4ޖީ ސިމް އަދި ހެޔޮއަގުގައި 4ޖީ ފޯނު ގަންނަން ލިބޭ ހާއްސަ ދެ ޕްރޮމޯޝަނެއް ދިރާގުން މިއަދު ފަށްޓައިފިއެވެ.

ރާއްޖޭގެ މުވާސަލާތީ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނި ދިރާގުން ބުނީ، 4ޖީ ސިމް ޕްރޮމޯޝަންގެ ދަށުން މިހާރު ދިރާގު 2ޖ އަދި 3ޖ ސިމް ގެންގުޅޭ ފަރާތްތަކަށް ހިލޭ 4ޖީ ސިމް އަކަށް ބަދަލުކޮށްލުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އަދި މިގޮތަށް ހިލޭ 4ޖީ ސިމް ނަގާފަރާތްތަކަށް ދެ މަސްދުވަހަށް ކޮންމެ މަހަކު ދެ ޖީބީ ޑޭޓާ ހިލޭ ލިބޭނެއެވެ.

ދިރާގުގެ މަޤްސަދަކީ ޓެކްނޮލޮޖީގެ ޒަރީއާއިން ދިވެހިންގެ ދިރިއުޅުމަށް ފަހިކަމާއި ފާގަތި ގެނައުމެވެ. އެހެންކަމުން މި ޓެކްނޮލޮޖީގެ މަންފާ ގިނަ ބަޔަކަށް ތަސައްވަރު ކުރެވޭނެ ގޮތަށް ރަނގަޅު ފެންވަރުގެ 4ޖީ މޯބައިލް ފޯން ހެޔޮ އަގުގައި ލިބޭނެ ގޮތްވެސް ދިރާގުން މި ވަނީ ހަމަޖައްސާފައެވެ.

"އަދި މިގޮތަށް ފޯން ގަންނަ ފަރާތްތަކަށް ހިލޭ ޑޭޓާ އަދި ބިލް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއްވެސް ވަނީ އެކުންފުނިން ފަށާފައެވެ. އޭގެ ތެރޭގައި ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ދެ ޕްރޮމޯޝަނެއް ވެއެވެ. ". ދިރާގުން ނެރުނު ނޫސް ބަޔާނެއްގައި ވެއެވެ.

ދިރާގުން ބުނީ، ސެމްސަންގް ފަދަ ރަނގަޅު ބްރޭންޑް ތަކުގެ މެދުފަންތީގެ ފޯން މި ޕްރޮމޯޝަންގެ ދަށުން 1500 ރުފިޔާ އާއި 3499 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައި ގަންނަން ލިބޭނެ ކަމަށެވެ.

އަދި ޕޯސްޓް ޕެއިޑްގައި ބިލް ޑިސްކައުންޓް %40 އާއި %50 ދެމެދުން ލިބޭ އިރު ބައްލަވައިގަންނަވާ ކޮންމެ ފޯނަކުން ވެސް 2ޖީބީގެ ޑޭޓާވެސް ހިލޭ ލިބޭނެކަމަށްވެސް ދިރާގުން ބުންޏެވެ. އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށްވެސް ހިލޭ 2ޖީބީ ގެ ޑޭޓާގެ އިތުރުން ބައްލަވައިގަންނަވާ ކްރެޑިޓް ދެ ގުނައަށް މި ފޯން ޕްރޮމޯޝަންގެ ދަށުން ބޮޑުވާނެއެވެ.