އެސްޓީއޯ އިން ޑީސާލާއި ޕެޓްރޯލްގެ އަގު ބޮޑުކޮށްފިއެވެ.

އެސްޓީއޯ އިން ދެންމެ ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތާ ދުވަސްތަކެއްވުމާއި ގުޅިގެން، ރާއްޖެއަށް އެތެރެކުރާ ތެލުގެ އަގުވެސް ވަނީ އުފުލިފައި ކަމަށެވެ. އެހެންކަމުން، ރާއްޖޭގައި ވިއްކާ ތެލުގެ އަގު މިއަދުން ފެށިގެން ބަދަލު ކުރަން ނިންމީ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯ އިން ބުނީ ދެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 8.44 ރުފިޔާއަށް ކަމަށާއި ޑީސަލް ލީޓަރެއް ވިއްކާނީ 9.19 ރުފިޔާ ކަމަށެވެ.

މިދިޔަ އަހަރުގެ މާޗް މަހު އެސްޓީއޯ އިން ތެލުގެ އަގަށް ގެނައި ބަދަލަށް ބަލާއިރު އޭރު ޑީސަލް ލީޓަރެއް ވިއްކަން ނިންމީ 8.71 ރުފިޔާއަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކަން ނިންމީ 8.07 ރުފިޔާ އަށެވެ.

އޭރުގެ އަގާއި ބަލާއިރު މިރޭ މިވަނީ ޑީސަލް ލީޓަރަކުން 48 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 37 ލާރި ބޮޑުކޮށްފައެވެ.

ބައެއް ގައުމުތަކުގައި ކޮވިޑް-19ގެ ސަބަބުން ތެލަށް އޮންނަ ޑިމާންޑް ދަށްވުމަށްފަހު ހާލަތު ރަނގަޅު ވަމުން އަންނާތީ ތެލަށް އޮންނަ ޑިމާންޑް ދަނީ އިތުރުވަމުންނެވެ.