ނަޒާކީ އޮންލައިނުން ތަކެތި ގަންނަން ފައިސާ ދެއްކި އެތައް ބަޔަކަށް މުދާ ލިބުން ލަސްވެގެން މުދަލުގެ ބަދަލުގައި ރިފަންޑަށް އެދުމުން ރިފަންޑް ވެސް ނުލިބި ގިނަ ދުވަސްތަކެއް ވެފައި ވާތީ މުދަލަށް އޯޑަރު ކުރި ބައެއް މީހުން މައްސަލަ ކޯޓަށް ހުށަހަޅަން ނިންމައިފިއެވެ.

ގޭތެރެއަށް ބޭނުންވާ ފަރުނީޗަރާއި އަދިވެސް އެހެން ބައެއް ސާމާނު އޮންލައިންކޮށް ވިއްކާ ނަޒާކީ އޮންލައިން އިން ބައެއް މީހުން ވަނީ ދެތިން ހާސް ޑޮލަރުގެ ތަކެއްޗަށް ވެސް އޯޑަރު ދީފައެވެ. ނަމަވެސް އޯޑަރު ދިން ތަކެތި ނުލިބި މިހާރު ވަނީ ހަތަރު ފަސް މަސް ހޭދަވެފައެވެ.

ނަޒާކީގެ އޮފިޝަލަކު ޑިސެމްބަރު މަހު "ވަގުތު" އަށް ބުނީ ބައެއް މީހުން ފައިސާ ދެއްކި ތަކެތި ކުރިން ލަފާކުރެވުނު ދުވަހަށް ޑެލިވަރީ ކޮށްނުދެވުނީ މެލޭޝިއާގެ ދަތުރުފަތުރު ކުރުމަށް ދާދިފަހުން އައި ހުރަސްތަކުގެ ސަބަބުންނެވެ. ކުރިން ވެސް މުދާ ގަތް މީހުންނާއި އެކު އެއްބަސްވެފައިވާ ގޮތައް ރިފަންޑަށް އެދޭތާ އެންމެ ގިނަ ވެގެން ދެހަފްތާ ދުވަސް ތެރޭގައި ރިފަންޑް ދޭނަން ކަމަށް އޭރު ނަޒާކީ އިން ބުންޏެވެ.

ނަމަވެސް "ވަގުތު" އަށް މައުލޫމާތު ދިން މީހުން މިއަދު ބުނީ ޑިސެމްބަރު މަހު ރިފަންޑަށް އެދުމުން އަދިވެސް ފައިސާ ލިބިފައި ނެތް ކަމަށެވެ.

"އަތުގައި ހުރި މަދު ފައިސާކޮޅަށް އަގުހެޔޮކޮށް ރަނގަޅު އެއްޗެހި ގަންނަން ވެގެން ނަޒާކީ އަށް މިއޯޑަރު ކުރީ. މެލޭޝިއާ ލޮކްޑައުން ކުރިނަމަވެސް ހައެއްކަ މަސް ވެގެން ދާއިރު މުދާކޮޅު ގެނެސްދިނުމަށް ގޮތްތަކެއް ހޯދެން ވާނެ ކަމަށް ގަބޫލު ކުރެވޭ. މުދާ ގެނެސް ނުދެވެންޏާ އެއްބަސްވެފައި އެ އޮތް ގޮތަށް ރިފަންޑް ދޭން ޖެހޭނެ. ނަމަވެސް ރިފަންޑް ވެސް ނުދިން." ނަޒާކީން މުދާގަތް މީހަކު ބުންޏެވެ.

"ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ ނަޒާކީ އިން ގަތް ތަކެތި ނުލިބި އަދި ރިފަންޑް ވެސް ނުލިބޭތީ މައްސަލަ ކޯޓަށް ހުށަހަޅަން މިހާރު ލޯފާމަކާއި ހަވާލު ކޮށްފައިވާ ކަމަށެވެ.

ނަޒާކީ އިން އެއްބަސްވެފައިވާ ގޮތައް ރިފަންޑް ނުލިބޭތީ އެކަމުގެ މައުލޫމާތު ހޯދުމަށް އެކުންފުންޏަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އަދި އެކުންފުނީގެ ބަހެއް ނުލިބެއެވެ.

ނަޒާކީ އިން މުދަލަށް އޯޑަރު ކުރި ވަރަށް ގިނަ ބަޔަކު ގެންދަނީ މުދާ ނުލިބިގެން މީސް މީޑިއާގައި އެކަމުގެ ޝަކުވާތައް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީ އާމިރު

    ގަވްމުގައި އިވެމުން މިދަނީ މުޅިންވެސް މިކަހަލަ މާޔޫސް ކުރަނިި ޚަބަރު، ސަރުކާރުން ޤަވްމުގެ ކަންކަން ނުބެލެހެއްޓެންޏާ، ރައްޔިތުންގެ ކަންކަން ކައިރިން ބެލޭނެ އެހެން ނިޒާމެއް ގެންނަންވީނު

  2. ޙަހަހަ

    ތިޔަ ކާލީ ކަމަށްވާނީ ލާރިތަށް.. ތިޔަކަހަލަ ކިތެންމެ ކަމެއް އެބަހުރި ހިނގާފާ. ޙައްޖަށް ގެންދާނަމޭ ކިޔާފާ ވެސް ތިގޮތައް ކިިތައް މީހުން ނަށް އެބައޮތް މިގައުމުގާާ ލަނޑު ދީފާ..