ކޮވިޑް-19 އާއި ގުޅިގެން ކެފޭ ރެސްޓޯރެންޓް އަދި ހޮޓާތަކަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިހާރު އަޅާފައިވާ ފިޔަވަޅުތަކާއިއެކު ރަމަޟާން މަހާއި ކުރިމަތިލާން ޖެހިއްޖެނަމަ ރަމަޟާން މަސް ނިމޭއިރު، ސިނާއަތުގެ 50 އިންސައްތަ ވިޔަފާރި އެއްކޮށް ބަންދުކުރަން ޖެހޭނެ ކަމަށް ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރެމް) އިން ބުނެފިއެވެ.

ރެމް އިން މިހެން ބުނީ އެޖަމިއްޔާގެ ރައީސް "ރާއްޖެޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައެވެ. ރެމްގެ ރައީސް ހާމިދު އަފީފް ވިދާޅުވީ މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި އެކު ރަމަޟާން މަހު ވިޔަފާރިތައް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ރަމަޟާން މަހުގެ ދުވާލު ކެފޭ ރެސްޓޯރެންޓްތައް ހުންނާނީ ބަންދުކޮށްފައި ކަމަށާއި އިރުއޮއްސި 18:00 އިން ރޭގަނޑު 20:00 އަށް ޑައިނިން ސާވިސްގެ ހިދުމަތް ދެވޭއިރު، މިހާރު އެކުލަވާލާފައިވާ އުސޫލާ އެއްގޮތަށް ގައިދުރުކަން ބަހައްޓައިގެން ހިދުމަތް ދެވޭނީ ރެސްޓޯރެންޓް ނުވަތަ ކެފޭ، ހޮޓާގެ 30 އިންސައްތަ ކެޕޭސިޓީއަށް ކަމަށް ހާމިދު ވިދާޅުވިއެވެ.

ދެ ގަނޑިއިރުގެ ތެރޭގައި އެގޮތަށް ހިދުމަތްދީގެން އާމްދަނީއެއް ނުލިބޭނެ ކަމަށާއި ކުލި ދައްކާނެ ފައިސާގެ އިތުރުން ކާތަކެތި ތައްޔާރުކުރަން އެބޭނުންވާ ސާމާނު ގަންނާނެ ފައިސާވެސް ނުލިބޭނެ ކަމަށް ހާމިދު ވިދާޅުވިއެވެ. އެހާ ހިސާބުން މުޅި ސިނާއަތް ކޯމާއަކަށް ދާނެ ކަމަށާއި އެކޯމާއިން ހޭއަރާނެ ކަމުގެ އުންމީދެއް ނެތް ކަމަށް ހާމިދު ވިދާޅުވިއެވެ.

މީގެ އިތުރުން ކޮވިޑް-19 ވެކްސިނޭޝަން ޕްރޮގްރާމް މިހާރު ރާއްޖޭގައި ފަށާފައިވާއިރު، ވެކްސިނާއި އެކު ލިބިގެންދާ ލުއިތަކުގެ ތެރެއިން ކެފޭ ރެސްޓޯރެންޓްތަކަށް ލުއި ދިނުން އެދޭ ކަމަށާއި އެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ކުރީ ސަފުގައި މަސައްކަތްކުރާ ގިނަ މުވައްޒަފުން މިހާރު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިކަމަށް ހާމިދު ވިދާޅުވިއެވެ.

މިހާރު ރޭގަނޑު 20:00ގެ ފަހުން ކެފޭ ރެސްޓޯރެންޓް އަދި ހޮޓާ ތަކުން ޑައިނިންގެ ހިދުމަތް ނުދެވެއެވެ. އަދި ރޭގަނޑު 22:30 ގައި ޑެލިވަރީ ވެސް ހުއްޓާލަން ޖެހެއެވެ. ރެމް އިން އެދެނީ ރޭގަނޑު 00:00 އާއި ހަމައަށް ޑެލިވަރީ ޚިދުމަތް ދިނުމުގެ ހުއްދަ ދިނުމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން މިދިޔަ އަހަރު މާލެ ފުރަބަންދު ކުރުމުން ވެސް އެންމެ ބޮޑު ގެއްލުމެއް ކުރިމަތިލާން ޖެހުނު އެއްބަޔަކީ ރެސްޓޯރެންޓްތަކާއި ކެފޭތައް ހިންގާ ވިޔަފާރިވެރިންނެވެ. މިދިޔަ އަހަރުގެ ރަމަޟާން މަހު ވެސް ކެފޭތަކާއި ރެސްޓޯރެންޓްތައް ބަހައްޓަން ޖެހުނީ ބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޒާ

    ބަންދުކުރާ ވާހަކަ ދައްކާނެ ކަމެއްނެތް. ސަރުކާރުން ހުރިހާ ވިޔަފާރިއެއް ހަލާކު ކޮށްލިއިރުވެސް ބަހެއް ނުބުނި ރައްޔިތުން ތިބީ ތިމާމެން ގެނައި ސަރުކާރުގެ އޯގާތެރިކަމުން

    14
    2
  2. ނަސީދު

    ސަރުކާރުގެ ބޭނުމަކީ ރައްއިތުން ސަލާންޖަހަން ނުކުތުން ކުރީ 30 އަހަރު އިޔާދަކުރަން ފަށަނީ

    12
    1
  3. ޖައިލަމް

    ބަންދު ކުރޭ... ކާ އެއްޗެހި ހަދާ ތަންތަނުގެ ސާފް ތާހިރުކަމެއް ނެތް... ލެމަން ގްރާސް ފިފްތު ބަންދު ކުރަން ޖެހޭ... ކާއެއްޗެހީ ގަ އުކުނާ ދިރޭ އެއްޗެހި ހުރި

    3
    3
  4. އަޙްމަދު

    ކުދިވިޔަފާރި ތަކާއި ޤައުމަށް ހުރި އެއްމެ ބޮޑު ނުރައްކަލަކީ ބަނގުލާދޭޝް މީހުން

  5. Anonymous

    ތިއުޅެނީ އަމިއްލަ މަސްލަހަތައިގެން...

    ފްރީ ޑެލިވެރީ ފަށާ... ގެއްލުމެއް ނުވާނެ!

  6. މުހޮނދު

    ތިކަންކަން ހައްލުކުރަން ބޭނުންނަމަ، މާލެ ސިޓީގެ މޭޔަރުކަމާއި، ކައުންސިލްތަކުގެ ފުލް މެޖޯރިޓީވެސް އެންމެން އަތުގުޅާލައިގެން އެމް.ޑީ.ޕީ އަށް ދެއްވާ! ވެރިކަމާއި މަޖްލިސް ދީގެން ގައުމު ފަތުއަޑު ކިޔާފައި މިހިރަގެން ކުރިއަށް ދަނީއެއްނު!