ތާޑް ޕާޓީ ވެބްސައިޓުތައް މެދުވެރިކޮށް ފައިސާ ދައްކާކަން ފާހަގަ ކުރެވިފައިވާތީ އެފަދަ ވެބްސައިޓުތަކުން ޓްރާންސެކްޝަން ހަދާ އިރު ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިލްތިމާސްކޮށްފިއެވެ.

ބީއެމްއެލް އިން މިއަދު ބުނީ ކަށަވަރު.ކޮމް ހިމެނޭ ހެން ބައެއް ވެބްސައިޓުތަކުން ބޭންކްގެ އިންޓަނެޓް ބޭންކިން ޕްލެޓްފޯމް ބޭނުން ކުރުމަށް މަސައްކަތްކޮށް ތާޑް ޕާޓީ ޓްރާންފާ ކޮންފާމް ކުރަމުންދާ ކަމަށެވެ. އެގޮތުން ފުރަތަމަ ކަސްޓަމަރުންގެ ނަން، ފޯނު ނަންބަރު، އެކައުންޓް ނަންބަރު ފަދަ ޒާތީ މައުލޫމާތު ފޯރުކޮށްދޭން އެދޭ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

އެއަށްފަހު ކަސްޓަމަރަށް ކޮންފަމޭޝަން ކޯޑު ލިބުމުން އިންޓަނެޓް ބޭންކިން ޔޫޒަ ނޭމް އަދި ޕާސްވޯޑް ޖެހުމަށް އެދޭ ކަމަށް ބީއެމްއެލް އިން ބުންޏވެެ.

"އަޅުގަނޑުމެން ކަސްޓަމަރުންނަށް ކިބައިން އެދެނީ އިންޓަނެޓް ބޭންކިންގެ މައުލޫމާތު މިފަދަ ސައިޓްތަކާ އަދި އެެހެން އެއްވެސް ފަރާތްތަކާ ހިއްސާ ނުކުރުމެވެ، އަދި ޕޭމަންޓް ކޮންފަރމް ކުރުމަށް މިފަދަ ވެބްސައިޓްތައް ބޭނުން ނުކުރުމަށް ވެސް އެދެމެވެ. " ބީއެމްއެލް އިން ނެރުނު ބަޔާނުގައިވެއެވެ.

ބޭންކުން ބުނީ ޕޭމެންޓް ކޮންފަމޭޝަން އަށް ތާޑް ޕާޓި އެޕްލިކޭޝަންތައް ބޭނުން ކުރުމުގެ ބަދަލުގައި ބޭންކުގެ އެޕް ނުވަތަ އިންޓަނެޓް ބޭންކިން ބޭނުން ކުުރަން އިލްތިމާސް ކުރާ ކަމަށެވެެ. ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ރައްކާތެރިކަންމަތީ ބެލެހެއްޓުމުގެ ޒިންމާ އަކީ ބީއެމްއެލް އިން މުހިންމު އަހަންމިއްޔަތު ކަމެއް ދޭ ކަންކަން ކަމަށް ވެސް އެ ތަނުން ބުންޏެވެ.

އެހެން ފަރާތަކުން ކަސްޓަމަރުންގެ މިފަދަ މައުލޫމާތު ބޭނުންކުރުމާއި، ވަގަށް ނެގުމާއި ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް ބޭންކުން މުހިންމު ސަލާމަތީ ފިޔަވަޅުތަކެއްވެސް ވަނީ އަޅާފައެވެ. ނަމަވެސް، ކަސްޓަމަރުން އަމިއްލައަށް އެހެން ފަރާތަކާ މިފަދަ ޒާތީ ސިއްރު މައުލޫމާތު ހިއްސާ ކުރުމުން މި މައުލޫމާތު ރައްކާތެރިކުރުމަށް ބޭންކުން ކަނޑައަޅާފައިވާ ކޮންޓްރޯލްތަކަށް ނޭދެވޭ އަސަރުކުރެއެވެ. އަޅުގަނޑުމެން ކަސްޓަމަރުންގެ ފަރާތުން ތަކުރާރުކޮށް އެދެނީ އެއްވެސް ފަރާތަކާ ޒާތީ މައުލޫމާތު ހިއްސާ ނުކުރުމެވެ. ބޭންކުން މިފަދަ ވެބްސައިޓްތައް މޮނީޓަރ ކުރުމަށްފަހު ކަސްޓަމަރުން ރައްކާތެރިކުރުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅަމުންދާނެކަމުގެ ޔަގީންކަން އަރުވަމެވެ،" ބީއެމްއެލްގެ ބަޔާނުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖުހާ

    ތިންވަނަ ފަރާތް ބޭނުން ކުރަނީ ކުދި ވިޔަފާރިތަކުގައި ބޭނުން ކުރަނީ އަމިއްލަ އެކައުންޓްތަށް ބޭންކް ގެ އެޕު ބޭނުން ކުރަން އަބަދު ވެރިފަރާތަށް ފިހާރަގަ ހުރެވޭތަ. ބޭންކުންވެސް ޓްރާންފަރ ކުރާސްލިޕް ޖަމާވިތޯ ތަންކޮޅެއް ފަސޭހައިން ބަލާލެވޭނެ ކުޑަކުޑަ އެޕެއް ފޯރުކޮށް ދޭނަމަ ތީހާ ބިރުން އުޅެކަށް ނުޖެހޭނެ.