މިއަހަރު ފެށުނު ފަހުން ފަތުރުވެރިން އެއް ދުވަހެއްގެ ތެރޭ އެންމެ ގިނައިން އައިސްފައިވަނީ އިއްޔެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެ އެެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އިއްޔެ ރާއްޖެއަށް 4،856 ފަތުރުވެރިން ވަނީ އައިސްފައެވެ. އޭގެ ކުރިން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މިމަހުގެ 12 ވަނަ ދުވައެވެ. އެ ދުވަހު ރާއްޖެއަށް 4،809 ފަތުރުވެރިއަކު ވަނީ އައިސްފައެވެ.

މިއާއިއެކު މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިން އަދަދު ވަނީ 138،912 އަށް އަރާފައެވެ.

ޖެެނުއަރީ މަހު ރާއްޖެެއަށް ޒިޔާރަތްކޮށްފައި ވަނީ 92،103 ފަތުރުވެރިންނެވެ. މިމަހު އަދި ރާއްޖެެއަށް ޒިޔާރަތްކޮށްފައި ވަނީ 46،809 ފަތުރުވެރިންނެވެެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެގައުމުން 30،499 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއައިންނެވެ. އެގައުމުން 30،295 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ.

ރާއްޖޭގައި މިހާރު އަންނަނީ 641 ޓޫރިސްޓު ފެެސިލިޓީއެއްގައި 43،976 އެނދު އޮޕަރޭޓުކުރަމުންނެވެެ. އޭގެ ތެރޭގައި 145 ރިސޯޓަކާއި، 11 ހޮޓެލަކާއި، 136 ސަފާރީއެއް އަދި 349 ގެސްޓުހައުސް އެއް ހިންގަމުން އަންނަކަން ފާހަގަކޮށްލެެވެއެވެ.

މިދިޔަ އަހަރުގެެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެެރިގެން ޖުމްލަ އަދަދަކީ، 555،494 އެެވެ. މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވަައިރަހާ ގުޅިގެެން މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން ފަތުރުވެރިން އައުން އެއްކޮށް ވަނީ މެދުކެެނޑިގެން ގޮސްފައެވެ.