ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތައް މިހާ ބޮޑު "އަނދަވަޅަކަށް" ވެއްޓިދާނެ ކަމަށް އެއްވެސް ވިޔަފާރިވެރިއަކު ހީ ވެސް ނުކުރާނެއެވެ. ބައެއް ވިޔަފާރިތައް ހުއްޓި، މުވައްޒަފުން ގެންގުޅެވެން ނެތިގެން އެންމެ ފަހުން ވަޒީފާ އިން ވަކިކުރަން ޖެހުނީއެވެ. ކޮވިޑް-19 ގެ ބޮޑު ރާޅު ރާއްޖެ އަށް އެރި ރާޅުގެ ސަބަބުން ދިވެހި އެތައް ވިޔަފާރިވެރިއެއްގެ ހުވަފެންތަކާއި އުންމީދުތައް ފުނޑުފުނޑުކޮށްލައިފިއެވެ.

އެތައް އާއިލާއެއް ނިކަމެތިކޮށް، ބިކަކޮށްލިއެވެ. އުންމީދާއެކު ފެށި އެތައް ވިޔަފާރިއެއް ބަނގުރޫޓުވިއެވެ. ގެއްލުމުގައި ހިންގަމުން ދިޔަ ވިޔަފާރިތައް މަދެއް ނޫނެވެ. ބައެއް ވިޔަފާރިވެރިން "މަގުމަތިވެ" މުވައްޒަފުން ހާލުގައި ޖެހުނެވެ. މުވައްޒަފުންނަށް ދޭނެ އެއްޗެއް ވެސް ނުވިއެވެ.

ރާއްޖެ އިން ކޮވިޑް-19 ފެނުނުތާ މިއަދަށް އެއް އަހަރުވި އިރު، އަދިވެސް އަރައިނުގަނެވޭ އެތައް ވިޔަފާރިވެރިންގެ ވިޔަފާރިތަކެއް ހުއްޓިފައި އެބައޮތެވެ. ބައެއް ވިޔަފާރިތައް ހިނގައިގަންނަން ފެށިއަސް، އެކަށީގެންވާ އާމްދަނީއެއް ނުލިބެއެވެ.

ކޮވިޑް ފެތުރުމަކީ ވިޔަފާރިތަކަށް ދިމާވި ބޮޑު ގޮންޖެހުމެއް!

ކޮވިޑް-19 ޗައިނާ އިން ފެނުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުޅި ދުނިޔެއަށް ބަލި ފެތުރުނެވެ. އެތައް ގައުމެއްގެ ވިޔަފާރިތައް ހުއްޓުނެވެ. ރާއްޖެ އަށް ވެސް ދިމާވީ ހަމަ މިފަދަ ހާލަތެކެވެ. ކޮވިޑް ކޮންޓްރޯލް ކުރަން އަޅަމުން ދިޔަ ފިޔަވަޅުތަކުގެ ސަބަބުން ތިބެން ޖެހުނީ ވިޔަފާރި ނުހިންގައެވެ.

މާލެ ސަރަހައްދުގައި އެންމެެ ފުޅާކޮށް ޒަމާނުއްސުރެ ވިޔަފާރި ކުރަމުން އަންނަ ކުންފުންޏެއްގެ އޮފިޝަލަކު ވިދާޅުވީ، ކޮވިޑްގެ ކުރިން ކުންފުނި ވަރަށް ރަނގަޅަށް ހިނގަމުން ދިޔަ ކަމަށާއި، ޑެއިލީ ސޭލް ވެސް އޭރު ވަރަށް ރަނގަޅު ކަމަށެވެ. އަދި އިތުރު އައުޓްލެޓްތައްވެސް ވަރުގަދަކޮށް އިތުރު ޕްރޮޖެކްޓްތައް ފެށުމަށްޓަކައި ކަންކަން ބަލަމުން ދިޔަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"މިހެން ގޮސް ހުއްޓާ ހުރިހާ ކަމެއް ކަހަލަ ގޮތަަކަށް ކޮވިޑްއާއެކު ހުއްޓުނީ، ސޭލްއަށްވެސް ބޮޑު ގެއްލުމެއް ލިބިގެން ދިޔައީ،" އޮފިޝަލް ވިދާޅުވިއެވެ.

އެ އޮފިޝަލް ވިދާޅުވީ މީގެ ކުރިންވެސް އެކި ރޯގާތައް ދުނިޔޭގައި ފެތުރި، އަވަހަށް ކޮންޓްރޯލް ވެގެންދިޔައިރު، މި ބައްޔަށްވެސް ވެގެން ދާނީ އެހެން ކަމަށް ފުރަތަމަ ހީކުރެވުނު ކަމަށެވެ.

"މުޅި ވިޔަފާރިއަށް އަސަރު ކުރާނެ ވަރުގެ ބައްޔަކަށް ވެދާނެ ކަމަަަށް އެއްވެސް ވަރަކަށް މެނޭޖްމެންޓުން ވިސްނިފައެއްވެސް ނެތް،" އޭނާ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ކޮސްމެޓިކްސް އާއި ގުޅުން ހުރި ވިޔަފާރިތައް ކުރަމުން އަންނަ ނިއު އެޑިޝަންގެ އޮފިޝަލަކު ވިދާޅުވީ، ކޮވިޑްގެ ކުރިން ވިޔަފާރި ފުޅާކުރުމަށް ހާއްސަ ސަމާލުކަމެއް ދިން ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީ މަސް ތެރޭގައި ނޯޓް މޮނޮ ސްޓޯރުގެ ނަމުގައި، ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮސްމެޓިކްސް މޮނޮ ސްޓޯރެއް ހުޅުވިއެވެ. އަދި އިތުރު ފިހާރައެއް ވެސް ހުޅުވިއެވެ. ފަހުން ހުޅުވާފައި ވަނީ އެފްޑީ ސްޕޯޓްސްއެވެ. މި ދެ ފިހާރައަކީވެސް އިންޓަނޭޝަނަލް ދެ ފިހާރައެވެ.

ރެޑްވޭވްގެ ފިހާރައެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ވަރަށް ބޮޑު އިންސްވެސްޓްމެންޓަކާއެކު ހުޅުވީވެސް، އަނެއްކާ އިތުރު ކަންތައްތަަކަށްވެސް ދިޔައީ ތައްޔާރުވަމުން، އިންޓަނޭޝަނަލް އެކި ބްރޭންޑްތައް ގެނައުން ދޯ، މިކޮޅުގެ މެއިން މަގްސަދަކީ އެހެންވެ އެއަށް ވަރަށް ބޮޑަށް ތައްޔާރުވަމުން ދިޔައީ،" އޮފިޝަލް ވިދާޅުވިއެވެ.

ނިއު އެޑިޝަންގެ އޮފިޝަލް ވިދާޅުވީ، ދުނިޔޭގެ އެކި ގައުމުތަކުން ކޮވިޑް ފެނުމާއެކު ބޭރުން މުދާ ގެނައުމުގައި ވަރަށް ބޮޑަށް ދަށްވެގެން ދިޔަ ކަމަށެވެ. އަދި ތަކެތި ލިބުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހުނު ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"އެކަމަކު ފުރަތަމަ ކޮޅުގައި އެހާ ބޮޑަކަށް، ބޭރުކޮޅުން އުނދަގުލެއް ނޫން، އެއީ އެހާ ބައިވަރު މުދާ ގެނެސްފައި ހުރީމަ،" އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ހަމައެކަނި ހޮންޑާގެ އޮތޮރައިޒް ޑިސްޓްރިބިއުޓަރ، ޝީޝާއިން ދިޔައީ، އެ ކުންފުނީގެ ވިޔަފާރި މުޅި ރާއްޖެއަށް ފުޅާ ކުރަމުންނެވެ. އަދި ހޮންޑާ ބްރޭންޑްގެ އެންމެ ފަހުގެ ސައިކަލުތައް ރާއްޖެއަށް ގެންނަމުންނެވެ. ނަމަވެސް ކޮވިޑާއެކު ކުންފުނީގެ އޮޕަރޭޝަންތައް ހުއްޓުނެވެ. އަދި ޝިޕްމެންޓްތައް ޑިލޭ ވެގެން ދިޔައެވެ.

ނިއު އެޑިޝަންގެ އޮފިޝަލް ވިދާޅުވީ، ވިޔަފާރި ފުޅާކުރުމުގެ ކަންކަން ކުރިއަށްދަނިކޮށް، ކޮވިޑާއެކު ވިޔަފާރިއަށް ވަރަށް ބޮޑު އަސަރެއް ކުރި ކަމަށެވެ.

"ބޮޑު އިންވެސްޓްމެންޓެއް ކޮށްފައި މިކަން ދިމާވީމަ، ދެން ވާނެ ގޮތް ހުންނާނެތާ، ވަރަށް ވަރަށް ބޮޑު ދަތިތަކަކާ ކުރިމަތިލާން ޖެހުނު،"

ޝީޝާ އިން ވިއްކާ ސައިކަލްތަކެއް - ވަގުތު އިމޭޖްސް: އިމޭޖްސް

އެހެން ގައުމުތަކަށްވުރެ ފަހުން ރާއްޖެއިން ކޮވިޑް ފެނުނު ނަމަވެސް ރާއްޖޭގެ ބައެއް ކުންފުނިތަކަށް އޭގެ ކުރިންވެސް އަސަރުތައް ކުރިއެވެ. އެގޮތުން ބައެއް އިންޓަނޭޝަނަލް ޓެރޭޑް އާއި ދަތުރުތައް ހުއްޓުމުން ރާއްޖެއަށް މިސްރާބު ޖަހަން ދަތުރު ފެށި ބައެއް ޝިޕްމެންޓްތައް ވަރަށް ބޮޑަށް ލަސްވެގެން ދިޔައެވެ. ޝީޝާއަށްވެސް ދިމާވީ ހަމަ އެފަދަ ގޮތެކެވެ. އާ ސައިކަލުތަކުގެ ޝިޕްމެންޓް ވަރަށް ބޮޑަށް ޑިލޭވިއެވެ. އަދި އެ ކުންފުނީގައި މަސައްކަތް ކުރަމުންދިޔަ އެހެން ގައުމުތަކުގެ މުވައްޒަފުންނަށް އަނބުރާ ގައުމަށް ނުދެވި ތާށިވިއެެވެ.

ފުރަބަންދާއެކު ވިޔަފާރިތައް ހުއްޓި، ތަކެތި އަގުބޮޑުވި!

ރާއްޖޭގެ ވިޔަފާރިތަކަށް ހާއްސަކޮށް، މާލެ ސަރަހައްދުގެ ވިޔަފާރިތަަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ދިޔައީ ފުރަބަންދު ކުރި ހިސާބުންނެވެ. ރާއްޖެ ފުރަބަންދު ކުރަން ޖެހުނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު މާލެ ސަރަހައްދުން ބަލި ފެނުމުންނެވެ. ބަލި ކޮންޓްރޯލް ކުރުމަށް އޮތް އެންމެ ބޮޑު ފިޔަވަޅަކީ ފުރަބަންދު ކުރުން ކަމަށް ކަނޑައެޅިއެވެ. މިއާއެކު ގިނަބައެއްގެ ވިޔަފާރިތަކަށް އަސަރު ކުރިއެވެ.

މާލޭގެ ވިޔަފާރިވެރިއަކު ވިދާޅުވީ، ފުރަބަންދު ކުރި ހިސާބުން ކުރިން ގަވާއިދުން ވިޔަފާރި ކުރަމުންދިޔަ މީހުން ފިހާރައަށް އައުން ހުއްޓި ސޭލް ވަރަށް ބޮޑަށް ދަށްވި ކަމަށެވެ. އަދި ހާއްސަކޮށް މުދާތައް ލިބުމުގައި ހުރި ދަތިތަކާއެކު ތަކެތި އަގުބޮޑުވެގެން ދިޔަ ކަން ފާހަގަކުރިއެވެ.

"އެހެން ނަމަވެސް މި ހާލުގައިވެސް މުވައްޒަފުން ވަކި ނުކޮށް ކުރިއަށްގެންދެވޭތޯ ބަލަމުން ދިޔައީ، އަދި މުސާރަތައް ކުޑަކުރަމުންދިޔައިރު، ފްރޮންޓްލައިންސް ސްޓާފުންގެ މުސާރައަށް ބަދަލު ނުގެންނަން،" އޭނާ ވިދާޅުވިއެވެ.

ފުރަބަންދާއެކު ގިނަ ވިޔަފާރިތަކުން ފެށީ އޮންލައިން ވިޔަފާރިއެވެ. އޮންލައިން ވިޔަފާރިއަށް ވަރަށް ބޮޑަށް ރާއްޖެ ހުޅުވިގެން ދިޔައެވެ. އަދި ޑެލިވަރީ ހިދުމަތްތައް ފުޅާވިއެެވެ.

ނިއު އެޑިޝަންގެ ފިހާރަ.

"އެންމެ ބޮޑު ކަމަކަށް މި ދިމާވީ، މުދާ ނުލިބޭ ތަނުގައި، އެއްޗެހި އަގުބޮޑުވެފައި ޝިޕިންގވެސް އެހާ ބޮޑުވެގެން، އަދި ލޮޖިސްޓިކްވެސް ވަރަށް ބޮޑުތަން އަގުބޮޑުވެގެން ދިޔަ، ދެން ރައްޔިތުންނަށް އަގުހެޔޮކޮށް ތަކެތި ފޯރުކޮށްދިނުމަށްޓަކައި ބައެއް ޕްރޮޑަކްޓްތަކުން ކިރިޔާ ފައިދާ ނުވާ ގޮތަށްވެސް ހަދާފައި ވިއްކާފައި ހުންނާނެ، އެކަމަކު އެހާ ދިގު މުއްދަތަަށް އެގޮތަށް މަޑު ނުުރެވޭތޯވެ މިހާރު ބައެއް ޕްރޮޑަކްޓްތަކުގައި ހުންނާނީ އަގު ބޮޑުކޮށްފައި، އެއީ ހަމަ ނުވާތީ". ނިއު އެޑިޝަންގެ އޮަފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީީ، މިގޮތަށް ދިމާވަނީ މުދާ އުފެއްދުން ލަސްވެ، ޝިޕިންގ އަގުބޮޑުވުމުން ކަމަށެވެ.

ޝީޝާގެ އޮފިޝަލް ވިދާޅުވި ގޮތުގައި ކޮވިޑާ ހެދި އެ ކުންފުނީގެ ވިޔަފާރި ވެސް ހުއްޓުނެވެ. އައުޓްލެޓްތައް ބަންދު ކުރިއެވެ. އަދި ބައެއް މުވައްޒަފުން ނޯޕޭއަށް ފޮނުވާލަން މަޖުބޫރުވިއެވެ. އަދި ކުންފުނީގެ ބައެއް މުވައްޒަފުންގެ މުސާރަތައް ކުޑަކުރިއެވެ.

"އެހާލަތުގައިވެސް ކުންފުނި ހިންގޭތޯ މަސައްކަތް ކުރި، އޭރު ވެސް އަހަރުމެން ކުންފުނީގެ މުވައްޒަފުން އަހަރުމެންނަށް އިތުބާރުކޮށް، އަހަރުމެން އެ މުވައްޒަފުން ދޫކޮށްނުލާނެ ކަމުގެ ޔަގީންކަން އެ މުވައްޒަފުންނަށް ލިބުނު. އަހަރުމެން ބުނިން އެ މުވައްޒަފުން ކައިރީގައި ފުރަބަންދަށް ލުއި ދިނުމާއެކު މަސައްކަތަށް އަނބުރާ ނުކުމެވޭނެ ކަމަށް، އަދި ދެ މަސް ތެރޭގައި ކުރީގެ މުސާރައަށް މުވައްޒަފުންގެ މުސާރަ ބަދަލުވި". ޝީޝާގެ އޮފިޝަލަކު ވިދާޅުވިއެވެ.

ޝީޝާގެ އޮފިޝަލް ވިދާޅުވި ގޮތުގައި، ކޮވިޑްގެ ފުރަބަންދު ހާލަތުގައި ކަސްޓަމަރުންނާއި ގާތުން މަސައްކަތް ކުުރުމަށް އޮޕަރޭޝަންތައް ހިންގަމުން ދިޔައީ އޮންލައިންކޮށެވެ. އަދި ދަތި އެ ދުވަސްވަރުގައި ކަސްޓަމަރުންނާއި، މުވައްޒަފުންނާއި ވަރަށް ގާތް ގުޅުމެއް އުފެދިގެން ދިޔަކަން ވެސް އޮފިޝަލް ފާހަގަކުރިއެވެ.

މާލެ ސަރަހައްދު ފުރަބަންދު ކުރުމުން ތަކްލީފް އުފުލަން ޖެހުނު އެއްބަޔަކީ ޓެކްސީ ދުއްވާ މީހުންނެވެ. އެ މީހުންނަށް އާއްމުދަނީ ލިބެން ހުރި މަގު އެއްކޮށް ބަންދުވީއެވެ. ފުރަބަންދާއެކު ޓެކްސީގެ ޑިމާންޑް އެއްކޮށް ދަށްވެ، މުޅި ވިޔަފާރި ހުއްޓިގެން ދިޔައޭ ބުނެވިދާނެއެވެ. މިހެން ވުމުން ބައެއް ޓެކްސީ ޑްރައިވަރުން މަސައްކަތް ދޫކޮށް އަނބުރާ އަނބިދަރިން ގޮވައިގެން ރަށަށްވެސް ދިޔައެވެ.

ފިހާރައެއްގައި ވިއްކަން ބަހައްޓާފައި ހުރި ފޯނުތަކެއް. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

"ވަރަށް ބޮޑަށް ދަތުރު މަދުވެގެން ދިޔަ، ވަރަށް ގިނަ ޓެކްސީ ޑްރައިވަރުން، ސަރުކާރުން އެހީ ނުވި، މިގޮތަށް އެހީނުވުމުން އެ މީހުން ޖެހުނީ ކާރުތަކާއި އެއްޗެހި ދޫކޮށްލާފައި، އަނބުރާ ރަށަށް ދާން އަނބިދަރިން ގޮވައިގެން، މިހެން ވުމުން ޓެކްސީ ޑްރައިވަރުންވެސް މަދުވި، އެ މީހުންނަށް ލިބުނު އާއްމުދަނީވެސް ހުއްޓުނު". މާލެ ސަރަހައްދުގެ އެންމެ ބޮޑު އެއް ޓެކްސީ ފްލީޓް ކަމަށްވާ އަވަސް ރައިޑްގެ އޮފިޝަލަކު ވިދާޅުވިއެވެ.

ޑޮލަރުގެ އަގަށް ބޮޑެތި ބަދަލުތަކެއް!

މާލޭގެ ވިޔަފާރިވެރިއަކު ވިދާޅުވީ، ކޮވިޑާއެކު މުދާ ލިބުމުގައި ދަތިތަކެއް ދިމާވެ، ގާތްގަނޑަކަށް ހުރިހާ އައިޓަމެއްގެ އަގުތައް ބޮޑުވެގެން ދިޔަ ކަމަށެވެ. އަދި މިކަން ކުރަން މަޖުބޫރުވީ ޑޮލަރު ލިބުމުގައި ހުރި ދަތިތަކާއެކު ވިޔަފާރިތައް އެ ފުށް މިފުށަށް ޖެހި ކަޅު ބާޒާރުގައި ޑޮލަރު ގަނެގެން ކަންކަން ކުރާ ހިސާބަށް ދިޔައީމަ ކަމަށް ވިޔަފާރިވެރިޔާ ވިދާޅުވިއެވެ.

ޝީޝާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ކުންފުންޏަށްވެސް އެންމެ ބޮޑު ދަތިކަމެއް ދިމާވީ ޑޮލަރު ލިބުމުގައެވެ.

"ޑޮލަރުގެ އަގުތައް މައްޗަށް ދިއުމުން، ޕްރޮޑަކްޓްސްތަކުގެ އަގުތައް ވެސް މަތިވެގެން ދިޔަ، މިއީ ވަރަށް ބޮޑަށް ދަތިވެގެން ދިޔަ ކަމެއް،" އޮފިޝަލް ވިދާޅުވިއެވެ.

ވިޔަފާރިތަކަށާއި އާންމުންގެ ބޭނުންތަކަށް ޑޮލަރު ލިބުމުގައި ދަތިތަކެއް އެބަ ހުއްޓެވެ. ޑޮލަރުގެ ކަޅު ބާޒާރެއް ވެސް އުފެދި، ޑޮލަރުގެ އަގު ވަރަށް ބޮޑަށް މަތިވެގެން ދިޔައެވެ. މިހާރު ވެސް 17 ރުފިޔާއާއި 15 ރުފިޔާއާ ދެމެދު ޑޮލަރުގެ އަގު އުޅެއެވެ.

ކޮވިޑާއި ހެދި ވިޔަފާރިތަކަށް ލިބުނު ގެއްލުންތައް އަގު ނުކުރެވޭނެއެވެ. ހާލުގައި އެތައް ވިޔަފާރިވެރިއެއް އެބަތިއްބެވެ. ހާލަތު ބަދަލުވެދާނެ ކަމަށް ބަލައި، އުއްމީދުގައިިވެސް އެތައް ބަޔަކު އެބަ ތިއްބެވެ. ރާއްޖެއިން ކޮވިޑް ފެނުނުތާ އަހަރެއް ވިކަމުގައިވިޔަސް، އަދިވެސް ހާލަތަށް މާބޮޑު ބަދަލެއް އަންނަތަން ނުފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އިހުސާސް

    އެހެންވީމަ ގެއްލުންވި ބައި ރައްޔިތުން އަތުން ފެލާލަންވާނެ މިޤައުމުގައި ދުވަހަ ކުވެސް އަގުތިރިއެއްނުވާނެ ތަ ކެތީގެ އަގު އުފުއްލޭނީ ދުނިޔޭގެ ބާޒާރުގައި އަގުބޮޑުވާއިރަށް ބޮޑުވާނެ އަގު ތިރިއެއްނުވާނެ

    24
    • Anonymous

      ބޮޑެތި ވިޔަފާރި ތަކަށް ގެއްލުމެއް ނުވާނެ. ރިސޯޓް ތައް ބަރާބަރަށް ހިންގެ އެއްނު. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހަލާކުކޮާްލުން މިފިޔަވަޅުތަކުގެ ބޭނުމަކީ.

  2. ނަޝް

    ދެންވެސް ﷲގެމަގައް ރުޖޫޢަވޭ ޒަ ކާތްނެރޭ ނި ކަމެތިންނައްް އެހީވޭ

    22
    1
  3. މީވިޔާ

    ނޫހުގައި ޚަބަރު ލިޔާއިރު ކަމުގެ ދެކޮޅު ބަލާފައި ލިޔުން މުހިއްމު

    1. ކޮވިޑު ފެށުނު ފަހުން އިމްޕޯޓު މުދަލުން އިތުރު ފީނަގަން ފެށުނު.
    2. ބިދޭސީންގެ ވިސާ ފީ، ކޯޓާ ފީ އަދި އިންޝުއަރެންސް ބޮޑު ކުރި.
    3. އިމްޕޯޓު ޑިއުޓީ ބޮޑުވުން.
    4. ޝިޕިންގ އޭޖެންޓުން ރެޖިސްޓްރީ ކުރަން ޖެހުމުން، ޝިޕިންގ ފީ ބޮޑު ވުން.
    5. ޕުލާސްޓިކް އިން 400% ޑިއުޓީ ނަގަން ފެށުން.

    މިހުރިހާ ކަމެއް ކުރަނީ އުފާވެރި ދިރިއުޅުމަކައް ރަތްޔިތުން ގެންދިއުމައް، ނަމަވެސް މިޤައުމުގައި ދައުލަތުން ރަތްޔިތުން ނައް އަނބުރާދޭނެ އެއްޗެއް ނޯވެ. ޓެކްސް ފައިސާ ޚަރަދު ކުރަނީ އާސަންދައައް ކަމައްވޭ، އަދި ނަރުދަމާ، މަގު، ބަނދަރު ، ކުޅިވަރު ކުޅޭ ބިން، ސްކޫލް، ކޮންމެ ތަނެއް ހަދަން ވިޔަސް ލޯނު ނުނަގާ ނުވޭ.

    20
    1
  4. މުހަންމަދު

    ސަރުކާރުގެ ކޮޅުގައި ތިބި ގިނަ ބަޔަކު މުއްސަދިވެގެން ދިޔަ ދެއްތޯ؟ ވެންޓިލޭޓަރ ވަގުންތަށް ކޮބައިތޯ؟

    15
  5. ޒާ

    ހުރިހާވެސް މައްސަލައަކީ ކަންކުރަން ނޭނގުމާ ނާގާބިލްކަން. ކޮވިޑޭކިޔާފަ އެޅި ކޮންމެ ފިޔަވަޅެއް އެޅީ ވިޔަފާރިތައް ހަލާކުވާގޮތަށް. ރައްޔިތުން ބިކަވެ މުޅި ދިރިއުލުން ހަލާކު ކޮށްލީ ސަރިކާރުން.

    5
    1
  6. ހހހހ

    ރިސޯޓް ތަކުގަ މުވައްޒަފުން މާަްކް އެޅުންވެސް މަނާ. އެކަމަކު ކޮވިޑް ނެތް ރަށްރަށުގަ ފުއްޕާ މޭގެ މައްސަލަ ހުންނަމީހުންވެސް މާސްކް އަޅަންޖެހޭ. ކޮވިޑުން ވާ ގެއްލުމަށްވުރެ މާސްކް އަޅައިގެންވާ ގެއްލުން ބޮޑުވާނެ. އާމްދަނީ އެއް ނުލިބޭ. އެކަމަކު މާސްކް ގަންނަން ޖެހޭ. ސަރުކާރަކީ ބުރާންތިންގެ އައްޑާއެއް.