އެސްޓީއޯ އިން ޑީސަލާއި ޕެޓްރޯލްގެ އަގު ބޮޑުކޮށްފިއެވެ.

ދެންމެ އެސްޓީއޯ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މާޗް 16 ވަނަ ދުވަހުން ފެށިގެން ޕެޓްރޯލް ލީޓަރެއް 8.85 ރުފިޔާއަށް އަދި ޑީސެލް ލީޓަރެއް 9.79 ރުފިޔާއަށް ވިއްކަން ނިންމާފައިވާ ކަމަށެވެ.

މިބަދަލު ގެނައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުން ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ފެބްރުއަރީ މަހު ވެސް އެސްޓީއޯ އިން ވަނީ ޑީސަލާއި ޕެޓްރޯލްގެ އަގު ބޮޑުކޮށްފައެވެ. މިއަދަކާއި ހަމައަށް އެސްޓީއޯ އިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 8.44 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަމުން އައީ 9.19 ރުފިޔާ އަށެވެ.

އެހެންކަމުން މިރޭ ވަނީ ޕެޓްރޯލް ލީޓަރަކުން 41 ލާރި އަދި ޑީސަލް ލީޓަރަކުން 60 ލާރި ބޮޑުކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ގައުމުތައް ހުއްޓުމަކަށް އައުމާއިއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް ވެއްޓުނެވެ. ނަމަވެސް މިހާރު އިޤުތިޞާދީ ހަރަކާތްތައް އިތުރުވާން ފެށުމާއިއެކު ތެލުގެ އަގު އަންނަނީ ކޮންމެވެސް ވަރަކަށް އުފުލެމުންނެވެ.