ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުން ޚާއްސަ ޑިސްކައުންޓެއް ލިބޭނެ އިންތިޒާމު ސީހައުސް ކެފޭއިން ހަމަޖައްސައިފިއެވެ.

ސީހައުސް ކެފޭ އިން އެގޮތަށް ބުނީ ޓުވިޓާގައި މީހަކު ކުރި ސުވާލެއްގެ ޖަވާބުގައެވެ. "ވައްޑޭ" ނަމުގައި ޓުވިޓާގައި ސުވާލު ކުރި މީހަކު ބުނީ ވެކްސިން ޖަހާ ކުދިންނަށް ކާޑް ދެއްކީމަ ޑިސްކައުންޓެއް ލިބިދާނެތޯއެވެ.

އޭގެ ޖަވާބުގައި ސީހައުސްގެ ރަސްމީ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނީ ބުރާސްފަތި ނޫން ކޮންމެ ދުވަހަކު ވެކްސިން ޖެހިކަން އަންގައިދޭ ކާޑާ އެކު އެ ކެފޭ އަށް ގޮސް އޯޑަރު ކުރާ އެއްޗެހިން 15 އިންސައްތަ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.

އިއްޔެ އެކަނިވެސް ކޮވިޑް-19އިން އިން ރައްކާތެރިވުމަށް ރާއްޖޭގައި ދޭން ފެށި ވެކްސިން އިތުރު 5،085 މީހަކަށް ވަނީ ދީފައެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ވެކްސިން ދިން 5،085 މީހުންގެ ތެރެއިން 3،054 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންނެވެ. އަދި 1،588 މީހުންނަށް އަތޮޅުތެރެއިން ދީފައިވާއިރު ބާކީ 443 މީހަކަށް ދީފައިވަނީ ރިސޯޓުތަކުގައެވެ.

މިވަގުތު މި ވެކްސިން ދިން މީހުންގެ ޖުމްލަ އަދަދަކީ 80،159އެވެ. އޭގެ ތެރެއިން 59،077 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ދީފައިވާ މީހުންނެވެ. އަތޮޅުތެރެއިން ދީފައިވަނީ 19،623 މީހަކަށެވެ. އަދި ރިސޯޓުތަކުން 1،459 މީހަކަށެވެ.

ރާއްޖޭގައި މިހާރު ދެމުންގެންދަނީ އިންޑިއާ އިން ހަދިޔާކޮށްފައިވާ އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ކޮވިޑް-19 ވެކްސިނެއް ކަމަށްވާ "ކޮވިޝީލްޑް" އެވެ. މިވެކްސިންގެ އިތުރުން ރާއްޖެއަށް މިހާރު ވަނީ އެމެރިކާގެ ފައިޒާ އާއި ޖަރުމަންވިލާތުގެ ބައޯއެންޓެކް ގުޅިގެން އުފެއްދި ވެކްސިންވެސް ގެނެސްފައި ކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އަދި ލިބިފައެއް ނުވެއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ހުއްދަ އާއި އެކު ކޮވިޝީލްޑް ވެކްސިން ރާއްޖޭގައި ދޭން ފަށާފައިވަނީ މިމަހުގެ އެއް ވަނަ ދުވަހުއެވެ.

ރާއްޖޭގެ ގިނަ މުއައްސަސާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މިވަގުތު ވެކްސިން ދީފައިވާއިރު، ރާއްޖޭގެ އެކި ހިސާބުތަކުގައި މިވަގުތު އަންނަނީ ހަލުވި ކަމާއި އެކީ ވެކްސިން ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ދޮންމަނިކް

  ކޮބާ މީ މަބުނި ތަން ! ޖަހާނެ މީހަކު ނުވެގެން، އިނާމާ ހަނދާނީ ލިޔުން ބަހަން އެފެށީ..
  ފައިސާވެެސް ބަހާނެ އަދި ކަލޭމެން މަޑުން ތިބޭ !!

  9
  1
 2. ސިފް

  ސީހައުސް މީ ހަމަ ބެސްޓު

  4
  6
 3. ދިންނެވިން

  ގާމު ސޯސަލް ސެންޓަރުގެ ވެކްސިންޖަހާ ތަން މިއަދު އޮތީ ފަޅަށްށޯ. އިތުބަރު ނުކުރާ ވެކްސިނެއް ޖަހަން އަދިވެސް ގިނަބަޔަކު ބޭނުމެއް ނުވޭ.

  6
  1
 4. ފަރީ

  އަދި އަންނާނެ ފައިސާ ދީގެން ތިޔަ ޖައްސުވާނެ ދުވަސްވެސް

  6
  1
 5. ޟަނީ

  ވަރަށް ކަޑަކަމެއްތީ. ގޭނުތިބެ އެންނެން ބޭރަށް ދާންފެށީމަ އިތުރުވާނީ