މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ އަހަރު 994 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

މީރާ އިން ވިދާޅުވި ގޮތުގައި މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ ފެބްރުއަރީ ލިބުނު އާމްދަނީއަށް ވުރެ 30.9 އިންސައްތަ ދަށް އަދަދެކެވެ. މި މަހު އާމްދަނީ ދަށްވެފައިވަނީ ރާއްޖެ އަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ސަބަބުން ކަމަށް ވެސް މީރާ އިން ވިދާޅުވިއެވެ.

އެގޮތުން ގްރީން ޓެކްސް، ބީޕީޓީ އަދި އެއާޕޯޓު ޓެކުހާއި ފީ ފަދަ ޓެކުހުން ލިބިފައިވާ އާމްދަނީ ވަނީ ދަށްވެފައެވެ. މީގެއިތުރުން މި އަހަރުގެ ފެބްރުއަރީ މަހުގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ލިބުނު އާމްދަނީ އާ އަޅާބަލާއިރު މިދިޔަ މަހު ލިބިފައިވާ އާމްދަނީ ދަށްވުމުގެ އިތުރު ސަބަބެއް ކަމަށް ވެސް މީރާ އިން ވިދާޅުވިއެވެ. މި ފީ މިދިޔަ މަހު ލިބިފައެއް ނުވެއެވެ.

ނަމަވެސް ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރަމުން އަންނާތީ މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާ ކުރި ވަރަށް ވުރެ އެ މަހުގައި ލިބިފައިވާ އާމްދަނީ 41.2 ޕަސަންޓު އިތުރުުވެފައިވާ ކަމަށް ވެސް މީރާ އިން ވިދާޅުވިއެވެ. މީގެ ސަބަބަކީ ޓީޖީއެސްޓީ، ގްރީން ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް، ޖީޖީއެސްޓީ އަދި އެއާޕޯޓު ސާވިސް ޗާޖްގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވެފައިވުން ކަމުގައި މީރާއިން ހާމަކުރެއެވެ.

މިިދިޔަ މަހު މީރާ އަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ޖީއެސްޓީއެވެ. އެއީ 672.79 މިލިއަން ރުފިޔާ ނުވަތަ 67.7 އިންސައްތައެވެ. އެއަށް ފަހު އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 107.47 މިލިއަން ރުފިޔާ ނުވަތަ 10.8 އިންސައްތައެވެ.

މީގެއިތުރުން ގްރީން ޓެކްސްގެ ގޮތުގައި 63.54 މިލިއަން ރުފިޔާ އެއާޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 34 މިލިއަން ރުފިޔާ، އެއާޕޯޓް ސާވިސް ޗާޖްގެ ގޮތުގައި 33 މިލިއަން ރުފިޔާ އަދި އެހެނިހެން ފީގެ ގޮތުގައި 82.77 މިލިއަން ރުފިޔާ ހިމެނެއެވެ.

މިދިޔަ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 41.71 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.