ނ.އަތޮޅު މާފަރާއި އިންޑިއާގެ މުމްބާއީއާއި ދެމެދު ދަތުރުތައް ފަށަން މޯލްޑިވިއަން އިން ނިންމައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު މިހާދު ވިދާޅުވީ، މާފަރު-މުމްބާއީ ދަތުރުތައް އަންނަ މަހުގެ 13 ވަނަ ދުވަހު ފަށަން ތައްޔާރުވެފައިވާ ކަމަށެވެ.

"މިހާރު އެކަމަށް ތައްޔާރުވެ، ޓީމުގެ ހުރިހާ މެންބަރުން ވަނީ ރިސޯޓްތަކާއި އެ ހިސާބުގެ ގެސްޓްހައުސްތަކާއެކު ވެސް މަސައްކަތް ކޮށްފައި. އުންމީދު ކުރަނީ މި ފުރުސަތު މި ހިސާބުގެ ގެސްޓްހައުސްތަކުން ވެސް ބޭނުން ކުރާނެ ކަމަށް”. މިހާދު ވިދާޅުވިއެވެ.

އޭނާ ވަނީ އެ ފުރުސަތުގެ ބޭނުން އެ ހިސާބުގެ ގެސްޓް ހައުސްތަކުން ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ހިމެނޭ ނ، ރ އަދި ބ. އަތޮޅުގައި 10،000 ޓޫރިސްޓު އެނދު ހުރިކަން ފާހަގަކުރަައްވާ އޭނާ ވިދާޅުވީ މިއީ އެ ސަަރަަހައްދަށް ރަނގަޅު ފުރުސަތަކަށް ވެގެންދާނެ ކަމަށެވެ.

މާފަރަށް މިހާރުވެސް ބައިނަލް އަގުވާމީ ފްލައިޓްތައް ޖައްސަމުން އައި ނަމަވެސް މިވަގުތު ޖައްސަނީ ޕްރައިވެޓް ޖެޓުތައްަން އޭނާ ފާހަގަ ކުރެއްވިއެވެ.

އެގޮތުން މިހާތަނަށް މި އަހަރު 211 ޖެޓަށް އެ ކުންފުނިން ހިދުމަތް ދީފައިވާ ކަމަށް މިހާދު ވިދާޅުވި އެވެ.

މީގެ އިތުރުން މާފަރު އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް އަންނަ ޖުލައި މަހު ފަށާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެ މަސައްކަތް މި އަހަރުގެ ނިޔަލަށްް ނިމޭނެ ކަމަށް މިހާދު ވަނީ ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު