ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް ޑިރެކްޓަރަކަށް އައިޝަތު ސަމާހު އައްޔަންކޮށްފިއެވެ.

އައިޝަތު ސަމާހު ވަނީ ބީއެމްއެލްގެ ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓުގައި 13 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވައިފައެވެ. އަދި 2009 ވަނަ އަހަރުން ފެށިގެން އޭނާ އަންނަނީ ބޭންކުގެ ކޮމްޕެނީ ސެކްރެޓަރީގެ މަގާމު ވެސް ފުރުއްވަމުންނެވެ.

އައިޝަތު ސަމާހް އެންމެ ފަހުން ހުންނެވީ ބީއެމްއެލްގެ ހެޑް އޮފް ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް ކަމުގެ މަގާމުގައެވެ.

ބޭންކިން އަދި ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވައިފައިވާ އައިޝަތު ސަމާހް ވަނީ ކޯޕަރޭޓް ގަވަނެންސްގެ އުސޫލުތައް ހިފެހެއްޓުމުގައި މުހިންމު ދައުރެއް އަދާ ކުރައްވާފައި ކަމަށް ވެސް ރާއްޖޭގެ ގައުމީ ބޭންކް، ބީއެމްއެލް އިން ހާމަކުރެއެވެ.

މި މަގާމަށް އައިޝަތު ސަމާހް އައްޔަން ކުރުމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވަނީ މަރުހަބާ ދަންނަވައިފައެވެ. އައިޝަތު ސަމާހު ފަދަ ތަޖުރިބާ ހުރި ބޭފުޅަކު ބޭންކުގެ ލީޑާޝިޕާ ގުޅުމަކީ ލިބޭ ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލް އިން ވަނީ އެ ބޭންކްގެ ޗީފް ކޮމްޕްލަޔަންސް އޮފިސަރުގެ މަގާމަށް މަރިޔަމް ހަމީދު އައްޔަންކޮށްފައެވެ.

މީގެއިތުރުން ބީއެމްއެލްގެ ދަށުން ހިންގާ ކާޑްސް އެންޑް ޑިޖިޓަލް ބޭންކިން ވަނީ އަލަށް އެކުލަވާލި ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން ޑިވިޝަންގެ ދަށަށް ބަދަލުކޮށްފައެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކް ބީއެމްއެލްގައި އެތައް ސަތޭކަ ބަޔަކު ވަޒީފާ އަދާކުރަމުން އަންނަ އިރު، އެތަނުގެ 99 އިންސައްތަ މީހުންނަކީ ދިވެހިންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކިޔު

    ދައްތައަށް މަރުހަބަ!