މޯލްޑިވްސް ޕޯސްޓް ލިމިޓެޑް، ސަރުކާރުގެ ވައިގެ ދަތުރުފަތުރުގެ ކުންފުނި ކަމަށްވާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)ގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ ޕޯސްޓުގެ ހިދުމަތް ދޭ ކުންފުނީގެ ހިއްސާގެ އޮނިގަނޑު ބަދަލުކޮށް، އެ ކުންފުނީގެ 99 ޕަސެންޓް ހިއްސާ އައިއޭއެސް އަށް އަދި އެއް ޕަސެންޓް ހިއްސާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ބަދަލުކޮށްފައިވާ ކަމަށެވެ.

އަދި މި ބަދަލާއެކު ޕޯސްޓް ލިމިޓެޑުން ކުރަމުން އައި މަސައްކަތްތަކާއި ގާނޫނީ ހައްގުތައް އަދި އުފުލަންޖެހޭ އިލްޒާމުތަކާއި ކުންފުނީގެ ނުއުފުލޭ މުދާ އަދި ދަރަންޏާއި ހިއްސާގެ އޮނިގަނޑާ އެއްގޮތަށް ބަދަލުވެގެންދާަނެ ކަމަށް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އައިއޭއެސްގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ޕޯސްޓް ލިމިޓެޑް ހަމަޖެއްސީ ކީއްވެގެން ކަމެއް ސާފުވެފައެއް ނުވެއެވެ.

އައިލެންޑް އޭވިއޭޝަނަކީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެކެވެ.