ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމު ކޮށްފައިވާ ސެލްފް ސާވިސް އޭޓީއެމް ބޭނުން ކުރުމުގައި ހާއްސަ ސަމާލު ކަމެއް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެދިއްޖެއެވެ.

ބީއެމްއެލް އިން ބުނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ އޭޓީއެމްގެ ހިދުމަތް ދިނުމަށް ބޭންކުގެ މުވައްޒަފުން ބުރަކޮށް މަސައްކަތްކުރަމުން އަންނަ ކަމަށާއި އެހެން ނަމަވެސް މިހާރަކަށް އައިސް ނަގުދު ފައިސާ ނޫން އެހެން ބައެއް ތަކެތި އޭޓީއެމްއަށް ލުމުގެ ސަބަބުން ހިދުމަތް މެދުކެނޑިގެން ދާކަން ބޭންކަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

މިފަދަ ހާލަތްތަކުގައި ހިދުމަތް ދިނުމަށްޓަކައި ބޭންކުގެ މުވައްޒަފުން އޭޓީއެމް ބަހައްޓާފައިވާ ރަށަކަށް ދަތުރުކުރަންޖެހޭ ކމަށާއި ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލައި އިދާރާތަކުން ކަނޑައަޅުއްވާފައިވާ ގައިޑްލައިން އާ އެއްގޮތްވާ ގޮތުގެ މަތީން ބޭންކުގެ މަސައްކަތްތައް ބައްޓަން ކުރެވިފައިވުމާއެކު ރަށަކަށް މުވައްޒަފުން ދަތުރުކޮށް މައްސަލަ ހައްލުކުރުމަށް ވަގުތު ހޭދަވާ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ބީއެމްއެލް އިން ބުނީ، އޭޓީއެމްއަށް ލިބޭ ގެއްލުމަށް ބަލައި އެކަމެއް ރަނގަޅުކޮށް އަލުން ހިދުމަތްދޭން ފެށުމަށް ރާއްޖޭން ބޭރުން އާލާތްތައް ގެންނަންޖެހޭ ފަހަރުވެސް އަން ކަމަށެވެ. އެހެން ކަމުން މިހާރުގެ ހާލަތަށް ބަލާއިރު މިކަމަށް ވަގުތު ހޭދަވުމާއެކު ހިދުމަތް މެދުކެނޑިފައި ހުންނަ ވަގުތު އިތުރުވެގެން ދާ ކަމަށްވެސް ވަނީ ބުނެފައެވެ.

މިގޮތަށް ހިދުމަތް މެދުކެނޑިގެން ދިޔުމަކީ ބޭންކުގެ ކަސްޓަމަރުންނަށާއި އެ ރަށެއްގެ ރައްޔިތުންނަށްވެސް ދަތިތަކާ ކުރިމަތިވާ ކަމެއް ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ބީއެމްއެލް އިން ވަނީ އޭޓީއެމް މެދުވެރިކޮށް ސެލްފް ސަރވިސް ބޭންކިންގ ހިދުމަތް މެދުނުކެނޑި މުޖުތަމައުއަށް ލިބޭނެހެން ކަސްޓަމަރުން އަމަލު ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އެ ގޮތުން ހަމައެކަނި ނަގުދު ފައިސާ އޭޓީއެމްއަށް ލުމާއި ހިދުމަތް ބޭނުންކުރުމަށް އޭޓީއެމް ސެންޓަރގައި ހުރި އިރުޝާދުތަކާއި އެއްގޮތްވާ ގޮތުގެ މަތީން އަމަލުކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރަދީފް

    ދިވެހިންގެ ތެރެއިން ބައެއް މީހުން އެއީ ނުލާހިކު ގޮތްކުޑަ ބައެއް.އެމީހުން އެއީ އެއްޗެހީގެ އަގުވޒަން ކުރަން ދަންނަ ބައެއް ނޫން.

    58
  2. ދަރަނި ދަންތުރަ

    އޭ ޓީ އެމް ތަކަށް ގެއްލުންދޭ މީހުންހޯދާ ހަރުކަށި އަދަބުދީ ކުއްކުރާ މީހުންނަށް އަދަބު ދޭންޖެހޭނެ އެފަދަ މީހުންގެ އެކައުންޓުތަށް އުމުރަށް އުވާލާ...

    36
  3. އެމަންޖެ

    ހާއްސަކޮއް ތިކަމުގެ ކުރީގައި މޑޕ ބޭފުޅުން އުޅުއްވާ.

  4. އަދުރޭ

    އެންމެންގެ ފަސޭހައަށް ބަހައްޓާފަ ހުންނަ އެއްޗެއް، މަދު ބައެއްގެ ފަރުވާ ކުޑަ ކަމުން އޭގެ ތެރެއަށް ރަބަރު، ކަރުދާސް ފަދަ އެއްޗެހި އެޅި ހަލާކުވީމަ ގެއްލުވަނީ އެންމެންނަށް.