މިދިޔަ އަހަރުގެ ނިޔަލަށް ބީއެމްއެލް އިސްލާމިކް ފައިނޭންސިން މެދުވެރިކޮށް 1.07 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާމަކޮށްފިއެވެ.

ބީއެމްއެލް އިން ނެރުނު ނޫސް ބަޔާނެއްގައ ވަނީ އިސްލާމިކް ބޭންކިންއަށް ލިބޭ ތަރުހީބު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށް ބުނެފައެވެ.

ބީއެމްއެލްއިން އިސްލާމިކް ބޭންކިންގ ހިދުމަތް ދިނުމުގެ ބޭނުމުގައި 'ބީއެމްއެލް އިސްލާމިކް' ތައާރަފްކޮށްފައި ވަނީ 2015 ވަނަ އަހަރުގެެ ތެރޭގައެވެ.

ބީއެމްއެލް އިސްލާމިކްގެ ހިދުމަތްތައް ތައާރަފްކުރި ހިސާބުން ފެށިގެން މިއަދާ ހަމަޔަށް ބަލާލާއިރު، ދިވެހިންގެ މެދުގައި އިސްލާމިކް ފައިނޭންސިންގ ހިދުމަތްތަކަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން ބީއެމްއެލް އިސްލާމިކް ގެ އެސެޓާއި ފައިނޭންސަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. ބޭންކުގެ ފުޅާ ބްރާންޗު ވިއުގަ އާއި އޭޓީއެމްޕީއޯއެސް ޓަރމިނަލް ތަކުގެ އިތުރުން އިންޓަރނެޓް ބޭންކިންގ އާއި މޯބައިލް ބޭންކިންގ ޕްލެޓްފޯމް މެދުވެރިކޮށް ކަސްޓަމަރުންނަށް ބީއެމްއެލް އިސްލާމިކްގެ ހިދުމަތްތައް ކަސްޓަމަރުން އަންނަނީ ބޭނުން ކުރަމުންނެވެ.

ބީއެމްއެލް އިސްލާމިކް އިން ދޫކުރާ ފައިނޭންސިންގެ ޖުމްލަ އަދަދު ފާއިތުވި ތިން އަހަރު ތެރޭގައި އިތުރުވެގެން ގޮސްފައިވާއިރު މި މުއްދަތުގައި ޑިޕޮސިޓްކޮށްފައިވާ އަދަދުވެސް ވެސް އިތުރުވެފައި ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

2018 ވަނަ އަހަރުން 2020 އަހަރާ ހަމަޔަށް ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ހާއްސާ ކުރެވިފައިވާ އެކައުންޓްތަކަށް ޑިޕޮސިޓްކޮށްފައިވާ އަދަދު އިތުރުވެ މިދިޔަ އަހަރު ނިޔަލަށް މިއަދަދު ވަނީ 1.02 ބިލިއަން ރުފިޔާ އަށް އަރާފައިކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ބީއެމްއެލްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2020 ވަނަ އަހަރުގެ ނިމުނުއިރު ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ޖުމްލަ 1.07 ބިލިއަން ރުފިޔާގެ ފައިނޭންސް ވަނީ ދޫކޮށްފައެވެ. ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ނަގާފައިވާ ފައިނޭންސިންގެ %92 އަކީ ގެދޮރު ގަތުމާއި ގެދޮރު އިމާރާތް ކުރުމަށް ނަގާފައިވާ ފައިނޭންސިންގ އެވެ. އަދި %4 ހިއްސާކުރަނީ ގެސްޓްހައުސްތަކަށާއި ވިޔަފާރި ވަރކިންގ ކެޕިޓަލްއަށް ދޫކޮށްފައިވާ ފައިނޭންސިންގއެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ހާއްސަކޮށް ޝަރުޢީ ހަމަތަކަށް ފެތޭ ގިނަ ހިދުމަތްތަކެއް ތައާރަފް ކުރެވިގެން ދިޔުމާއެކު ޖުމްލަ ފައިނޭންސިންގ އަށް %19ގެ ކުރިއެރުމެއް ވަނީ ލިބިފައެވެ.

2018 އަހަރުން ފެށިގެން ބީއެމްއެލް އިސްލާމިކްގެ ލުއި ފަސޭހަ ޝަރުތަކާއެކު އައު ޕްރޮޑަކްޓްތައް ތައާރަފް ކުރަން ފެށުމާއެކު ކަސްޓަމަރުންގެ އަދަދު ބޮޑުތަނުން އިތުރުވަމުންދާކަން ފާހަގަކުރެވޭ ކަމަށާއި ބީއެމްއެލްގެ ކަސްޓަމަރުންގެ ތެރެއިން %45 ކަސްޓަމަރުންނަކީ އަަލަށް ބޭންކާ ގުޅުނު ކަސްޓަމަރުންކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

އިސްލާމިކް ފައިނޭންސިންގ މޮޑެލްތަކާ ބެހޭ މައުލޫމާތާއި ބީއެމްއެލް އިސްލާމިކްގެ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކަށް ކަސްޓަމަރުން ހޭލުންތެރިކުރުމަށް ބޭންކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު