ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ލޮޅުމެއް އަރާފައިވާއިރު ރިސޯޓްތަކުން ގެންދަނީ ތަފާތު އެކި އޮފާތައް ފަތުރުވެރިންނަށް ވިއްކަމުންނެވެ. ބައެއް ރިސޯޓްތަކުން އާދަޔާއި ހިލާފު ބޮޑު އަގުގައި ތަފާތު ޕެކޭޖްތައް ވިއްކަމުން ގެންދާއިރު ބައެއް ރިސޯޓްތަކުން އާދަޔާއި ހިލާފަށް ހެޔޮ އަގެއްގައި ވެސް ދަނީ ޕެކޭޖްތައް ވިއްކަމުންނެވެ.

ފަތުރުވެރިކަމުގެ ޚަބަރުތައް ގެނެސްދޭ ވެބްސައިޓްތަކުގެ ސަމާލުކަން މިހާރު އެންމެ ބޮޑަށް ހުއްޓިފައި ވަނީ ރާއްޖޭގެ އެންމެ ބޮޑު އެއް ރިސޯޓް ކަމަށްވާ ދަ ސްޓޭންޑާޑް ހުރަވަޅި މޯލްޑިވްސް އިން މިހާރު އާދަޔާއި ހިލާފު ހެޔޮ އަގެއްގައި ވިއްކަމުން ގެންދާ ޕެކޭޖްތަކަށެވެ.

މިއަހަރު ފެށުނުއިރު ވެސް ދުވާލަކު 32000 ރުފިޔާއަށް ރޫމް ވިއްކަމުން ގެންދިޔަ ރިސޯޓްގައި މިހާރު އެއްދުވަސް ހޭދަކުރަން ދައްކަން ޖެހެނީ ގާތްގަނޑަކަށް 250 ޑޮލަރު ނުވަތަ 3800 ރުފިޔާއެވެ. އަދި އެއަށްވުރެ ކުޑަ އަގެއްގައި ވެސް އެރިސޯޓްގައި މަޑުކުރުމުގެ ފުރުސަތު ލިބޭނެ ޕެކޭޖެއް ދަނީ ވިއްކަމުންނެވެ.

ހުރަވަޅި އިން ވަނީ ދެޕެކޭޖެއް ތައާރަފް ކޮށްފައެވެ. އެއީ 14 ދުވަހު އެރިސޯޓްގައި މަޑުކުރާނަމަ 3600 ޑޮލަރު އަދި 28 ދުވަހު މަޑުކުރާނަމަ 6000 ޑޮލަރަށް ވިއްކާ ޕެކޭޖެކެވެ. 28 ދުވަހު ރިސޯޓްގައި މަޑުކުރާނަމަ ދުވާލަކަށް ދައްކަން އެޖެނީ ގާތްގަނޑަކަށް 214 ޑޮލަރެވެ. އެއީ 3300 ރުފިޔާއެވެ.

ހުރަވަޅި ރިސޯޓުން މައުލޫމާތު ދޭ ގޮތުގައި މިކޭޖްގެ ދަށުން މިއަހަރުގެ ޑިސެމްބަރ މަހާއި ހަމައަށް އެރިސޯޓުން ރޫމްތައް ވިއްކަމުން ގެންދާނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު މިދިޔަ އަހަރުގެ މެދުތެރޭގައި ބަންދުކުރުމަށްފަހު ޖުލައި މަހު އަލުން ހުޅުވާލި ފަހުނ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. ނަމަވެސް އަދިވެސް ކޮވިޑް ކުރިމަތިވުމުން އޮތް ހާލަތަކަށް ފަތުރުވެރިކަން ނުދެއެވެ. ސަބަބަކީ އަދިވެސް ގިނަ ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި އޮތުމުން އެގައުމުތަކުން ރާއްޖެއަށް ދަތުރުކުރަން ދަތިތައް ހުރުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު