އައްޑޫ ސިޓީން ޓޫރިސްޓް ގެސްޓްހައުސް އަދި ޓޫރިސްޓް ހޮޓާ ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ ކުލީ ބިންތަކުގެ ތެރެއިން، 31 ބިމެއް ބިޑް ކާމިޔާބުކުރެއްވި ފަރާތްތަކާ މިއަދު ހަވާލުކޮށްފިއެވެ.

އެކަމަށްޓާކައި މިއަދު ހަވީރު އައްޑޫ ސިޓީ ފޭދޫ ޓޫރިޒަމް ޒޯންގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ބިޑް ކާމިޔާބުކުރެއްވި ފަރާތްތަކަށް، ބިންތައް ހަވާލުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް އެވެ.

އައްޑޫ ކައުންސިލުން ވިދާޅުވީ، މިއަދު ހަވާލުކުރި ކުލީ ބިންތަކުގެ ތެރޭގައި ހިމެނެނީ ހިތަދޫ ޓުރިޒަމް ޒޯންގެ ހަތް ބިމަކާއި، މަރަދޫ ޓޫރިޒަމް ޒޯނުން އެއް ބިމާއި، ފޭދޫން 12 ބިން އަދި ހުޅުދޫ އިން ނުވަ ބިމަކާއި މީދޫ ޓޫރިޒަމް ޒޯނުން ދެ ބިމެއް ކަމަށެވެ.

މި ކުލީ ބިންތަކުގެ ބިޑް ކާމިޔާބުކުރެއްވި ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ މި މާރިޗު މަހުގެ 14 އަދި 15 ވަނަ ދުވަހުއެވެ.

މިއަދު ހަވާލުކުރެވުނު ބިންތަކުގައި ޓޫރިސްޓް ގެސްޓްހައުސް އަދި ހޮޓާ ތަރައްގީކޮށް ހިދުމަތް ލަސްވެގެން ދެ އަހަރު ދުވަހުގެ ތެރޭގައި ފަށަންޖެހޭނެ ކަމަށް ކައުންސިލުން ވިދާޅުވެއެވެ.

އައްޑޫ ސިޓީން ޓޫރިސްޓް ގެސްޓްހައުސް އަދި ޓޫރިސްޓް ހޮޓާ ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވަނީ ޖުމުލަ 93 ބިމެކެވެ. މީގެ ތެރެއިން މިހާރު 31 ކުލީ ބިމުގެ ބިޑް ކާމިޔާބުކުރި ފަރާތްތަކާ ބިންތައް މިއަދު ހަވާލުކޮށްފައިވާއިރު، ބާކީ ހުރި 62 ބިމަށް ބީލަން ހުށަހެޅުއްވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކުދުވާނޑި މުހުންމާ

    އަނެއްކާވެސް އައްޑޫ ސިޓީން މިފެނުނީ ހިތާމަވެރި މަންޒަރެއް. މިފެންނަނީ އައްޑޫގެ ވެރިންމެދުވެރިކޮށް މާލޭގައި ތިބޭބަޔަކު ރައްޔިތުންގެ ސިކުނޑިއާއި ކުޅެ ބޮޑުމަންޒަރު ދައްކާތަނެވެ. މިއީތޯ އައްޑޫމީހުންނަށް ހައްގުވާމިންވަރަކީ.
    އިންތިހާބުތަކާއި ދިމާކޮށް ކަޑަޖެހުމާއި ބިންގާއެޅުމާއި ބޮޑުމަންޒަރުދެއްކުން މިއީތޯ ހަމަ އައްޑޫމީހުންނަށް އޮތްގޮތަކީ. އިހްލާސްތެރިކަމުގެ ކަންފުޅެއްވެސް ނެތީއޭހަމަ.
    ތިޔަބުނާ ގެސްޓް ހައުސް ބިންތަކަށް ބިޑްފޮތް ވިއްކައި އެބިޑްޑޮކިއުމަންޓް ބަލައިގަނެ ކަލޭމެންކުރިގޮތަކަށް އިވެލުއޭޓްކޮށް ތިޔަބިން ލިބުނުކަން އެންގީ ކޮންދުވަހަކުތޯ؟ މީގެ އެތަކެއްމަސްކުރީގެ ކަމެއް ހަމަ މިއިންތިހާބުގެ ކެމްޕެއިންނަށް ފަސްކޮށްފައިބޭއްވީތޯ ނޫނީ އިއްތިފާގުން މިއަދާއި ދިމާވީތޯ؟ މީގެ 15-10 އަހަރުކުރީއްސުރެން ރައްޔިތުންނަށް ދޫކޮށްފައިހުރި ބިންތަށް އެބަހުރި ހިތަދޫގައި ރައްޔިތުންނަށް އަދިވެސް ބިންހަވާލެއްނުކުރެވޭ، ސަބަބަކަށް ކައުންސިލުން ބުނަނީ އެސަރަހައްދުތަކުގައި މަގުނެހެދޭތީކަމަށް، މިއިންތިހާބާއި ދިމާކޮށް އެމަގުތަށް ކޮށައި އެރައްޔިތުންނަށް އެބިންތަށް ހަވާލުކޮށްދޭންވީނު. މާލޭގައި ތިބޭ ބޮޑުން ނާންގާކަމެއް ކުރާކަށް ސޯބެމެންނަކަށްނޭގޭނެ. މާލޭގައި ތިބޭ ބޮޑުން ބުނީތީވެ ރައްޔިތުންނަށް ކޮށްދޭންޖެހޭކަމެއް ނުކޮށްވެސް ބޮޑު ދިދަ ޖަހައިގެން މާލެއިން އަންނަ ވަފުދު ގޮވައިގެން ބޮޑުމަންޒަރުދައްކައިގެން ބޮޑުޖަލްސާބާއްވައި މުޅިރާއްޖެއަށް ތިމާމެން ކަންކުރާކަން ދެއްކުނީމައި އެއޮތީ މަސްއޫލިއްޔަތު އަދާކުރެވިފައި.
    ފިރާގުބުންޏަކަސް ސްރީލަންކަންވެސް އެހެން އެއަރލައިނަކުންވެސް މިއަހަރަކު އައްޑޫއަކަށް ފްލައިޓެއްނާޅާނެ. އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ވީރާނާވަމުން އެދާ ޝަންގްރިއްލާ ރިސޯޓް މަރާމާތުގެ ފަތުރުވެރިންނަށް ހުޅުވަންވީ، ހެރަތެރެ ހުޅުވަންވީ، ދެންވެސް މިހާރު ހުރި ޓުއަރިސްޓް ފެސިލިޓީތަށް ހުޅުވަންވީ، މާލެ-ގަން މޯލްޑިވިއަންގެ ޓިކެޓް ގެސްޓުންނަށް އަގުހެޔޮކުރަންވީ. ފުރަތަމަކުރާންވީކަންކަން ފުރަތަމަކުރޭ، ދެން އެފަހުން ކެމްޕެއިން ރެލީ ބޭއްވިޔަސް އެންމެ ރަނގަޅު، ކެމްޕެއިންރެލީ ތަކުގައި ދައްކާވާހަކަތަކުން ކަންކަން ނުހިންގޭނެ، ކަންކަން ހިންގޭނީ ކަންކަން ހިންގަން ފިސާރި ކެރިގެން ނިކުމެގެން.
    ހަގީގަތަކީ މިއަދު ފިރާގު އެދެއްކިވާހަކަތަކަކީ އެއީ ސަރުކާރުން ބޭނުވެގެން މިވަގުތަށް ދައްކާން މަޖުބޫރުވެގެން ފިރާގު ދެއްކިވާހަކައެއްކަން. އެއީ މިވަގުތަށް ހަގީގަތެއްނޫންކަން ފިރާގުވެސް ހިތުގެ އަޑިން ގަބޫލުކުރާނެ.