ފްރާންސްގެ ދެމަފިރިއަކު 63 ވަނަ ފަހަރަށް ރާއްޖެއަށް ޒިޔާރަތް ކޮށްފިއެވެ.

ފްރާންސްގެ މާޓް ނިޓަލް އާއި ނެޓަލީ ނިޓަލް މިއަދު ރާއްޖެއަށް އައިސްފައިވާއިރު، ޓޫރިޒަމް މިނިސްޓްރީން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އެދެމަފިރިންނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެދެމަފިރިން 1991 ވަނަ އަހަރުން ފެށިގެން ކޮންމެ ފަހަރަކު ވެސް ރާއްޖެއަށް އަންނަނީ ރާއްޖޭގެ ރީތިކަމާއި، ރާއްޖޭން ލިބޭ މެހެމާންދާރީގެ ސަބަބުން ކަަމަށް އެދެމަފިރިން ބުނެފައި ވެެެއެވެ.

މޯލްޑިވްސް ބޯޑާ މައިލްސް ޕްރޮގްރާމްގެ ދަށުން މި ދެމަފިރިންނަށް މަރުހަބާ ކިޔުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީގެ އިތުރުން ޓްރާންސް މޯލްޑިވިއަން އެއާވޭސް އިން ވަނީ ދެމަފިރިންނަށް ހަދިޔާތަކެއް ދީފައެވެ. އަދި އެއާޕޯޓުގައި ހުންނަ ކޮކޯޕާމް ދުނިކޮޅު ލައުންޖްގައި މި ދެމަފިރިންގެ ޝަރަފުގައި ވަނީ ކޭކެއްވެސް ފަޅާފައެވެ.

ނެޓަލީ ބުނީ ރާއްޖޭގެ ރީތިކަމުގެ އިތުރުން ދިވެހިންގެ ހިތްހެޔޮކަމާއި މެހެމާންދާރީ ވެސް ވަރަށް ކަމުދާ ކަމަށެވެ. މި ދަތުރުތަކުގެ ތެރެއިން ރާއްޖެއިންވެސް ރަހުމަތްތެރިން ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.

"ރިޕީޓް ޓޫރިސްޓުން" ގިނަ އަދަދަކަށް އަންނަ ރާއްޖެއަަކީ ފަތުރުވެރިކަމުގައި މަގްބޫލު އެެއް މަންޒިލެވެ. ޓޫރިސްޓުންގެ ހިތުގައި ރާއްޖެއާއި މެދު އޮތލޯބި އިތުރު ކުރަން ޓޫރިޒަމް މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން މީގެ ކުރިން ރާއްޖެއަށް 60 ވަނަ ފަހަރަށް ޒިޔާރަތްކުރި ދެމަފިރިއަކަށްވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ހާއްސަ މަރުހަބާއެއް ކިޔާފައެވެ. އެ ދެމަފިރިންނަކީވެސް ފްރާންސްގެ ދެމަފިރިންނެވެ.