ ކިލޯއެއް މިއަދު އުފެއްދީމާ، ކޮންމެެވެސް މީހަކު އަގުދީފައި، ފައިސާ ދީފައި އެ ބަޓާނާ ކިލޯ ގެންދާނެ، އެ އަޅުގަނޑު ނެހެއްދިނަމަ، އެ ބަޓާނާ ކިލޯ ރާއްޖެއިން ބޭރުން ކޮންމެވެސް ވިޔަފާރިވެރިއަކު ނޫނީ، ރާއްޖެއިން ބޭރުން އެތެރެ ކުރާނެ. އެހެންކަމަށްވާ ނަމަ އެ ބަޓާނާ ކިލޯގެ ފައިސާއަކީ ގައުމުގެ މާލިއްޔަތުން ހޭދަވާ ފައިސާ. އަޅުގަނޑު ހެއްދީމަ، އެ ފައިސާ ހުންނާނީ މާލިއްޔަތުގައި، އަޅުގަނޑުގެ ޖީބުގައި ބަޓާނާ ކިލޯއެއް ހައްދައިގެން ލިބުނު 25 ރުފިޔާ މިއަދު އޮތަސް މާދަމާ އޮންނާނީ ސަރުކާރުގެ ބައިތުލްމާލުގައި، އެހެންކަމުގައި ވަންޏާ އެ އޮންނާނެ ހޮސްޕިޓަލްތައް އަޅަން، ކުޅިވަރުތައް ތަރައްގީ ކުރަން، އެހެން ނޫނީ ކުދިންނަށް ކިޔަވާދޭން، މިކަހަލަ މުހިންމު ތަރައްގީގެ މަސައްކަތް ކުރަން". އިބްރާހިމް ރަޝީދު ބުންޏެވެ.

އިބްރާހިމް ރަޝީދު އަހްމަދުގެ ދަނޑުގައި ހައްދާފައިވާ ބައެއް ބާވަތްތައް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އޭނާ ބުނީ، މިފަދަ ހިޔާލުތައް ހުރެގެން ނޫނީ ގައުމު ތަރައްގީ ނުކުރެވޭނެ ކަމަށެވެ.

ބައެއް ދަނޑުވެރިން ފާހަގަކުރާގޮތުގައި، ދަނޑުވެރިން ހައްދާ ތަކެއްޗަށް ޑިމާންޑް ނެތިގެން އުޅެނީ އެ މީހުން ހައްދާ ތަކެތި ރާއްޖެއިން ބޭރުން ގެންނާތީ އެވެ.

ގިނަ ދަނޑުވެރިން މިގޮތަށް ވާހަކަދެއްކި ނަމަވެސް، އިބްރާހިމް ރަޝީދު އަހުމަދުގެ ވިސްނުން ތަފާތެވެ. އޭނާ ބުނީ، އެތަންތަނުން ރާއްޖެއަށް ތަކެތި އެތެރެ ނުކޮށްވެސް ވާން ނެތްކަމަށެވެ.

"އެއީ އަޅުގަނޑުމެން ރިސޯޓްތައް ވެސް ހިންގަން ޖެހޭ. ރެސްޓޯރެންޓްތައްވެސް ހިންގަން ޖެހޭ، އެންމެން ކާން ވެސް ޖެހޭ، އަޅުގަނޑުމެން އެކަމަށް ޒިންމާވެފައި ތިބޭ، ވިޔަފާރިވެރިން، ރިސޯޓްތަކުގެ ވެރިން، އެ މީހުން ބޭނުންވާނެ ޔަގީންކަން އޮންނަން އަހަރެންގެ ރިސޯޓަށް މިއަދު ބޭނުންވާ ކިއުކަންބާ ކިލޯ އަހަންނަށް ބާޒާރުން ގަންނަން ލިބޭނެ ކަން، އަޅުގަނޑުމެންގެ ދަނޑުވެރިން މިއަދު މަސައްކަތް ކޮށްފައި ދެން ހުރި ހަ މަސް ދުވަހު މަސައްކަތް ނުކޮށް، އެ ތަކެތި ނުއުފައްދާ ކަމުގައިވާ ނަމަ، ބާޒާރުގައި ނުހުންނާނެ އެ އެއްޗެހި،" އިބްރާހިމް ރަޝީދު ބުންޏެވެ.

އިބްރާހިމް ރަޝީދު އަހްމަދު ވަގުތަށް މައުލޫމާތު ދެނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އޭނާ ގަބޫލުކުރަނީ ރާއްޖެއަށް ތަރުކާރީ އާއި މޭވާ އެތެރެކުރާ ފަދައިން ރާއްޖޭގެ ދަނޑުވެރިން ތަކެތި ހައްދަން ވެސް ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ތަކެތި ހައްދަން ފެއްޓީމަ، އޮޓޯމެޓިކުން އެއްޗެހި ހެއްދުން ހުއްޓާލެވޭނެ، މިސާލަކަށް އަޅުގަނޑު ދަންނަވާފާނަން، ކަރާ، މިހާރު ކަރާ ރާއްޖެއަށް މި ގެންނަނީ ކިހާ މަދުން ތޯ، ހަމައެހެންވެ ބަޓާނަޓް، ރާއްޖެއިން ބޭރުން ރާއްޖެއަށް ކިހާ މަދުން ތޯ ގެންނަނީ، އެއްގޮތަކަށްވެސް އަޅުގަނޑަށް ހީވަނީ ކިއުކަންބާ ނުގެންނާނެ ހެން މިހާރު،" އިބްރާހިމް ރަޝީދު ބުންޏެވެ.

ރާއްޖޭގައި ގިނަ ދަނޑުވެރިން އެ މަސައްކަތް ކުރަނީ ބެލެނިވެރި ފަރާތެއް ނެތި އަމިއްލައަށެވެ.

އިބްރާހިމް ރަޝީދު އަހްމަދުގެ ދަނޑުގައި ހައްދާފައިވާ ބައެއް ބާވަތްތައް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"އަންޑާލައިން ކޮށްފައި މި ދަންނަވަނީ ބެލެނިވެރި ފަރާތެއް ނެތް، މިކަން މި ކުރަނީ އެހެން، މިކަން ކުރިއަރުވާކަށް މަސައްކަތެއް ކުރާ އެއްވެސް ބަޔަކު އަހަރެން އަދި ނުދެކެން، އުމުރުން 63 އަހަރުވީ އިރު ވެސް، އެއްވެސް ސަރުކާރަކުން އެއްވެސް ބަޔަކު" އިބްރާހިމް ރަޝީދު ކިޔައި ދިނެވެ.

އޭނާ ބުނީ، ދަނޑުވެރިންނަށް ހެޔޮ އެދޭ ބަޔަކު ތިބި ނަމަ، ދަނޑުވެރިންނަށް ފަސޭހައިން އަގުހެޔޮކޮށް ތަކެތި ލިބޭނެ ގޮތް ހަމަޖައްސާނެ ކަމަށެވެ. އޭނާ ފާހަގަކުރިގޮތުގައި، އެ ތަކެތި ދަނޑުވެރިންނާ ހަަމައަށް ލިބޭއިރު އަގު ހުންނަނީ އަތް ނުފޯރާ ފަށަށް އަރައިފައެވެ.

ވައްކަމުގެ މައްސަލަ ބޮޑުވެފައި!

މިރަށުގައި ދަނޑުވެރިކަން ކުރުުމުގައި 20 އަހަރުވެފައިވާ އިބްރާހިމް ރަޝީދުގެ ދަނޑުގައި ބަރަބޯ، ކިއުކަންބާ އަދި ކަރާ ފަދަ އެއްޗެހި އެބަ ހުއްޓެވެ. އޭނާގެ ދަނޑުގައި ގިނަ އަދަދަކަށް ތަކެތި ހައްދާފައި އެބަ ހުއްޓެެވެ.

ރަޝީދު ވަގުތު އަށް މައުލޫމާތު ދެއްވަނީ- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

"ދަނޑުގައި ހައްދާ އެއްޗެހި ވަގަށް ގެންދާ މައްސަލަ މި އޮންނަނީ ބޮޑުވެފައި، އެކަން ހައްލު ވާނީ ފުލުހުން ދޭތެރެއަކުން ދަނޑުތައް ބަލާލުން ރަނގަޅު ވާނެ، ހާއްސަކޮށް ރޭގަނޑު، އެއިރަށް މިކަން ހައްލުވާނެ". އިބްރާހިމް ރަޝީދު ބުންޏެވެ.

އެހެން ދަނޑުވެރިންނެކޭ އެއްގޮތަށް ފުވައްމުލަކުގެ ދަނޑުވެރިންގެ ޝަކުވާތައް ވެސް ގިނައެވެ. އެމީހުން ވެސް ބޭނުން ވަނީ ދަނޑުވެރިކަން މިއަށް ވުރެ ބޮޑަށް ކުރިއަރައިގެން އިތުރު ހަރުފަތަކަށް ދާނެ ދުވަހަކަށެވެ.